18 ސެޕްޓެމްބަރ 2023 - 09:21

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ލަސްވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށް ފަހު ކޯރަމް ހަމަވޭތޯ ބައި ގަޑިއިރު މަޑުކުރެއްވި އެވެ.
ކޯރަމް ހަމަނުވުމުން 9:30 އާ ހަމައަށް ޖަލްސާ ފަސްކުރުމުން ވެސް ފެށޭ ގޮތް ނުވުމުން ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ މެމްބަރުން މި ކަމަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ. މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާ އިރު، މިއަދުގެ ޖަލްސާއަށް ގިނަ މެމްބަރުން ވަޑައިނުގަންނަވާ ކަން ފާހަގަކުރައްވައި، އެކަން ހައްލުކޮށް ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަރިހުން ނަޝީދު އެދިވަޑައިގަތެވެ.
"ޖަލްސާ ބޭއްވުން މުހިންމު. އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި ގިނަ މެމްބަރުން އުޅުއްވާ އިރު، މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން، ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް ކެންސަލް ކުރަންޖެހުނެވެ.