15 ސެޕްޓެމްބަރ 2023 - 16:30

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބޭނުމަކީ ސަރުކާރާ މެދު ނަފްރަތު އުފެއްދުން ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް އިންޑިއާ އިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ ވެސް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެކު ތިއްބެވި ބޭފުޅުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ގެންގުޅޭނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށާއި އެއީ ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވާފައިވާ މުއިއްޒު ވިދާޅުވެފައިވާ އިންޓަވިއުއެއްގެ ވީޑިއޯއާ އެކު ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ހަމައެކަނި ނަތީޖާއަކީ ދިވެހިންނާއި އިންޑިއާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވެ އެތައް ބައެއްގެ ހިތުގައި ހަގީގަތެއް ނެތް ބިރުވެރިކަން އުފެއްދުން ކަމަށެވެ.
"މުއިއްޒުގެ ވެރިކަމެއް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ. އެއްވެސް މީހަކު ބޭރެއް ވެސް ނުކުރާނެ، މިތާ ހިނގާ އޮޕަރޭޝަންސް ކުރިޔަށް ދާނެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް،" ރޮޒެއިނާ ލިޔުއްވާފައިވެ އެވެ.
އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ އޭނާ ގެންގުޅުއްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންގުޅުއްވި ސިޔާސަތު ކަމަށެވެ. އަދި ޔާމީން ގެންގުޅުއްވީ ވަކި ކޮޅަކަށް ނުޖެހޭ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކެމްޕެއިން ތެރޭ މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގެ ވާހަކަތައް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ޗައިނާ ކޮޅަށް ބުރަވެ އެކަމާ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ގިނަ މަޝްރޫއުތަކާއި ލޯނުތައް ވެސް ނަގަމުން ދިޔައީ އެ ގައުމުންނެވެ. ނަމަވެސް މި ސަރުކާރު ހަވާލުވުމަށް ފަހު ބޮޑަށް ބުރަވެފައި އޮތީ އިންޑިއާ ކޮޅަށެވެ.