15 ސެޕްޓެމްބަރ 2023 - 06:54

ކުށުގެ އެކި ތުހުމަތުތަކުގައި މީގެ ކުރިން 103 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު ވައްކަމުގެ ތުހުމަތެއްގައި 104 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.
އުމުރުން 38 އަހަރުގެ އަލީ ޝާހިދު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން މިފަހަރު އޭނާ ހައްޔަރުކުރީ ފޯނެއް ވަގަށް ނެގި މައްސަލައެއްގަ އެވެ.
ވަގަށް ނެގި ފޯނު، އއ. ތޮއްޑޫ މީހެއް ކަމަށްވާ އަލީގެ އަތުން ފެނުނަސް އޭނާ ދިފާއުގައި ބުނެފައިވަނީ އެއީ މަސްތުވާތަކެތި ވިއްކާ "ކާޓެލް" އަކުން މީގެ ހަފްތާއެއް ކުރިން ގަތް ފޯނެއް ކަމަށެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އެ ފޯނުގެ ވެރިޔަކީ ކާކުތޯ ބެލި އިރު އެއީ ފަޅުގައި އޮތް ބޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އެއްޗެކެވެ. އަދި އެ ފޯނު ގެއްލުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޯޓުގައި ޗާޖަށް ޖަހާފައި އޮއްވައި ކަމަށް އެ ފޯނުގެ ވެރިމީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ތުހުމަތުގައި ހައްޔަރުކުރި މީހާ މީގެ ކުރިން 103 ފަހަރު ހައްޔަރުކޮށް އަދި 44 ފަހަރު ބަންދުކޮށްފައިވެ އެވެ. އޭނާ އަކީ މީގެ ކުރިން ވެސް ބޯޓުތަކުން ވައްކަން ކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި މި އަހަރު ވެސް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.