މަގުމަތިން ހޮވި ކުއްޖާ އެއް އަހަރު ތެރޭގައި މުޅިން ބަދަލުވެފައި
މަގުމަތިން ހޮވި ކުއްޖާ އެއް އަހަރު ތެރޭގައި މުޅިން ބަދަލުވެފައި

"ހަންޑިއެއް" ކަމަށް ބުނެ މައިންބަފައިން މަގުމައްޗަށް ދޫކޮށްލި ނައިޖިރިޔާގެ ކުޑަ ފިރިހެންކުއްޖާ ސަލާމަތްކުރިތާ އަހަރު ދުވަސްވީ އެވެ. މިހާރު އެއީ އުފާވެރި، ސިއްހަތު ރަނގަޅު ކުއްޖެކެވެ. މި ކުއްޖާ އަށް އެހީތެރިވި، އެހީގެ މަސައްކަތުގައި އުޅޭ ޑެންމާކް މީހެއް ކަމަށްވާ އަންޖާ ރިންގްރަން ލޮވެން ވަނީ އުފާވެރި އެއް އަހަރު ފާހަގަކޮށްފަ އެވެ.

މަގުމަތިން ހޮވި ކުއްޖާ އެއް އަހަރު ތެރޭގައި މުޅިން ބަދަލުވެފައި
މަގުމަތިން ހޮވި ކުއްޖާ އެއް އަހަރު ތެރޭގައި މުޅިން ބަދަލުވެފައި

އެންމެ ދެ އަހަރުގެ މި ކުއްޖާ މަގުމަތީގައި އުޅެނިކޮށް ލޮވެން އަށް އެކަން އެނގި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި އެވެ.

ހޯޕްގެ ނަން ދީފައިވާ މި ކުއްޖާ ފެނުނުއިރު އޭނާގެ ހާލު ވަރަށް ދެރަ އެވެ. މަގުމަތީގައި އޮރިޔާން ހާލުގައި ކާންބޯން ނުލިބި އުޅުމުން ކުއްޖާގެ ސިއްހަތު ވަނީ ވަރަށް ދަށްވެފަ އެވެ. މުޅި ގައިގައި ފުޅަތައް ދުވެ އެވެ. ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސް އެތައް މަހެއް ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިނެވެ. އަދި އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ.

ނަމަވެސް އޭގެ ފަހުން އަހަރެއްވީއިރު ހޯޕް އަކީ ސިއްހަތު ރަނގަޅު އުފާވެރި ކުއްޖެކެވެ. ހޯޕް އަލަށް ސްކޫލަށް ދިއުމާއި އޭނާ ސަލާމަތްކުރެވުނު ދުވަސް އޭނާ ސަލާމަތްކުރި ލޮވެން ވަނީ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފަ އެވެ.

ޖެނުއަރީ މަހު ފޭސްބުކްގައި ލޮވެން ލިޔެފައިވާ ގޮތުން ހޯޕްގެ ހެދި ބޮޑުވުން ވަރަށް ރަނގަަޅެވެ.

"އަހަރެމެން ހިންގާ ފައުންޑޭޝަންގެ މުވައްޒަފުންނާއި އެތަނުގައި ތިބި އެހެން ކުދިންގެ ލޯތްބާއި އޯގާތެރިކަމާ އެކު ހޯޕް ބޮޑުވަމުންދާއިރު އޭނާއަކީ މިހާރު ވަރަށް ރީތި، އުފާވެރި އަދި ސިއްހަތު ރަނގަޅު ކުއްޖެއް،" ލޮވެން ލިޔެފައިވެ އެވެ.

ލޮވެން އަކީ އެފްރިކަން ޗިލްރަންސް އެއިޑް އެޑިޔުކޭޝަން އެންޑް ޑިވެލޮޕްމަންޓް ފައުންޑޭޝަން (އޭސީއޭއީޑީއެފް)ގެ ކޯ-ފައުންޑާ އެވެ. މިދިޔަ އަހަރު ހަފިންޓަން ޕޯސްޓަށް ލޮވެން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި މިގޮތަށް ކުޑަކުދިން މަގުމައްޗަށް ނެރެ އެއްލާލުމަކީ ނައިޖީރިޔާގެ ބައެއް މީހުން ވަރަށް ގިނައިން ކުރާ ކަމެކެވެ. މިފަދަ ކުދިންގެ ސަބަބުން މުސީބާތްތައް ކުރިމަތިވާ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

"އެންމެ ތުއްތު އުމުރުގައި އާއިލާއިން ނުބަލާ ދޫކޮށްލުމުން އެ ލިބޭ އެކަނިވެރިކަމާއި ކުދިންނަށް އެ ކުރެވޭ ހިތްދަތި ތަޖުރިބާތަކަކީ އެއްވެސް މީހަކަށް ޚިޔާލަށް ވެސް ގެނެވޭވަރުގެ ކަމެއް ނޫން،" ލޮވެން ބުނެފައިވެ އެވެ.

ލޮވެންގެ ޗެރިޓީއަކީ މިގޮތަށް އެއްލާލާ ނުވަތަ އަނިޔާލިބޭ ކުދިން ސަލާމަތްކޮށް އެކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ކާނާ އަދި ބޯހިޔާވަހިކަމާއި ތައުލީމު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ކުދިން ބޮޑެތިވެގެން، ހިތްވަރުގަދަ ކެރޭ މިނިވަން މީހުންނަށް ހެދުމަކީ ލޮވެންގެ ޖަމިއްޔާގެ އަމާޒެވެ.

ލޮވެންގެ މި އިންސާނީ ޚިދުމަތުގެ އަގު ވަޒަންކޮށް "މޯސްޓް އިންސްޕައަރިން ޕާސަން އޮފް ދަ އިޔާ" ގެ އެވޯޑު ޖާމަނީގެ އޯއޯއޯއެމް މަޖައްލާއިން 2016 ވަނަ އަހަރު ދީފައިވެ އެވެ. މި އެވޯޑަށް ލޮވެންއާ ވާދަކުރީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ. އޮބާމާ ދިޔައީ ދެ ވަނަ އަށެވެ.