ޓީމެއްގެ ގޮތުގައި އަދި އެނބުރި އާދެވޭނެ: ޓެން ހަގް
ޓީމެއްގެ ގޮތުގައި އަދި އެނބުރި އާދެވޭނެ: ޓެން ހަގް

މެންޗެސްޓާ (ސެޕްޓެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-1 އިން ބަލިވި މެޗަށް ފަހު، އަދިވެސް ޓީމެއްގެ ގޮތުގައި ވަރުގަދަކޮށް އެނބުރި އާދެވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ޓީމެއްގެ ގޮތުގައި އަދި އެނބުރި އާދެވޭނެ: ޓެން ހަގް
ޓީމެއްގެ ގޮތުގައި އަދި އެނބުރި އާދެވޭނެ: ޓެން ހަގް

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓުގައި ބްރައިޓަން ލީޑު ނެގީ ކުރިން އެޓީމަށް ކުޅުނު ޑެނީ ވެލްބެކް ޖަހައިދިން ގޯލުންނެވެ. ދެވަނަ ހާފު ފެށިގެން އަށްވަނަ މިނިޓުގައި ޕާސްކަލް ގްރޮސް އެޓީމަށް ލީޑު ފުޅާ ކޮށްދިނެވެ. ފުރިހަމަ ވަގުތު ހަމަވާން 19 މިނިޓަށް ވެފައި ވަނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. އޭގެ ދެ މިނިޓް ފަހުން ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖަހައިދިނީ ފަހު ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ހެނިބަލް މޭޖްބްރީ އެވެ.

"އިދިކޮޅު ޓީމުގެ ފުރަތަމަ އެޓޭކްގައި އަހަރެމެން ކޮޅަށް ގޯލު ވަނީ. އެއަށް ފަހު ވަރަށް އުނދަގޫ ވަގުތުކޮޅެއް ދިޔައީ. އަހަރެމެން މަސައްކަތް ކޮށްގެން ޖެހި ގޯލު ވެސް ބަލައި ނުގަތީ،" ޓެން ހަގް ބުންޏެވެ.

"އަހަރެމެން އެކުގައި މަސައްކަތް ކޮށްގެން އަލުން އާދެވޭނެ، ޓީމެއް ގޮތުގައި ކުޅެގެން، ގަވާއިދު ތަކަށް ބޯލަނބައި، އެނބުރި އާދެވޭނެ."

ޔުނައިޓެޑާ އެކު ޓެނަ ހަގް އަށް ކާމިޔާބު ފުރަތަމަ ސީޒަނަކަށް ފަހު، މި ސީޒަނުގައި އޭނާއަށް ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ. ސޯޝަލް މީޑިއާގައި ކޯޗަށް ފާޑުކީ މައްސަލާގައި ފޯވާޑް ޖޭޑަން ސަންޗޯ ސީނިއާ ޓީމުން އެކަހެރި ކޮށްފައި ވާއިރު، ބްރެޒިލްގެ ގައުމީ ޓީމުން ވެސް އެކަހެރިކޮށްފައި ހުރި އެންޓޮނީ ހުރީ ވަގުތީ ގޮތުން ޔުނައިޓެޑްގެ ޓީމުން ވެސް ދުރު ކޮށްފަ އެވެ. އެއީ އޭނާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. އެ ތުހުމަތުތައް އެންޓޮނީ ދޮގުކުރެ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ ފަހަތުން އަރައި 3-1 އިންނެވެ.

ޖޭމްސް ވާޑް ޕްރައުސްގެ ގޯލަކުން ފުރަތަމަ ހާފުގައި ވެސްޓް ހޭމް އިން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ސިޓީ އަށް އެއްވަރު ކޮށްދިނީ މި ސީޒަންގައި ގެނައި ބެލްޖިއަމް ފޯވާޑް ޖެރެމީ ޑޯކޫ އެވެ. ލީޑު ނެގީ 76 ވަނަ މިނިޓުގައި ބެނާޑޯ ސިލްވާ ކާމިޔާބު ކުރި ގޯލުންނެވެ. އޭގެ 10 މިނިޓް ފަހުން ތިންވަނަ ގޯލު އާލިން ހާލަންޑް ޖެހި އެވެ.

އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް ޓޮޓެންހަމް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުތަކުން 2-1 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޝެފީލްޑުން ޖެހީ ފުރިހަމަ ވަގުތު ހަމަވާން ގާތް ވެފައި ވަނިކޮށެވެ. ޓޮޓެންހަމުން އެއްވަރުކުރީ އިތުރު ވަގުތު ގެ އަށްވަނަ މިނިޓުގައި ރިޗާލިސަން ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން މޮޅުވި ގޯލު ޖެހީ ޑިޔާން ކުލުސެވްސްކީ އެވެ.

އެސްޓަން ވިލާ ވެސް އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 3-1 އިން މޮޅުވީ އިތުރު ވަގުތުގައި ޖެހި ގޯލުތަކުންނެވެ. ފުލަމް އިން 1-0 އިން ލޫޓަން ޓައުން ބަލިކުރިއިރު، ނިއުކާސަލް ޔުނައީތެޑް ވެސް ވަނީ 1-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.