17 ސެޕްޓެމްބަރ 2023 - 10:33

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އިތުރު އިންތިހާބެއް ބާއްވާ ނަމަ އޭގެ އިންތިޒާމްތައް ހަމަޖައްސަން މަދުވެގެން 30 ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްލާމިލް ހަބީބު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ މީހުންގެ ހަތް ޕަސެންޓާ އެކު ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ޕީޕީއެމް އާއެކު މަޝްވަރާ ކުރަމުން އަންނަނީ ނިޒާމް ބަދަލު ކުރުމުގެ ވޯޓެއް ބޭއްވުމަށެވެ.
އެ ޕާޓީން ހުށަހަޅާ ގޮތަކީ ސިޔާސީ ޕާޓީތަކުން އެކަމަށް އެއްބަސްވުމަށް ފަހު ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
ކުރިޔަށް އޮތް އަށް ދުވަސް ތެރޭގައި ނިޒާމް ބަދަލު ކުރުމުގެ ވޯޓެއް ނެގިދާނެތޯ "މިހާރު"ން ދެންނެވުމުން ހަބީބު ވިދާޅުވީ ނިޒާމީ ވޯޓަކާ ގުޅޭ އެއްވެސް ކަމެއް އީސީ އަށް ހުށަހަޅާފައި ނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ކޮމިޝަންގައި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް ގިނަ އިންތިހާބުތަކުގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ހަބީބު ވިދާޅުވީ ނިޒާމީ ވޯޓެއް ބާއްވާ ނަމަ އާ ވޯޓު ކަރުދާހެއް ޗާޕު ކުރަން ޖެހޭނެ ކަމަށާއި އެ ތާރީހަށް 18 އަހަރު ފުރޭ މީހުންގެ ރަޖިސްޓްރީއެއް ހަދައި އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން އެންމެ އަވަސް ވެގެން ތިރީހަކަށް ދުވަސް ބޭނުންވާނެ މިކަހަލަ ކަމަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް،" ހަބީބް ވިދާޅުވި އެވެ.
"މިއީ ކޮމިޝަންގެ ނިންމުމެއް ނޫން އެއީ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ދަންނަވާ އެއްޗެއް. ކޮމިޝަންގެ މެންބަރުންނަށް ފެނިވަޑައިގެން މެންބަރުން ނިންމަވައިފި ނަމަ އެކަން ކުރައްވާނެ ކަމާމެދު ޝައްކެއް ނެތް. މުއައްޒަފުން ގާބިލް ކަން ހުންނާނެ އެކަން ކުރަން،" ހަބީބް ވިދާޅުވި އެވެ..
ހަބީބް ވިދާޅުވީ ދެވަނަ ބުރުގެ ކުރިން އިތުރު އިންތިހާބެއް ބާއްވާނަމަ އެކަމަށް މަދުވެގެން 50-40 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވެސް 49 މިލިއަން ރުފިޔާ ހަރަދު ވާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ނިޒާމް ބަދަލު ކުރުމުގެ ކުރިން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އެކަމަށް މީހުން ހޭލުންތެރި ކުރުވުމެވެ.
ނިޒާމީ ވޯޓެއް ނަގަނީ ކޮން ކަމަކާތޯ އާއި އޭގެ ފައިދާތަކާއި ގެއްލުންތަކާއި ވަކި ނިޒާމަކަށް ފުރޮޅާލާ ނަމަ އޭގެ ސަބަބުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވަން ޖެހޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
"ހޭލުންތެރި ކަމެއް ނެތި ކިހިނެއްތޯ ވޯޓު ދޭނީ. މި އުޅެނީ ވަކި މީހަކަށް ވޯޓު ދޭކަށް ނޫން މި އުޅެނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ގޮތެއް ނިންމަން،" ހަބީބް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ޑިމޮކްރެޓްސް އިން އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ އަށް ހުށަހެޅި ނަމަވެސް އެ ދެ ޕާޓީން މިހާތަނަށް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޕާޓީތަކުގެ ވިސްނުން ހުރި ގޮތެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.