މިހާރު 30: ލިސްޓް
މިހާރު 30: ލިސްޓް

ހުދު ދޮންވެލިގަނޑު މަތީގައި ފަތުރާލައިފައިވަނީ ހަނދުވަރުގެ ރިހި ދޫލައެކެވެ. ތަނުގައި ހުންނަން އަހަރެން ބޭނުންވި އަލިކަމަކީ އެއީއެވެ. ވެލިގަނޑުގައި ސިއްރުސިއްރުން ބޮސްދީފައި ދާ ރާޅުގެ އަޑަކީ، އެ ޙަފުލާގައި ހުންނަން އަހަރެން ބޭނުންވި މިޔުޒިކެވެ. ކަނޑުން އަރައިގެން އައި ނަލަ ރޯޅިތައް، މެހުމާނުންނަށް މަރުޙަބާ ކިޔުމުގައި އަވަދިނެތި އުޅުނެވެ. އެ ތަނުގައި ހުންނަން ބޭނުންވި ފިނިކަމަކީ އެއީއެވެ. ހެދުމުގެ ފަސްބައި ކޮށިކޮށްލައިގެން، ހުސްފައިގައި އަހަރެން ހިނގީމެވެ. ހިތަށްއެރިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ހުރި ފިރިހެނަކީ ކާކު ހެއްޔެވެ؟ ހުވަފެނުން ހޭލެވެނީ އެ ހިސާބުންނެވެ. ވަރަށް ގިނައިން އެ ހުވަފެން އަހަންނަށް ފެނެއެވެ. ވަރަށް ފޮނި އުންމީދުތަކެއް އަހަރެން ކުރީމެވެ.

އެކްސިޑެންޓެއްގައި ބައްޕަ ނިޔާވިއިރު ހަތް އަންހެންކުދިން މަންމައަށް ލިބިފައިވެއެވެ. އަހަންނަކީ މެދަށް ހުރި ކުއްޖާއެވެ. ގެއިން މަންމައަށް ލިބިފައިވަނީ ކުޑަ ތަންކޮޅެކެވެ. ވީހާ ވެސް އަވަހަކަށް އެ ތަނުން ނުކުންނަން އަހަރެން ހުރީ ބޭނުންވެފައެވެ. އަހަރެންގެ ކުރިން ކައިވެނިކުރި ދައްތަމެން ޖެހުނީ ފިރިމީހާގެ ގެއަށް ދާށެވެ. އަހަންނަށް ވެސް އޮތް ގޮތަކީ އެއީއެވެ. ލޯބިވެވުނީ އޮފީހުން ދިމާވި ރައްޓެއްސަކާއެވެ. އޭނަގެ ނަމަކީ ޒަހީނެވެ. އަހަރުމެން ދެ މީހުންގެ އުމުރަކީ ވެސް ނަވާރަ އަހަރެވެ. އެ ގެއަށް އަހަރެން ދަމެވެ. އަހަރެންގެ ގެއަށް ޒަހީން އައެވެ. ލޯބިވެގެން އުޅުނުއިރު އަހަރުމެން ދެއްކީ އެކަކުއަނެކަކު އަހާހިތްވާ ކަހަލަ ވާހަކައެވެ. ލޯބިވާ ވާހަކަ ނުބުނާ އެންމެ ދުވަހެއް ވެސް ނުދެއެވެ. ހެނދުނުގެ ސަލާން ނުކުރާ ދުވަހެއް، ރޭގަނޑުގެ ވަދާޢު ނުކިޔާ ރެއެއް ވެސް ނުދެއެވެ. މުހިންމު ވާހަކަތައް ފަހަށް ބެހެއްޓީއެވެ. ފައިސާ ރައްކާ ކުރީ ޙަފުލާއަށާއި، ކައިވެނީގައި ލާ ހެދުން ފެހުމަށެވެ. މަންމައަށް މާ ބޮޑު އެހީއެއް ނުވެވޭނެކަން އެނގެއެވެ.

ޒަހީންގެ ގެދޮރެއް މާލެއަކު ނެތެވެ. އަހަރެންގެ ގެދޮރު ހުއްޓަސް ކައިވެނިކޮށްގެން ވަންނާނެ ތަނެއް އެ ތާކު ނެތެވެ. ހުޅުމާލެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފުމަކީ ބުނެލަން ފަސޭހަ ކަމެކެވެ. ކުއްޔަށް ޚަރަދުވާ ފައިސާ ލިބުމުގައި ކިރިޔާ ވެސް ތާށްޓެއް އަރައިފި ނަމަ، ދެން ކަންތައް ވެދާނެ ގޮތަކާ މެދަކު ނުވިސްނުނެވެ. ކައިވެނިކޮށްގެން އެޕާޓްމަންޓަށް ބަދަލުވެފައި، އެފްބީގަ އާއި އިންސްޓަގްރާމްގައި ފޮޓޯތައް ތަތްކުރަމުންދިޔައީމެވެ. ރައްޓެހިންގެ ތަޢުރީފު އޮހުނެވެ. އަންބެއްގެ ވާޖިބު އަދާކުރަން އަހަރެން ކިހާ ތައްޔާރު ނޫންކަން އޭރަކު ނުވިސްނެއެވެ.

އެއްބަނޑުއެއްބަފާ ކުދިންނާ އެކުގައި ގޭގައި އުޅުނުއިރު އަހަރެން އެއްވެސް ޒިންމާއެއް ނުނަގަމެވެ. އޮފީހުން ގެއަށް އަންނައިރު ކެއުން ހުންނަނީ ތައްޔާރުވެފައެވެ. ފެންވަރައިގެން ނުކުންނައިރު ހެދުން ހުންނަނީ ދޮވެއިސްތިރި ކޮށްފައެވެ. ކުޑަމިނުން އެނދުގެ ތަންމަތިއެޅުމަކީ ވެސް އަހަރެން ކުރާ ކަމެއް ނޫނެވެ. ޒިންމާ އަދާކުރެވުނުކަމަށް މަންމަ ބެލީ، ދަރިންގެ ހުރިހާ ކަމެއް މަންމަ ކުރުމެވެ. ދަރިންނަށް ކަމެއް ނުޖެއްސުމެވެ. އޭގެ ހިތި ނަތީޖާ އަހަންނަށް ފެނުނީ އެންމެ ހިތި ގޮތަށެވެ.

ކައިވެނީގެ ފުރަތަމަ ހެނދުނެވެ. ސައިބޯނެ އެއްޗެއް ނެތެވެ. އަހަރުމެން ދިޔައީ، ކައިރީގައި ހުރި ކެފޭއަކަށެވެ. ކުރިން ވެސް ވަރަށް ގިނައިން އަހަރުމެން ރެސްޓޯރަންޓުތަކަށް ދަމެވެ. ހީކުރެވުނީ، ދިރިއުޅުމެއް ފެށުމަށް ފަހުގައި ވެސް އެހެން އުޅެވޭނެކަމަށެވެ. ގެއަށް އައި މަގުމަތީގައި، ހެނދުނުގެ ނާސްތާ ކުރެވޭ ކަހަލަ ލުއިކާ ގަތީމެވެ. ކޯންފްލޭކްސް އާއި ޕާން ކަހަލަ އެއްޗެހި ވެސް ގަތީމެވެ. ހެނދުނުސައި ގަޑީގައި ރޮށްޓާއި ރިހަ ނޫން އެއްޗެއް ޒަހީނަށް ކަމުނުދާކަމެއް އަހަންނަކަށް ނޭނގެއެވެ. ޒަހީންގެ މަންމައަކީ އެ ފަދަ ހުރިހާ އެއްޗެއް ވަރަށް މީރުކޮށް ކައްކާ މީހެކެވެ. ޒަހީން ހުރީ އެ އަށް ދެވިހިފައިފައެވެ. ނަމަވެސް، ކައިވެންޏަށް ފަހުގައި ވެސް ޒަހީން އެ ވާހަކަ ސިއްރުކުރިއެވެ.

ދޮންނަމެޝިނު ހުއްޓަސް، އެ އަށް އަންނައުނު އެޅުމުގައި ގެންގުޅޭ އުސޫލެއް އަހަންނަކަށް ނޭނގެއެވެ. އެ ކަން ވެސް ބޭޒާރުވީ ލަދުވެތި ގޮތަކަށެވެ. ޒަހީންގެ ދެ ގަމީހުގައި ކުލަޖެހުނު ފަހުންނެވެ. ޒަހީނަކީ، ހެދުންއެޅުމުގައި އޮފީހުން އެންމެ ފާހަގަކުރެވޭ މުވައްޒަފެވެ. އަހަންނާ ކައިވެނިކުރި ފަހު އޭނަގެ ގަމީހުން ރަނގަޅަކަށް ރުލެއް ނުފިލައެވެ. އިސްތިރިކުރުމަކީ ވެސް ދަސްނުކޮށް ނޭނގޭނެ ކަމެއްކަން އެނގުނީ ވަގުތު ފާއިތުވި ފަހުންނެވެ. އެ ހިސާބުން، ދޮވެއިސްތިރިކުރުމާ ޒަހީން ހަވާލުވިއެވެ. އޮފީހުގެ ރައްޓެހީން ސަމާސާއަށް ނަމަވެސް ބުނެލާ ބަސްބަހުން އަހަރެން ސަލާމަތް ކުރުމަށްޓަކައެވެ. ކައްކަން ނޭނގޭތީ ކާންޖެހުނީ ހެދިކާ އާއި ލުއިކާއެވެ. އޯޑަރުކޮށްގެން އެއްޗެއް ނުގެނެވޭ ފަހަރު ދަނީ ރެސްޓޯރަންޓަށެވެ. ފައިސާ ރައްކާކުރަންވީ ދަނޑިވަޅު އެންމެ ރުފިޔާއެއް ވެސް ރައްކަލެއް ނުކުރެވުނެވެ. ފުރަތަމަކޮޅު އެ ދިރިއުޅުން ވަރަށް ހިތްގައިމެވެ. ހަށްޓަށް ފަސޭހަވެފައި ޚަރަދު ކުޑަހެން ވެސް ހީވިއެވެ. އެ ކަން ފަޅާއަރަން މެދުވެރިވީ ޒަހީނަށް ބުނެވުނު އެންމެ ޖުމުލައެކެވެ.

"ހާދަ މިސްވާ އެއްޗެކޭ މީ." ޒަހީނަށް ބުނެވުނީ އެހެންނެވެ.

އަހަރުމެން ތިބީ ޒަހީންގެ މަންމަގެ ގޭގައެވެ. ގާތުގައި މަންމަ އިނެވެ.

"ދަރިފުޅު ރޮށްޓެއް ނުފިހަންތަ؟" މަންމަގެ ސުވާލު އަމާޒުވީ އަހަންނަށެވެ.

ދޮގުހަދަން އަހަންނަށް ދަސްވެފައި ހުރި ނަމަ އެ ދުވަހު ސަލާމަތްވީހެވެ. ބުނާނެ އެއްޗެއް ނޭނގުމުން އަހަރެން އިސްޖަހައިލީމެވެ. ޒަހީންގެ ގަމީހުގައި ހުރި ރޫތައް މަންމަގެ ލޮލުގައި އަޅައިގަތީ ވެސް އެ ދުވަހުއެވެ. ކުރިން ވެސް ފެނުނުކަމަށް ވެދާނެއެވެ. އަހަންނަށް އެ ކަން އިއްވީ އެ ދުވަހުއެވެ.

ލޯބިވެގެން އުޅުނުއިރު ކަންތައް ކޮށްދިން ގޮތަށް، ފިރިއަކަށް ވުމުން ވެސް ކޮށްދެވޭނެއެވެ. އަހަރެން ހީކުރީ އެހެންނެވެ. އަންބަކަށްވުމުން ވެސް އަހަރެން ސަމާލުކަންދިނީ އަހަރެންގެ ކަންކަމަށެވެ. އިންޓަނެޓަކީ އަހަރެންގެ ކާނާއެވެ. ފޯނަކީ އަހަރެންގެ ނޭވާއެވެ. ފާޚާނާއަށް އަހަރެން ވަންނަނީ ވެސް ފޯނު ހިފައިގެންނެވެ. ލޯބިވެގެން އުޅުނުއިރު ޒަހީން އެ ކަމަށް ހިތްވަރުދިނެވެ. ޗެޓުކުރަން އަހަރުމެން ހޭލާ ތިބެމެވެ. ލަހުން ނިދައިފައި އަހަރެން ހޭލަނީ ވެސް ވަރަށް ލަހުންނެވެ. "ކޮފީ ރައްޓެހިން" އަހަރެންގެ ވަރަށް ގިނައެވެ. ފަހުން އެނގުނު ގޮތުގައި ޒަހީންގެ އަނބިމީހާ ގައިގައި އެ ސިފަތައް ހުންނާކަށް ޒަހީން ބޭނުމެއް ނޫނެވެ. އަހަރެން އަޅާ "ޒަމާނީ ބުރުގާ" އާއި ތުންފަތުގައި ކުލަޖައްސައިފައި ހުންނަ ވަރު ވެސް ޒަހީނަކަށް ކަމަކުނުދެއެވެ. ޒަހީން ހީކުރީ، އަމިއްލައަށް ވިސްނިގެން އަހަރެން ހުރިހާ ކަމެއް ބަދަލު ކުރާނެކަމަށެވެ. އަހަންނަކަށް އެ ކަމެއް ނޭނގެއެވެ. އަހަރުމެން ބިނާކުރި ލޯބީގެ ގަނޑުވަރަށް ފުރަތަމަ ވެސް ތެޅިގަތީ ބިންގަލާ ހަމައިންނެވެ.

"މަށަކަށް ދެ ކަމެއް ނުވާނެ،" ޒަހީންގެ ކެތްތެރިކަން ކޮޅުންލުމުން ބުންޏެވެ. "ވަޒީފާ އަދާކުރަމުން، އަހަރެންގެ ހުރިހާކަމެއް އަމިއްލައަށް ކުރަމުން، ގޭގެ ހުރިހާކަމެއް މަށަކަށް ނުކުރެވޭނެ. މާ ރަނގަޅުވީސް ކަންނޭނގެ މީހަކާ ނީން ނަމަވެސް."

އަހަރެންގެ ކަށީގައި ހިފައިފައިވާ ހުރިހާ އާދައެއް ބަދަލުކުރަން ޒަހީން އެދުނީ އެއްފަހަރާއެވެ. އަހަރެން ދުށް ގޮތުގައި، މަންމަ ނުކުރި އަމުރެއް ޒަހީނަކަށް ވެސް ނުކުރެވޭނެއެވެ. ޒަހީނަކީ ވަރަށް ރީތި މީހެކެވެ. ކައިވެނި ކުރުމުން އަހަރެންގެ މިލްކަކަށް ޒަހީން ވިޔަސް، އޭނަގެ އަޅަކަށް އަހަރެން ވާކަށް ނުޖެހެއެވެ. ކުރިން ވެސް އުޅުނު ގޮތަށް އަހަރުމެންނަށް އުޅެވެންޖެހޭނޭ އޭރު ހިތަށްއެރިއެވެ. ހިތާމައަކީ، ހީކުރި އެއްވެސް ގޮތަކަށް ކަންތައް ނުދިޔަކަމެވެ. ފިރިއަކަށްވުމުން އިންސާނާއަށް ކިހާ ބޮޑެތި ބަދަލުތަކެއް އަންނަކަން އަހަންނަށް ނޭނގުނީއެވެ.

"ދަސްކުރަން އުޅުނިން ދޯ!" އަހަރެން ބުނީމެވެ. "އެހެންނޫނަސް މެރީކުރަނީ ވައިފަކަށް ވާން ދޯ! މެއިޑަކަށް ވާކަށް ނޫން."

މައްސަލަތައް ޖެހެންފެށިއެވެ. ކަމުނުދާ އެތައް ސިފައެއް އަހަރެންގެ ހުރިކަމަށް ވިއެވެ. ޒަހީންގެ ހުރި ކަމުނުދާ ސިފަތަކުގެ ވާހަކަ އަހަރެން ވެސް ބުނީމެވެ. އޭނަ ދުފާއިރު ދުންފަތް ލާ ވާހަކައެވެ. ގުގުރިދަމާ ވާހަކައެވެ. އާންމުކޮށް ގޭތެރޭގައި ކުރަން ހުންނަ ކުދިކުދި އެއްވެސް ކަމެއް ޒަހީނަށް ނޭނގޭ ވާހަކައެވެ.

"ކުރިން ވެސް އެނގޭނެކަންނޭނގެ މަށަކީ އެ ކަހަލަ މީހެއްކަން." ޒަހީން ދިފާޢުގައި ބުންޏެވެ.

"މަށަށް ވެސް ތިހެން ބުނެވޭނެ ދޯ!" އަހަރެން ދިނީ ކުރު ޖަވާބެކެވެ.

އަހަރުމެންގެ ކައިވެނި ދަތުރުކުރީ ކޮޅު ބެދިފައިވާ މަގަކުންނެވެ. އެއީ، ކުއްލިއަކަށް ބެދުނު މަގެއް ނޫނެވެ. ކައިވެނީގެ އުމުރު ކުރުވުމުގައި އަހަރެން ޒިންމާވަމެވެ. އެ ވާހަކަ ދައްކާކަށް އަހަރެން ލަދެއް ވެސް ނުގަނެއެވެ. ކައިވެނި ދަމަހައްޓަނީ ކިހިނެއްކަން އަހަންނަށް ނޭނގުނީއެވެ. ކައިވެންޏަކީ ކޯޗެއްކަމާއި، އެ ގުޅުމުގެ މާތްކަމާއި މުހިންމުކަން ވެސް އަހަންނަށް ނޭނގުނީއެވެ. އަހަންނަށް ބެލުނީ ލޯބީގެ ފިލްމުތަކެވެ. އަންބަކަށްވުމަކީ، ކިހާ ބޮޑު ޒިންމާއެއް ބޮލުގައި އެޅޭކަމެއްކަން އަހަންނަށް ނުވިސްނުނީއެވެ. މައްސަލަތައް ޙައްލުކުރާނެ ގޮތް ވެސް އޭރު ނޭނގުނީއެވެ.

ހުސްހަށިބަޔަށް ހުރިއިރު އަހަންނަށް "ހެދުނު" ލިސްޓާއި ވަރިއަށް ފަހު ހެދި ލިސްޓު ވަރަށް ތަފާތެވެ. މިހާރު އަހަރެން ގަބޫލުކުރާ ގޮތުގައި، ދެމަފިރިން އެކަކުއަނެކަކަށް ކޮށްދޭންޖެހޭ ކަންތައްތައް ކުރިން އެނގެންޖެހެއެވެ. އެ ކަންކަން ދަސްކޮށް އެ ކަމަށް ތައްޔާރުވާން ޖެހެއެވެ. ގެދޮރު ހުރިނެތްތޯ ބަލަންޖެހެއެވެ. ދެމަފިރިންނަށް ލިބޭ ފައިސާއިން ކުރާނެ ޚަރަދުތަކާ މެދު މަޝްވަރާކުރެވެން ޖެހެއެވެ. ކުދިން ހޯދަންޏާ ހޯދާނެ ވަރަކާއި، ދުވަސްވަރު އޮޅުންފިލަން ޖެހެއެވެ. އަހަރެން ވަޒީފާ ދޫކޮށްލަންޖެހިއްޖެއްޔާ އެ ތަން ފޫބައްދާނެ ގޮތެއް ވިސްނަން ޖެހެއެވެ. އެކަކުއަނެކަކަށް ދޭނެ މިނިވަންކަމާއި، ގެއްލޭނެ މިނިވަންކަން އޮޅުންފިލުވައިދޭން ޖެހެއެވެ. އަޅުކަމަށް އިސްކަންދޭ ވަރާއި، ބުރުގާއާ މެދު ދެކޭ ގޮތް ބުނެދޭން ޖެހެއެވެ. ދެ ޖިންސުގެ އެކުވެރިން ތަޢާރުފުކޮށްދޭން ޖެހެއެވެ. ގޭގެ މަސައްކަތްތައް ދަންނަ ވަރެއް ކިޔައިދޭން ޖެހެއެވެ. އަތުގައި ފައިސާ ހުރި ވަރަކާއި، ގެދޮރުގެ ތަނަވަސްކަން ހުރި ވަރެއް ހާމަކުރަން ޖެހެއެވެ. ހަރުލައިފައިވާ އެކި ކަހަލަ އާދަތަކުގެ ވާހަކަ އިސްވެ ދައްކަން ޖެހެއެވެ. މި ކަންކަން ނުކޮށްފި ނަމަ ވަރަށް ހާލުގައި ޖެހޭނެއެވެ. ޕާޓީގައި ކާންހުންނަ އެއްޗެހީގެ ލިސްޓަށް ވުރެ، ޕާޓީއަށް ފަހު ދެން ކުރިމަތިލާ ކަންކަމުގެ ލިސްޓު މާ މުހިންމެވެ. ދެވަނަ ކައިވެނިކުރީ އެ ލިސްޓާ އެކުގައެވެ. މިހާރު ދެ ކުދިން ލިބިއްޖެއެވެ. ކުދިކުދި މައްސަލަ ނުޖެހެއެކޭ ނޫނެވެ. އެހެންނަމަވެސް، މަގު ވަރަށް ތަނަވަހެވެ. ކޮޅެއް ނުބެދެއެވެ. (ނިމުނީ)