18 ސެޕްޓެމްބަރ 2023 - 11:36

މެޑްރިޑް (ސެޕްޓެމްބަރު 18) - ކުޑަކުދިންތަކެއް ފެންނަ ބަދުއަހުލާގީ ވީޑިއޯއެއް އާއްމުކުރުމުގެ ތުހުމަތުގައި ރެއާމް މެޑްރިޑަށް ކުޅޭ ޒުވާން ކުޅުންތެރިންތަކެއް ހައްޔަރު ކޮށްފި އެވެ.
ރެއާލްގެ ޔޫތު ޓީމަށް ކުޅޭ ތިން ކުޅުންތެރިއަކު ހައްޔަރު ކޮށްފައި، އެއިން ކޮންމެ ކުޅުންތެރިއެއްގެ ފޯނުގައި ހިމެނޭ ހުރިހާ ޑޭޓާއެއް ނެގުމަށް ފަހު ކޯޓުގެ އެންގުމާ އެއްގޮތަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
މި މައްސަލަ ފެންމަތިވީ ކެނެރީ އައިލެންޑްސްގެ 16 އަހަރުގެ އަންހެން ކުއްޖެއްގެ މަންމަ، އެ ވީޑިއޯގެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މިދިޔަ ޖޫން މަހު އެ އަންހެން ކުއްޖާއާ އެކު އެ ކުޅުންތެރިން ގުޅުން ހިންގީ ރުހުމުގައި ކަމަށާއި ނަމަވެސް ސިއްރުން ރެކޯޑް ކުރިކަން އަންހެން ކުއްޖާއަށް އެނގުނީ މި ފަހުން ކަމަށެވެ.
ޒުވާން ކުޅުންތެރިންތަކެއްގެ ބަދުއަހުލާގީ މައްސަލަ ފެންމަތިވެފައި މިވަނީ، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސްގެ މައްޗަށް އަންހެން ކުޅުންތެރިއަކަށް ނުރުހުމުގައި ބޮސްދީ، ޖިންސީ ފުރައްސާރަ އާއި މަޖުބޫރު ކުރުވުމުގެ ދައުވާ އުފުލައި، މައްސަލަ ކުރިއަށް ދަނިކޮށެވެ.
ފުލުހުން ބުނެފައި ވަނީ ތުހުމަތުގައި ހައްޔަރު ކުރެވުނު ރެއާލްގެ ޒުވާން ތިން ކުޅުންތެރިން ތިބީ ރެއާލްގެ ސްޕޯޓްސް ކޮމްޕްލެކްސްގައި ބަންދު ކޮށްފައި ކަމަށާއި، ހަތަރުވަނަ ކުޅުންތެރިއެއްގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
ހައްޔަރު ކުރި ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ރިޒާވް ޓީމުގެ ކުޅުންތެރިއެއް ކަމަށާއި އަނެއް ދެ ކުޅުންތެރިންނަކީ ތިންވަނަ ޓީމު ކުޅުންތެރިން ކަމަށް ވެސް ފުލުހުން ހާމަ ކުރެ އެވެ.