14 ސެޕްޓެމްބަރ 2023 - 19:37

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، އެންޓި ކެމްޕެއިން ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން މުއިއްޒުގެ ކެމްޕެއިން ޓީމުން މިއަދު ގޮވާލައިފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު މުއާޒު ރަޝީދު ވިދާޅުވީ، ސޯޝަލް މީޑިއާ އާއި އެމްޑީޕީގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް އިވެނީ މުއިއްޒަށް އެންޓި ކެމްޕެއިން ކުރާ އަޑު ކަމަށެވެ.
"މިކަން މި ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަން އެމްޑީޕީއަށް އަދި މި ސަރުކާރަށް. މި ސަރުކާރުން އެކަން އެ ކުރަނީ ރައްޔިތުން ސީދާ ސާފުކޮށް ބޮޑު އަޣްލަބިއްޔަތުން ނޫނެކޭ ބުނެފައި އޮއްވާ." އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ އިންތިހާބާ ދިމާކޮށް ދޮގު ފެތުރުމާއި ރިޝްވަތު ބެހުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ވަޒީފާގެ ބިރު އޮންނާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަމުންދާ ކަމަށް ތުހުމަތުކޮށް އޭނާ ވިދާޅުވީ އެކަން ތަކުރާރުކޮށް މުއިއްޒު ދޮގު ކުރައްވާފައިވާ ކަމަށެވެ.
"އެންޓި ކެމްޕެއިންގެ ގޮތުގައި ސަރުކާރުން ވަރަށް ބޮޑަށް މުއިއްޒުގެ އަބުރު ކަތިލައްވަން ވެގެން ތަފާތު އެކި ކަންތައްތަކެއް އެ ގެންދަނީ ސޯޝަލް މީޑީއާގައި ކުރަމުން. ހަގީގަތަކާ ހިލާފު އެތައް ވާހަކަތަކެއް ދަނީ ފަތުރަމުން." މުއާޒް ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމްގެ ނަމުގައި ބައެއް ފޭކް ބަޔާންތައް ނެރެމުންދާ ކަމަށާއި އަދި އެ ވާހަކަތަކުގައި އެއްވެސް ގޮތަކަށް ރައްޔިތަކު ނުޖެހުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.