ސާވޭއަކަށް ކަމަށް ބުނެ ދަރިވަރުންގެ އައިޑީ ކާޑު ހޯދަން ސްކޭމް މެސެޖުތަކެއް
ސާވޭއަކަށް ކަމަށް ބުނެ ދަރިވަރުންގެ އައިޑީ ކާޑު ހޯދަން ސްކޭމް މެސެޖުތަކެއް

ރިޔާސީ އިންތިހާބާ ދިމާކޮށް ބައެއް ސްކޫލުތަކުގެ ދަރިވަރުންގެ އައިޑީކާޑު ހޯދަން ގުޅާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެފަދަ މެސެޖްތައް ހާއްސަކޮށް ކުރަނީ ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

ބައެއް ސްކޫލުތަކުގެ ވައިބާ ގްރޫޕުތަކަށް އެ ސްކޫލުތަކުން ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ އޮޅުވާލުމުގެ ތެރެއިން ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދުމަށް ސާވޭއެއް ކުރިއަށް ގެންދާ ކަމަށެވެ.

އެފަދަ މެސެޖުތަކަށް ސަމާލުވެ، ދަރިވަރުންގެ އައިޑީކާޑު ނުދިނުމަށް ސްކޫލުތަކުން ވަނީ އެދިފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ބުނީ އެފަދަ ކަމެއް ހިންގަމުންދާ ކަމަށާއި އެ ކަމަށް ސަމާލު ވުމަށް ހުރިހާ ސްކޫލުތަކަށް އެދިފައިވާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ދަރިވަރުންގެ އައިޑީކާޑު ގަންނަ މައްސަލަތަކެއް ފެންމަތިވި އެވެ. އެކަމާ އޭރު ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިހާރު ވަނީ ނިމިފަ އެވެ. އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30ގަ އެވެ.