17 ސެޕްޓެމްބަރ 2023 - 05:41

ބުދަ ދުވަހާ ގުޅޭ
ފުރަތަމަ ހިނގާ ހޮސްޕިޓަލަށް." ޖަމީލާ ބުންޏެވެ.
ރިންދާ ޖެހި ދަންތުރައިގައި ރިންދާ ހައްޔަރުވިއެވެ. އެއް ދޮގު ފޮރުވަން ހަތް ދޮގުހަދަންޖެހުނެވެ.
"ހުއްދައެއް ނެތޭ މަންމާ!" ކަންބޮޑުވެފައި ބުނާ ކަހަލަ ރާގެއްގައި ރިންދާ ބުންޏެވެ. "މީހުން ވެއްދުން މަނާ! އައިސީޔޫ ކިޔާ ތަނެއްގަ އޮތީ! ފައިސަލް ވެސް ހުންނަނީ ބޭރުގަ. މަންމަ ތީ ކަކުލަށް ތަދުވާތީ އުޅޭ މީހެއް. ކިހިނެއް އެ ތަނުގަ ކޮޅަށް ހުންނާނީ؟"
"ތީ ވެސް ތެދެއް،" ވިސްނަމުން ޖަމީލާ ބުންޏެވެ. "ހާދަ ދެރައޭ! ބައްޕައެއް ނައި ދޯ؟ ނާންނާނެ. އަޔަކަ ނުވެސް ދޭނެ."
"ނޫން! ބައްޕަ އަތުވެއްޖެ މާ ކުރިން،" މައުލޫ ބަދަލުކޮށްލަން ބޭނުންވެފައިއިން ރިންދާއަށް ލިބުނީ ރަނގަޅު ފުރުސަތެކެވެ. "ބައްޕައަށް ގުޅަން ބޭނުންތަ؟"
"ކީއްކުރަން؟" ޗޮކެއްކަނޑައިފައި ޖަމީލާ ބުންޏެވެ. "ކޮންމެވެސް އިރަކުން ދިމާވާނެއްނު!"
ހުކުރުދުވަހެވެ. ހުކުރުން ފައިބައިގެން އިސްލާމީ މަރުކަޒުން މީހުންތައް ނުކުންނަމުންދިޔައެވެ. ފައިސަލާ އެކުގައި ޒިޔާން ސައިކަލަށް އަރަން އަންނަނިކޮށް، ޒިޔާންގެ މޯބައިލަށް ފޯނެއްއައެވެ. ފޯނަށް ބަލައިލާފައި ޒިޔާން ފޯނު ކަންފަތުގައި ޖެހިއެވެ.
"ކީކޭ ރިންތާ!" ޒިޔާން ބުންޏެވެ.
ކޮނޑާއި ބޮލުން ފޯނު ހިފާއްޓައިގެން ރިންދާ އޭރު ހުރީ ފަތްތަކެއް ކޮށާށެވެ.
"މިއަދު އާދެ މި ގެއަށް ކާން،" ރިންދާ އެދުނެވެ. "އާދެވޭނެތަ؟ ހުންނާނެ ވަރަށް މީރު އެއްޗެހި ހަދާފަ. އެއްކަލަ ޑެޒަޓު ވެސް ހުންނާނެ."
ޒިޔާންގެ ފޯނަށް އެހެން ފޯނެއް އަންނަ އަޑުއިވުނެވެ. ބަލައިލި އިރު ގުޅަނީ އާމިރާއެވެ.
"އޯކޭ ދާނަން އެނގޭ ރިންތާ! ބައި!" ޒިޔާން ބުންޏެވެ. އަދި އެ ފޯނު ކަނޑައިލައިފައި މަންމަޔާ ވާހަކަދެއްކިއެވެ. "ޔޭސް މަންމާ؟"
"ތި އަންނަނީ ދޯ؟" އާމިރާ އެހިއެވެ. "އެއްކަލަ ކޯން ރެޑީ އިނގޭ!"
"ރިއަލީ؟" ހެވިފައި ޒިޔާން ބުންޏެވެ. "އޯކޭ މަންމާ! ކަމިންގް!
"އާމިރާޔާ ވާހަކަދައްކައި ނިންމައިފައި ޒިޔާން ވިސްނައިލިއެވެ. ކައިރީގައި ހުރި ފައިސަލަށް އެ މަންޒަރު ފެނުނެވެ.
"ކޮން ބައެއް އެ ގުޅަނީ؟" ފައިސަލް އެހިއެވެ.
"މަންމައާ ރިންތައާ. ކާން އަންނާށޯ!" ފިކުރުބޮޑުވެފައި ޒިޔާން ބުންޏެވެ.
"ހިނގާ އަވަހަށް ދަމާ!" ސައިކަލުގައި އިށީންނަމުން ފައިސަލް ބުންޏެވެ.
"ހައު؟" ޒިޔާން އެހިއެވެ. "ދެ ގެއަށް ކިހިނެއް ދާނީ ޑެޑީ؟ ތިންކް! ޒިޔާން ބޭނުމެއް ނޫން އެކަކު ވެސް ދެރަކުރާކަށް."
"ގުޑް ޕޮއިންޓް!" ފައިސަލް ވެސް އެއްބަސްވިއެވެ.
ދެބަފައިން ވިސްނަން ތިބީ، ހުކުރުން ފައިބައިގެން ނުކުތް މީހުންތަކުގެ ތެރޭގައެވެ. އަނެއްކާ ވެސް އާމިރާ ގުޅަން ފެށިއެވެ. ޒިޔާން އެ ފޯނު ފައިސަލަށް ދައްކައިލިއެވެ. އެކަމަކު ނުއެއް ނަގައެވެ. ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
"މިހެން ހަދަމާ! އެއްކޮޅަށް ދޭ ދަރިފުޅު،" ފައިސަލް ބުންޏެވެ. "އަނެއްކޮޅަށް ދާނަން ޑެޑީ. އޭރުން ކިހިނެއްވާނެ؟"
"ޑެޑީއަކަށްނު އެނގޭނީ،" ޒިޔާން ބުންޏެވެ. "ޒިޔާން ދިޔާމަ އަހާނެ ޑެޑީ ކޮބާހޭ؟ ޑެޑީ ދިޔާމަ އަހާނެ ޒިޔާން ކޮބާހޭ؟ ދެން ކިހިނެއްވާނީ؟"
"ސަކަރާތްވާނެ،" ވިސްނަމުން ފައިސަލް ބުންޏެވެ. "އަހަރުމެން ފިރިހެނުންވެރިން ވިސްނާ ގޮތަކަށް ނޫން އަންހެންވެރިން ވިސްނާނީކީ. އެކަމަކު ފިރިހެނުންނަށް އެނގެންވާނޭ މި ކަހަލަ ޓެކްނިކަލް ކަންކަން ހަމަޖައްސާލަން. އަހަރުމެންނަށް ގޮތެއް ހުހެއްނުވާނެ. ރައިޓް؟ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަޖެއްސެންޖެހޭނެ. ޔޫ ރެޑީ؟"
"އޯކޭ!" ޒިޔާން އެއްބަސްވިއެވެ. "ޒިޔާން ރެޑީ! ޑެޑީ ދާނީ ކޮން ގެއަކަށް؟"
"ދަރިފުޅު ދާނީ ކޮން ގެއަކަށް؟" ފައިސަލް އެހިއެވެ.
"ޑެޑީ ފުރަތަމަ ބުނޭ!" ޒިޔާން އެދުނެވެ.
"ހޫނ.." ފައިސަލް ވިސްނައިލިއެވެ. "ފިރިހެނުންނަށް ވެސް ގޮތް ހުސްވާ ފަހަރު އާދޭ ދޯ؟"
ރިންދާގެ ގެއަށް ދިޔައީ ޒިޔާނެވެ. އާމިރާގެ ގެއަށް ފައިސަލެވެ. އެއީ ފައިސަލްގެ ގެއަށް ޒިޔާން ބާލައިފައި، އަލުން ފައިސަލް ނިންމި ނިންމުމެކެވެ. ރިންދާގެ ގެއަށް ޒިޔާން ބާލައިފައި ފައިސަލް ގެއަށް ނައްޓައިލިއެވެ. ހުކުރުދުވަހުގެ މެންދުރުކެއުން ވީހައި ވެސް އަމާންކޮށް ގެންދިޔުމުގެ އުންމީދުގައެވެ. ދެބައިކަނޑަށް ދުއްވައިފައި، އަނެއްކާ ފައިސަލްގެ ހިޔާލު ބަދަލުވިއެވެ. އާމިރާ ގާތުގައި ހުރުން އެންމެ މުހިންމީ ޒިޔާންކަން ވިސްނުނެވެ. އެހެނަސް ދެން ޒިޔާން ބަލައިދާކަށް ނުކެރުނެވެ.
ރިންދާ ފެންތަށި ގެނެސް ޒިޔާން ކައިރީގައި ބެހެއްޓިއެވެ. ކައިރީގައިހުރި ގޮނޑީގައި ރިންދާ އިށީނެވެ.
"ދައްތަޔާ މަންމަ ހިނގައްޖެ ވިލިނގިއްޔަށް،" ރިންދާ ބުންޏެވެ. "އެކަމަކު ރިންތަ ހިތަށްއެރީ މިއަދު ޒިޔާންމެން މި ގެއަށް އިންވައިޓުކުރާނީއޭ! އެހެންވެ ނުދިޔައީ،" އެހެން ބުނެފައި ރިންދާ ބަލައިލީ ދޮރަށެވެ. "ހާދަ ލަސްވެއްޖޭ! ކޮބާ ޑެޑީ؟"
"ޒިޔާން ވީ ރިންދާ ބުނެގެން އެ ގެއަށް ކާން ގޮސް،" ފައިސަލަށް ކުރިމަތިވި ސުވާލަށް ފައިސަލް ޖަވާބުދިނެވެ. "އޭރު އާމިރާ ގުޅިއިރު ރިންދާ ވެސް ގުޅައިގެނޭ އުޅެނީ. މަ ބުނީ ޒިޔާން ދާށޭ އެ ކޮޅަށް. އަނެއްހެން އެއީ މައްސަލައެއް ނޫންތާ ދޯ؟"
އާމިރާ އިނީ ފައިސަލް ކުރިމަތީގައި ހުރި ގޮނޑީގައެވެ. ފައިސަލް ދިން ޖަވާބު އާމިރާއަކަށް އެހައި ރަނގަޅެއް ނުވިއެވެ. އެ ކަން އާމިރާގެ މޫނުމަތިން ސާފުކޮށް ފެނުނެވެ. އެހެނަސް، ޒިޔާނާ އެކުގައި ކާންއިން ރިންދާ އިނީ މޫނުމައްޗެއް އަޅައިގެންނެވެ.
"ރިންތައަށް މައްސަލައެއް ނެތް ޑެޑީ ނަޔަސް ޒިޔާން އަތުވެއްޖެއްޔާ!" ލުއި ހިނިތުންވުމަކާ އެކުގައި ރިންދާ ބުންޏެވެ. "ރިންތަގެ މީހަކީ ތިއެއްނު! މީރުތަ އެއްޗެހި؟"
"ވަރަށް މީރު،" ފައިސަލަށް ކުރިމަތިވި ސުވާލަށް ފައިސަލް ޖަވާބުދިނެވެ. "ރިންދާ ވެސް ވަރަށް މީރު އެއްޗެހި ހަދާލާނެ. އޭނަ ވަރަށް މޮޅުވާނެ ކުރަހާލެއް ވެސް. ޒިޔާން ބުނާ ކޮންމެ އެއްޗެއް އޭނަ ކުރަހާލާނެ."
އާމިރާގެ ކުރިމަތީގައި އިނދެގެން ރިންދާއަށް ތައުރީފުކުރާ އަޑުއަހަން އާމިރާއަކަށް އެހައި ފަސޭހައެއް ނުވިއެވެ. އެހެނަސް އެ ކަން ދުލަކުން ހާމައެއް ނުކުރެއެވެ.
"ރިންދާ ހުންނާނީ ޒިޔާނާ ވަރަށް ގުޅާލާފަ،" ފައިސަލްގެ މޫނަށް ނުވެސް ބަލައި އާމިރާ ބުންޏެވެ. "ބައެއް ފަހަރު ހީވޭ ޒިޔާން ވެރިކޮށްލަން އުޅޭހެން ވެސް."
"ހީތަވަނީ؟" ހީނގެންފައި ރިންދާ ބުންޏެވެ. "ތީ ހަމަ ރެސްޓޯރަންޓަކުން ގެނެއްސަ ހުރި އެއްޗެކޭ. އެއީ ދޮގެއް. ރިންތަގެ މޮޅު ރެސިޕީއަކަށް ހަދާލި އެއްޗެއް ތީ."
ރިންދާ އެހެން ބުނި ވަގުތު ޒިޔާން އަތުން މޭޒަށް ރިހައެޅުނެވެ.
"އޯކޭވާނެ!" ރިންދާ ބުންޏެވެ. "އަޅާނުލާ!"
"އަހަރެން އަޅައެއްނުލާނަމޭ!" އާމިރާ ބުންޏެވެ. "އަހަންނަށް އެނގޭ ފައިސަލް ތި އުޅެނީ ޒިޔާނާ ރިންދާ ކައިރިކުރަންކަން. އަޅެ ޒިޔާން މިގެއަށް ލާފަ ފައިސަލް އެ ގެއަށް ދިޔަ ނަމަ އަހަރެން ކިހާ އުފާވީސް."
"ތިހެން ހެދި ނަމަ ބުނާނެ ޒިޔާން އެ ގެއަށް ލާފަ، އަހަރެން މި ގެއަށް އައި ނަމައޭ،" ކުޑަކޮށް ހިތްހަމަނުޖެހިފައި ފައިސަލް ބުންޏެވެ. "މި ދޭތެރޭގަ އަހަރެން ސޭންޑްވިޗް ނުވާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ."
ދެން އާމިރާ އިސްޖަހާލައިގެން އިނީއެވެ. ކުރިން ރައްދުދޭހެން އެކައްޗެއް ވެސް ނުބުނެއެވެ. ވީމާ، އެ މައްސަލަ ޒުވާބަކަށްވާން ފުރުސަތެއް ނުލިބުނެވެ. ފައިސަލް ވެސް އާމިރާއަށް ބަލައިލާފައި ހިތްހަމަނުޖެހިފައި އިނީއެވެ. އިރުކޮޅަކުން އާމިރާއަށް ރޮވެން ފެށިއެވެ. އެ ހިސާބުން އާމިރާ އެ ތަނުން ތެދުވެގެން ދިޔައީއެވެ. ފައިސަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއް ކަމެއް ކަށަވަރުވިއެވެ. އާމިރާގެ ޖަދަލުކުރުން ހުއްޓިއްޖެއެވެ.
ބޯމަތިންދިޔަ ހެލިކޮޕުޓަރު ޒިޔާންގެ ރިމޯޓުން ކޮންޓުރޯލުކުރިއެވެ. އަނބުރައިލިއެވެ. ހަވީރުގެ ވަގުތެވެ. ރަސްފަންނުގެ ހަމަހިމޭން މާހައުލެވެ. ޒިޔާން ކައިރީގައި، ހިތްވަރުދޭން ރިންދާ ހުއްޓެވެ. އެ ވަގުތު، ގަހެއްގައި އެޅުވިފައިއޮތް ފުއްޕާހަމެއް ރިންދާއަށް ފެނުނެވެ. ޒިޔާނަށް އެ ފުއްޕާހަން ދައްކައިލިއެވެ. ރިންދާ ބުނި އެއްޗެއް ޒިޔާނަށް ވިސްނުނެވެ. ހަން ފަޅައިލުމަށް ޓަކައި، އެ ދިމާއަށް ހެލިކޮޕުޓަރު އަނބުރައިލިއެވެ. އެއީ ހިރާސީ އުކުޅެކެވެ. ގޮފިގަނޑުގައި ބުރަފަތި ޖެހިއްޖެ ނަމަ ހަލާކުވާނެއެވެ.
"ޔަގީންތަ؟" ރިންދާ ސުވާލުކުރިއެވެ. "ރިސްކީ ދޯ؟"
"ނޯ!" ޒިޔާން ބުންޏެވެ.
ޒިޔާން މަޑުމަޑުން ހެލިކޮޕުޓަރު ފުއްޕާހަމާ ކައިރިކުރަން ފެށިއެވެ. ރިންދާ ހުއްޓައިނުލައި ހިތްވަރުދިނެވެ. އިންޗިއަކުން އިންޗިއަކުން ކައިރިކުރަމުން ގޮސް ޒިޔާނަށް ފުއްޕާހަން ފަޅައިލެވުނީ، ފަސް ވަރަކަށް މިނެޓު މަސައްކަތްކޮށްގެންނެވެ. ހަން ފަޅައިގެންދިޔުމާއެކު ރިންދާ އުފަލުން ހަޅޭއްލަވައިގަތެވެ. ދެމީހުން އަތްޖަހައި ސަލާންކޮށްހެދިއެވެ. ރިންދާގެ އަމާޒަކީ، އާމިރާ ނުކުރާ ކަހަލަ ކަންކަންކޮށްގެން ޒިޔާންގެ ހިތުން ޖާގަ ބޮޑުކުރުމެވެ. ހަންފަޅައިލެވުމުން ހެލިކޮޕުޓަރު ތިރިކޮށް، އެ ހިފައިގެން ކެފޭއަކަށް ވަނެވެ.
"ރިންތަ ހީކުރީ ޒިޔާން ފެއިލްވާނެކަމަށްތަ؟" ޒިޔާން އެހިއެވެ.
"ނޫން! ޒިޔާންއަކީ ނުލާހިކު ސްމާޓް ބޯއީއެއް،" ރިންދާ ބުންޏެވެ. "ރިންތަ މިހިރީ ހަމަ އަޖައިބުވެފަ. ބޮޑުވެގެން ޒިޔާން ވާންޖެހޭނީ ޕައިލެޓަކަށް. އޭރުން ރިންތަ ފްލައިޓަށް އަރާ އިރު އަހަނ! މީނީ ރިންތަގެ ޕައިލެޓް ޒިޔާން."
"ރިންތަ ތަނަކަށް ދާންތަ ތި އުޅެނީ؟ އޭރުން ޒިޔާން ވަރަށް ފޫހިވާނެ." ޝަކުވާގެ ރާގެއްގައި ޒިޔާން ބުންޏެވެ.
"ރިންތައަށް ވެސް އެނގެޔޭ ތި ކަން. އަނެއްކޮޅުން މަންމައަކީ ވެސް އެއްވެސް ގެރެންޓީއެއް އޮތް މީހެއް ނޫން،" ތާހަށް ތެޔޮ ބުރުވައިލަމުން ރިންދާ ބުންޏެވެ. "މާދަމާ ވެސް ނައްޓާލަފާނެ. އަހަރުމެންގެ އާޓު ޕްރޮޖެކްޓު ވެސް އަދި އޮތީނު!"
އާމިރާ ދާ ވާހަކަ ބުނުމުން ޒިޔާންގެ ހިތް ނުތަނަވަސްވިއެވެ. ރިންދާ ބޭނުމީ އެ ގޮތެވެ.
"އަނެއްކާ ވެސް މަންމަ ހިނގައިދާނެތަ؟" ޒިޔާން އެހިއެވެ.
"އާނ!" ޔަގީންކަމާ އެކުގައި ރިންދާ ބުންޏެވެ. "ކީއްވެ ނުދާންވީ؟ ކުރިން ވެސް ދިޔައީނު."
ޒިޔާންގެ ބޮލަށް އެރުމުގައި ރިންދާ ކާމިޔާބުހޯދިއެވެ. އެ ކަން އެނގެނީ ޒިޔާންގެ މޫނުމަތިންނެވެ.
"އެކަމަކު ރިންތަ ވެސް ތި ދަނީނު!" ޒިޔާން ބުންޏެވެ. "އަޅެ ނުދޭބަލަ!"
"ޑެޑީ މެރީނުކުރަންޏާ ރިންތަ ކިހިނެއް އަބަދު މާލޭގަ ހުންނާނީ؟ ރިންތަގެ ގެ ހުންނަނީ ރަށުގައޭ،" ވައްކަޅިން ޒިޔާނަށް ބަލައިލަމުން ރިންދާ ބުންޏެވެ. "ރިންތައަށް ޒިޔާން ވަރަށް މިސްވާނެ. ރިންތަ ބޭނުން ޒިޔާން ފޭމަސް އާޓިސްޓަކަށް ހަދަން."
"ޒިޔާން ޑެޑީޔާ ވާހަކަދައްކާނަން،" އިނގެރޭސިން ޒިޔާން ބުންޏެވެ. "ޒިޔާނަކަށް މިހާރު މަންމައަކަށް ޓްރަސްޓެއް ނުކުރެވޭ!
ޒިޔާން ފިކުރެއްގެ ތެރެއަށް ގެއްލުނެވެ. ރިންދާގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.
-ނުނިމޭ-