18 ސެޕްޓެމްބަރ 2023 - 11:10

ޙާއިލް، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 18) - ސައުދީ ޕްރޯ ލީގުގެ އައް ތާއީ އަށް ކުޅޭ ޖަރުމަން ފުލްބެލް ރޮބާޓް ބައުއާ، އިސްލާމް ވެއްޖެ އެވެ.

ބައުއާ، 28 ވަނީ އޭނާ އިސްލާމްވި ކަން ހާމަކޮށް އިންސްޓަގްރާމުގައި އެކަން ހިއްސާ ކޮށްފަ އެވެ.
ބައުއާ އަކީ ޖަރުމަނަށް ހިޖުރަކުރި ކަޒަކިސްތާނުގެ ކްރިސްޓިއަން އާއިލާއަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ޓެންޒޭނިއާގެ ބައްޕަ އަކާއި ތުރުކީ-އިރާން މަންމައަކަށް ލިބުނު މުސްލިމް އަންހެނަކާ އެވެ.
ދުބާއީގައި މީގެ އަހަރުތަކެއް ކުރިން އޭނާ ކައިވެނި ކުރަން ވެގެން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ދީން ގަބޫލު ކުރި އެވެ. ނަމަވެސް އެއީ ކައިވެނީގެ މަގުސަދުގަ އެވެ.
ފުރަތަމަ އިސްލާމް ދީނާ ގުޅޭގޮތުން މާ ގިނަ ކަންކަން ނޭނގުނަސް، މިހާރު އޭނާ ދީނާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދައި، ސައުދީ އަރަބިއްޔާ އަށް ބަދަލުވި ފަހުން އިސްލާމް ދީމުގެ މާތްކަން މާ ބޮޑަށް އެނގެން ފެށި ކަން އޭނާ ހިއްސާ ކުރި އެވެ.
"އަހަރެން ކައިވެނި ކުރިއިރު ޝަހާދަތް ކީން މީގެ އަހަރުތަކެއް ކުރިން، އެކަމަކު މާ ބައިވަަރު ކަންކަމެއް ނޭނގޭ. އަހަރެން ދީނާ ބެހޭގޮތުން ދަސްކުރިން ވަރަށް ގިނަ ކަންކަން، އަދި ސައުދީ އަށް ބަދަލުވި ފަހުން ދީނުގެ މާތްކަން މާ ބޮޑަށް އެނގެން ފެށި، އަދި އަލުން އަހަރެން ޝަހާދަތް ކިޔަން ބޭނުންވޭ، ޤުރުއާން ކިޔަވައި، ދަސްކޮށް، އެކަން ކުރުން މަތީ ދެމިހުންނަން ބޭނުން." ހޮނިހިރު ދުވަހު ބައުއާ ހިއްސާކުރި ޕޯސްޓުގައި ވެއެވެ.
ބައުއާ، ސައުދީ ޕްރޯ ލީގުގެ އައް ތާއީއާ ގުޅުނީ މިދިޔަ މެއި މަހު، އެއް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ޖަރުމަން ބުންޑެސްލިގާ ގައި ވާޑާ ބްރޭމަން އާއި އެފްސީ ނޫންބާގް އަށް ވެސް ކުޅުމަށް ފަހު، ސައުދީ އަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ބެލްޖިއަމް އާއި ރަޝިއާ ލީގުގައި ވެސް ކުޅެފަ އެވެ.
ބައިނަލްއަގުވާމީ ލެވެލްގައި ޖަރުމަން ތަމްސީލު ކުރުމުގެ އުންމީދުގައި ބައުއާ ވަނީ 2015 ވަނަ އަހަރު ކަޒަކިސްތާން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ދޫކޮށްލައިފަ އެވެ. އޭނާ ވަނީ ޖަރުމަންގެ ޒުވާން ޓީމާ އެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކުޅުމުގެ އިތުރުން، 2016 ވަނަ އަހަރު ޖަރުމަން ޓީމާ އެކު އޮލިމްޕިކް ރިހި މެޑަލް ހާސިލް ކޮށްފަ އެވެ.