18 ސެޕްޓެމްބަރ 2023 - 07:16

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަސްދީގުކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނު ތަންފީޒުކޮށް، އިންވެސްޓްމެންޓްތައް ގެންނާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫގެ ސަޕޯޓަރުންނާ އެކު މި ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، އެސްއީޒެޑް ގާނޫނުގެ ދަށުން އިންވެސްޓްމެންޓްތައް މިހާތަނަށް ގެނެވިފައި ނެތް ކަމަށާއި ނަމަވެސް، އެކަން ކުރާނެ ގޮތް ވަރަށް ސާފުކޮށް އެ ގާނޫނުގައި އެބަ އޮތް ކަމަށެވެ. އެހެންވެ އެކަން އޭނާގެ ވެރިކަމެއްގައި ތަންފީޒު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ގާނޫނު ތަންފީޒުކޮށް އެކި ސަރަހައްދުތައް، އެކި ޒޯންތަކަށް އިންވެސްޓްމެންޓްތަކަށް ހުޅުވާލަން. އޭރަށް ގައުމަށް ކުރިއެރުން ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީ ކުރާނީ ސަރަަހައްދީ ތަރައްގީގެ ކޮންސެޕްޓެއްގެ ދަށުން ކަމަށާއި އެކަން ކުރުމަށް 20 އަހަރުގެ މާސްޓަ އޮންނާނެ ހަދާނެ ކަމަށެވެ. އެ ޕްލޭންގެ ދަށުން އުތުރާއި ދެކުނުގައި އާބަން ސެންޓަރުތައް ގާއިމް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އިގުތިސޯދީ ސިޔާސަތުތަކ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ދެން ފާހަގަ ކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އޮފީސް އިމާރާތެއް ހަދާނެ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އިމާރާތުން ވަރަށް ހެޔޮ އަގެއްގައި އޮފީސް ޖާގަތައް ކުއްޔަށް ދޫކުރާނެ އެވެ. ކޯ ވޯކިން ސްޕޭސްތައް ވެސް އެ އިމާރާތުގައި ގާއިމްކޮށް ދޭނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ހަމައެކަނި އުމްރާނީ ތަރައްގީ ގެނަޔަސް އަދި ނުނިމޭ ކަމަށާއި އިޖުތިމާއީ މައްސަލަތަކަށް ވެސް ހައްލު ހޯދަންޖެހޭ ކަމަށެވެ. ހާއްސަކޮށް ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާ ކަމަށާއި އެކަމުން ރާއްޖެ މިންޖު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ބަޖެޓްގައި ވަރަށް ހާއްސަ އިސްކަމެއް ދޭނަން ވަބާ އިން ޒުވާނުން ސަލާމަތް ކުރުމަށް ހާއްސަ ކަންކަން ކުރުމަށް. އޭގެ ބޭނުމަކީ މި ވަބާ އިން މުޖުތަމައު ސަލާމަތް ކުރުން. ރަނގަޅު ފެންވަރުގެ ޑްރަގް ރީހެބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް، ޕްރޮގްރާމްތައް ހިނގުން. އަދި [މަސްތުވާތަކެތި] އެތެރެވޭ ގޮތް އޮޅުންފިލުވައި ތާއަބަދަށް ނިމުމަކަށް ގެންނަން ކުރަންޖެހޭ ބުރަ މަސައްކަތް ކުރުމަށް ބެޖެޓްގައި ފައިސާ ކަނޑައަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.
"[މަސްތުވާތަކެތީގެ] ވަބާ އިން ސަލާމަތް ކުރެވުނީމާ ސަލާމަތްތެރި މުޖުތަމައުއެއް ގާއިމް ވެގެން ދާނީ. ބިނާކުރެވެނިވި ޒުވާން ޖީލެއް ހޯދޭނީ."
އަލަށް ކުށުގެ ވެއްޓަށް ވަންނަ ޒުވާނުން އަލުން މުޖުތަމައަށް ގެނައުމަށް ވެސް ހާއްސަ އިސްކަމެއްދީ، މަސައްކަތްތަކެއް އޭނާގެ ވެރިކަމެއްގައި ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ޖަލު އަދަބު ދިނުމުގެ ބަދަލުގައި އެހެން ގައުމުތަކުގައި އެކަން ކުރާ ގޮތަށް އެ ކުދިންނަށް އަނބުރާ މުޖުތަމައަށް އާދެވޭނެ ގޮތްތައް ހަދައި، ކަންކަން ދަސްކޮށްދެވޭނެ މާހައުލެއްގެ މެކޭނިޒަމެއް ހަރުދަނާ ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ޖަލު ބަންދުގައި "ވާނުވާ" ގައި ތިބުމަކީ ވަރަށް ބޮޑު އަނިޔާއެއްކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ސިސްޓަމް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
"ވަރަށް ބޮޑު އަނިޔާއެއް މި ދެވެނީ. މިކަން ނިމުމަކަށް ގެނެސްގެން ނޫނީ އާއިލާތަކަށް ވެސް ހަމަޖެހުމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.