17 ސެޕްޓެމްބަރ 2023 - 22:17

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރީރަޖިސްޓްރޭޝަން ޕޯޓަލަށް ވަނުމުގެ ފުރުސަތު ކަމާ ނުބެހޭ އެއްވެސް މީހަކަށް ދީފައި ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަންގެ ތަރުޖަމާންކަން ވެސް ކުރައްވާ ހަބީބް އެހެން ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަޖިސްޓްރީ ވުމަށް ދެ ދުވަސް ތެރޭގައި 25،000 މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށް އީސީން ބުނުމުން އެ ކޮމިޝަނަށް އަމާޒުކޮށް އެކި ކަހަލަ ފާޑުކިޔުންތައް އަމާޒު ވެފައި ވަނިކޮށެވެ.
ރީރަޖިސްޓްރޭޝަންގެ އެކްސެސް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރަކަށް ދީފައިވާ ކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ.
އެހެންވެ، އެ ތުހުމަތުތަކަށް ރައްދު ދެއްވައި، ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ރީރަޖިސްޓަރީ ކުރަން ބޭނުންކުރާ ޕޯޓަލް ހެކް ކޮށްފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ޕޯޓަލް ހެކް ކުރުމަށް ހަމަލާތަކެއް ދޭން އުޅުނަސް އެކަން ދެނެގަނެ، ހައްލުކުރުމުގެ ގާބިލްކަން، އިލެކްޝަންސް ކޮމިޝަންގެ ހުންނާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެމްބަރަކަށް ވެސް ރީރަޖިސްޓްރީ ކުރާ ޕޯޓަލަށް ވަނުމުގެ އެކްސެސް ދީފައި ނޯންނާނެ އެވެ.
ހަބީބް ވަނީ ރީރަޖިސްޓްރޭޝަން ޕޯޓަލްއާ މެދު ހަގީގަތާ ހިލާފު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރީރެޖިސްޓްރޭޝަން ޕޯޓަލް ހެކް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ޕީޕީއެމާއި އެމްޑީޕީން ވެސް ކޮށްފައި ވެ އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރީރެޖިސްޓްރޭޝަންގެ އަދަދާ މެދު ސުވާލު އުފައްދާތީ، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސް އިން ވަނީ ގޮވާލައިފަ އެވެ.