20 ސެޕްޓެމްބަރ 2023 - 13:44

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ޑޮކްޓަރުންގެ ލަފައާ އެކު ބޭރުން ފަރުވާ ހޯއްދަވަން އަދީބު ސިންގަޕޫރަށް ވަޑައިގަތީ ޖުލައި 12 ވަނަ ދުވަހުގެ ރެ އެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ފުރަތަމަ ދިނީ 10 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ދިން މުއްދަތު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ބޭސްފަރުވާ އަށް ދިން މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރު ކޮށްދީފައިވާ ކަމަށެވެ.
އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނެފައި ވަނީ އަދީބު ސިންގަޕޫރަށް ވަޑައިގަތީ ފުރާނައަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން ކަމަށެވެ. އެއީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކުރިމަތިވި މައްސަލަތަކެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ. ޖަލަށް ހުކުމްކުރި ނަމަވެސް ސިއްހީ ސަބަބުތަކަކާ ހެދި އަދީބު ހުކުމް ތަންފީޒުކުރަނީ ގޭ ބަންދުގަ އެވެ.
އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އެ ހުށަހެޅުމަށް އަދި ގޮތެއް ނުނިންމަ އެވެ.