07 ފެބުރުއަރީ 2017 - 06:08

އަކްޝޭ ކުމާރުގެ އާ ފިލްމު "ޖޮލީ އެލްއެލްބީ-2" ގައި އިންޑިއާގެ ޖުޑިޝަރީއަށް ފާޑުކިޔައި މަލާމާތްކޮށްފައިވާ ކަމަށް ބުނެ ގާނޫނީ ވަކީލެއް ކަމަށްވާ އަޖޭކުމާރު ވަގްމަރޭ ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމެންދެން ފިލްމު ރިލީޒްކުރުން މަޑުޖައްސާލަން އިންޑިއާގެ ސުޕްރީމް ކޯޓުން ޕްރޮޑިއުސަރުންނަށް ވަނީ އަންގައިފަ އެވެ. އަޖޭ ކުމަރު ބުނަނީ ފިލްމުގެ ނަމުގައި ހިމެނޭ އެލްއެލްބީ އެ ބަސް ވެސް ކަނޑާލަން ޖެހޭނެ ކަމަށެވެ.
އޭނާ ބުނީ މިހާރު ރިލީޒްކޮށްފައިވާ އިޝްތިހާރުން ފެންނަ، ކޯޓު ބޭރުގައި ތިބެގެން ގާނޫނީ ވަކީލުން ތާސް ކުޅޭ މަންޒަރު ވެސް ފިލްމުން ކަނޑާލަން ޖެހޭނެ ކަމަށެވެ. އަދި މީހަކު އެއްލާ އެއްޗަކުން ރެކެން ފަނޑިޔާރު ގުދުވާ މަންޒަރު ވެސް ވެސް ކަނޑާލަން ޖެހޭނެ ކަމަށް އޭނާގެ ހުށަހެޅުމުގައި ބުނެފައިވެ އެވެ.
މި މައްސަލަ ބެލުމަށް ބޮމްބޭ ހައިކޯޓުގެ އޮރަންގަބާދު ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ މި ފިލްމު ބެއްލެވުމަށް ފަހު ފިލްމުގައި ޖުޑިޝަރީގެ ސިސްޓަމާ ދެކޮޅު އެއްވެސް ބައެއް ނެތް ނަމަ ފިލްމު ރިލީޒްކުރުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ފަނޑިޔާރުން ވަނީ ފިލްމު ބައްލަވާފަ އެވެ. އަދި އަންގާރަ ދުވަހަ ފިލްމާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާނެކަމަށްވެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފޮކްސް ސްޓޫޑިއޯގެ ފަރާތުން ސީނިއާ އެޑްވޮކޭޓް އޭ.އެމް ސިންގްވީ ބުނީ ފެބްރުއަރީ 10 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ސެންސަރު ބޯޑުން ފާސްކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ކޯޓުން ވަކި ގޮތެއް ނިންމިގެން ނޫނީ ފިލްމު ރިލީޒްއެއް ނުކުރެވޭނެ އެވެ.