16 ސެޕްޓެމްބަރ 2023 - 16:55

މި މަހު 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން މިއަދު ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ނިންމީ ދެވަނަ ބުރުުގައި ސައިލެންޓްކޮށް ތިބެ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރުމަށެވެ. މިގޮތަށް ނިންމީ ކައުންސިލް މެމްބަރުން މަޝްވަރާކުރުމަށް ފަހު ޕާޓީގެ ލީޑަރަށް ގޮތް ނިންމަން ދިން އިހްތިޔާރާ އެކުގަ އެވެ.

ދެވަނަ ބުރުގައި ޖޭޕީގެ ތާއީދަށް ޕީޕީއެމާއި އެމްޑީޕީން ވެސް އޮތީ އެދިފަ އެވެ. ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ. އެމްޑީޕީގެ ފަރާތުން ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި އެ ޕާޓީން ދެއްކި ވާހަކަތަކަކީ ތެދު ހަގީގަތެއް ކަމަށެވެ. އެ ވާހަކަތައް ދޫކޮށްލައި ކޮންމެވެސް އެއްކޮޅަކަށް އެރުމަކީ ގާސިމް ވިދާޅުވި ގޮތުގައި ތާކުންތާކު ނުޖެހޭނެ ކަމެކެވެ.
އެހެންވެ ދެ ވަނަ ބުރުގައި އެ ޕާޓީ އޮންނާނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރައި ކަމަށް ވިދާޅުވި އެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ ގަދަކުރެވުނީ ސަރުކާރުތަކާ ހެދި ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މި ސަރުކާރު ވެސް ހިމެނޭ ކަމަށެވެ. މި ސަރުކާރުން އެއްބަސްވުންތަކެއްގައި އިންޑިއާއާ އެކު ސޮއިކޮށްފައިވާ އިރު އެކަމާ ހިތްހަމަނުޖެހޭ ކަމަށާއި ޕީޕީއެމާ އެކު ކުރިއަށް ނުދާން ނިންމީ ވަރަށް ބޮޑެތި ޚިޔާނާތްތައް އެ ވެރިކަމުގައި ހިންގާފައިވާތީ ކަމަށް ވިދާޅުވި އެވެ.
"ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކުރަންވީ ކީއްވެ؟ މަގޭ ފުރާނަދަންދެން ގައުމު ތެދުމަގަށް އަޅުވަން ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
"މާ ރެލަވަންޓް މީހަކަށް ހެދިގެން މާބޮޑު މީހަކަށް ހެދިގެން އުޅޭކަށް ބޭނުމެއް ނޫން. އުމަރު ނަސީރަށް ވުރެން ވެސް މާ ދަށުން މި އިންތިހާބުގައި ވޯޓު ލިބުނީ."
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިންތިހާބުގައި ވާދަކުރައްވައި ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 5،000 ވޯޓެވެ. މިއީ ރިޔާސީ އިންތިހާބެއްގައި ގާސިމަށް އެންމެ މަދުން ވޯޓު ލިބިވަޑައިގަތް ފަހަރެވެ.
ގާސިމް ވިދާޅުވި ގޮތުގައި 5،000 ވޯޓަކީ ކޯލިޝަނެއް ހަދަން އެކަށީގެންވާ އަދަދެއް ކަމަށް ވެސް ގަބޫލެއް ނުކުރެއްވެ އެވެ. ޕާޓީ ރިސްޓްރަކްޗާކޮށްގެން ކުރިއަރުވަން މަސައްކަތް ކުރިއަށް ގެންދިއުން މާ ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާއަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ދެމިހުންނަވާނީ އެގޮތުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފާވޭ ދިވެހި ގައުމުގެ ކުރިއެރުންތައް މިހިސާބަށް އައިސްފައި އޮތީމަ. ތި ކުދިންނަށް ނޭނގޭނެ އޭރު ގައުމުގެ ހާލަތު އޮތް ގޮތް،" ނޫސްވެރިންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތެރެއިން ވޯޓު ދެއްވާނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ އެއްވެސް ބޭފުޅަކު ރަނގަޅު ނަމަ މިއަދު ޖޭޕީގެ ނިންމުން ވަކި ކޮޅަކަށް ނާރަން ނާންނާނެ ކަމަށެވެ. ގޮތް ނިންމެވުމުގެ އިހްތިޔާރު އޭނާއަށް މިއަދު ލިބިވަޑައިގަތަސް ވަކި ކޮޅަކަށް ނާރަން ނިންމުމުން ސަބަބު ސާފުވާނެކަަމަށް ވެސް ވިދާޅުވި އެވެ.