27 އަހަރު ފަހުން އަންހެނަކު އިނގިރޭސި ވިލާތުން ޑިޕޯޓްކޮށްލަނީ
27 އަހަރު ފަހުން އަންހެނަކު އިނގިރޭސި ވިލާތުން ޑިޕޯޓްކޮށްލަނީ

ލަންޑަން (ފެބްރުއަރީ 4) - އިނގިރޭސި ރައްޔިތަކާ ކައިވެނިކޮށްގެން 27 އަހަރު ވަންދެން އެ ގައުމުގައި އުޅުނު ސިންގަޕޫރުގެ އަންހެނަކު ޑިޕޯޓްކޮށްލަން ނިންމައިފި އެވެ.

އަރީން ކްލެނެލް ކައިވެނި ކުރި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން އާއި އައިރިން އަށް ވަނީ ދެ ފިރިހެން ކުދިން ލިބިފަ އެވެ. އަދި އޭނާ އަށް ވަނީ މާމަ ދަރިއެއް ވެސް ލިބިފަ އެވެ. އައިރީން ހައްޔަރުކުރީ އާދައިގެ މަތިން މިޑްލްސްބަރާގެ އިމިގްރޭޝަނަށް ރިޕޯޓް ކުރަން ދިއުމުންނެވެ. މި މައްސަލާގައި ހޯމް އޮފީހުން ބުނީ ވަކިވަކި ފަރުދުންގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކާނެ ކަމަށެވެ.

ޖޯންއާ ކައިވެނި ކުރުމަށް ފަހު އައިރީން އަށް ވަނީ އިނގިރޭސި ވިލާތުގައި ދިރިއުޅުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު މައިންބަފައިންނަށް ޚިދުމަތް ކުރަން ސިންގަޕޫރުގައި ހޭދަކުރި މުއްދަތުގެ ސަބަބުން ވަނީ އޭނާގެ ރެސިޑެންޝަލް ސްޓޭޓަސް އަށް ބަދަލު އައިސްފަ އެވެ. އައިރީން ބުނީ ފިރިމީހާއާ އެކު އިނގިރޭސި ވިލާތުގައި ދިރިއުޅުމުގެ އާ ހުއްދަ އަށް ސިންގަޕޫރާއި އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އެކަމަކު މިޑްލްސްބަރާ އަށް ރިޕޯޓް ކުރަން ބުދަ ދުވަހު ދިއުމުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އައިރީން ބުނެފައި ވަނީ އޭނާގެ ފިރިމީހާ ވަރަށް ބަލި ކަމަށާއި ފިރިމީހާ އަށް އަޅާލަނީ އޭނާ ކަމަށާއި ޑިޕޯޓްކޮށްލައިފި ނަމަ އިނގިރޭސި ވިލާތުގައި އުޅޭ އޭނާގެ އާއިލާ ދެން ފެންނާނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ.