16 ސެޕްޓެމްބަރ 2023 - 16:47

ރާއްޖޭން އެކި ގައުމުތަކުންނާއި ބޭންކްތަކުން ނަގާފައިވާ ލޯނުތައް ރީފައިނޭންސްކުރުމަށް ރަހުމަތްތެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ލޯނުތަކެއް އަންނަ ފަސް އަހަރު ތެރޭ އަނބުރާ ދައްކަންޖެހޭއިރު، އެކަމަށް މުއިއްޒު ގެންގުޅުއްވާ ހައްލަކީ ލޯނުތައް ރީފައިނޭންސްކުރުމެވެ. ހދ. ކުރިނބި އަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިގުތިސޯދު އަލުން ކޮޅަށްޖަހައި ލޯނުތައް ދައްކާނެ ގޮތް އެނގޭ ކަމަށާއި އެކަމުގައި ހަމަ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ބައެެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް. އެހެންވީމަ އަަޅުގަނޑުމެންނަށް ކަންބޮޑުވުމެއް ނެތޭ، ހަމަ ހަގީގަތުގައި ވެސް އެއްވެސް ކަންބޮޑުވުމެއް ނެތް މި އިގުތިސޯދު ހައްލު ކުރުމުގައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރަށްރަށުގައި ކުރަންހުރި ކަންކަމަކީ ދައުލަތަށް މަހުން މަހަށް ލިބޭ އާމްދަނީ ވެސް ހާސިލް ކުރެވޭނެ ކަންކަން ކަމަށާއި އެކަން މި ސަރުކާރަށް ނުވެގެން އުޅެނީ "މިސް މެނޭޖް" ކުރާތީ ކަމަށެވެ.
"ކަންކަން ކުރެވޭ ވަރަށް ހަމަ ހަގީގަތުގައި ވެސް ދައުލަތަށް އެބަ ވަދޭ ފައިސާ. އެހެންނަމަވެސް މިސް މެނޭޖް ކުރަނީ މި ސަރުކާރުން. މާނައަކީ ކުރަން ނުޖެހޭ ހަރަދު ކުރަނީ، އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަން ނުދެނީ. ފައިސާ ޗާޕް ވެސް ކުރަނީ. މުސާރަ ދޭން ލޯނު ވެސް ނަގަނީ. އިގުތިސޯދީ އަސާސްތައް މި ވަނީ އެފުށްމިފުށަށް ޖެހިފައި. އެހެންވެ ކަންކަން މި ރަށްރަށުގައި ނުވަނީ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިގުތިސޯދީ ސިޔާސަތު ހަމައަށް އަޅުވާނީ."
މުއިއްޒު ވަނީ މިއަދު ހއ. މާރަންދު އަށް ވެސް ވަޑައިގެންފަ އެވެ. އެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ 30 ވަނަ ދުވަހު ވޯޓުލާން ޖެހެނީ ގައުމު އިސްކުރާނެ ހާރިޖީ ސިޔާސަތެއް ގެނެސްދޭނެ ކެންޑިޑޭޓަށް ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ގައުމު، އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ މަސްލަހަތު، އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން އިސްކުރާނެ ހާރިޖީ ސިޔާސަތެއް އަޅުގަނޑުމެން މި ހުށަހަޅަނީ،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ މި ހުށަހެޅުމަށް ތާއިދުކުރާ ބޭފުޅުން 30 ވަނަ ދުވަހު، ހަމަ ޔަގީން ހުރިހާ ބޭފުޅުން ވެސް ތާއިދު ކުރައްވާނެ ދިވެއްސަކަށްވީތީ."
މުއިއްޒު ވަނީ ބޮޑުތިލަދުންމަތީގެ ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދުގެ މާޒީން އިބުރަތް ހޯދައި، ގައުމީ ރޫހާއި އަޒުމުގައި ގައުމަށްޓަކައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފަ އެވެ. އަދި ގައުމީ ރޫހުގައި އެކަތިގަނޑަކަށްވެ، 30 ވަނަ ދުވަހު ވޯޓުލުމަށް އެދިވަޑައިގެންނެވި އެވެ.
މާރަންދޫގެ މަގެއްގެ މަތީ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިންތިހާބު ކާމިޔާބުވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރެއް ފައްޓަވާނެކަން ވެސް އިއުލާން ކުރައްވާފަ އެވެ. އަދި އެ ލިސްޓްގެ ކުރިއަށް މާރަންދޫ ލާނެކަން ވެސް ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއް ވާނީ ރައްޔިތުންނާ ގާތުން، މަޝްވަރާގެ މަތިން ހިންގާނެ ސަރުކާރަކަށް ކަމަށެވެ. އެކަން ކުރާނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމްކޮށްގެން، ރަށްތަކަށް ބާރުތައް ދޫކޮށްލައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި، ކައުންސިލްތަކަށް ހިދުމަތް ފޯރުކޮށްދޭނެ ސަރުކާރުގެ ވުޒާރާއެއް ހަދައި، އެލްޖީއޭ އަށް ފުރިހަމަ ބާރު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ދެ ފަރާތުގައި ވެސް ހުރެވިއްޖެ. ސަރުކާރުގައި ވެސް އަދި ކައުންސިލްގައި ވެސް. އެހެންވީމަ އަޅުގަނޑަށް އެނގޭ މި ދެބައި ގުޅާލެވޭނެ ގޮތް. ސަރުކާރާ ގުޅިލާމެހިގެން ބަޖެޓުން ވެސް ލާރި ދީގެން ކައުންސިލްތައް ހިންގާނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދަނީ ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރަމުން ކަމަށާއި އެކަންކަން ބަލަން އޮތް މުއައްސަސާތައް ވެސް ވަނީ އަޅުވެތިކޮށްފައި ކަމަށެވެ. އެހެންކަމުން، 30 ވަނަ ދުވަހު ވޯޓުލާންވީ އެ އަޅުވެތިކަމުން ސަލާމަތްކޮށް، ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ހޭދަކުރާނެ ސަރުކާރެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.