14 ސެޕްޓެމްބަރ 2023 - 12:36

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސްޓްރެޓެޖީ ނުވަތަ ތަދުބީރަކީ ދޮގު ވާހަކަތައް ފެތުރުން ކަމަށް ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރުގެ ކެމްޕެއިނަށް އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ އެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަމަށެވެ. އެ ބިރުވެރިކަމުގެ ތެރޭގައި އާންމުން ނުތިބުމަށާއި އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް މުއިއްޒު ދެއްވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން މިހާރު ތިބީ ސަރުކާރު ބަދަލުކުރަން ބޭނުންވެފައި ކަން ފުރަތަމަ ބުރުގެ ނަތީޖާއިން އެނގިއްޖެ ކަމަށެވެ. އެ ނިންމުން ފައިނަލްކުރުމަށް މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް އެންމެން ނުކުތުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އެމްޑީޕީން އޭނާއަށް އަމާޒުކޮށް ކިޔަމުން ދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވި ގޮތުގައި، އިންތިހާބާ ދިމާކޮށް ސަރުކާރުން "ދޮގު ހަދަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ".
"މިހާރު އަޅުގަނޑަށް ފާހަގަކުރެވެނީ މި ސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރެޓެޖީ އަކީ ދޮގު ހެދުމުގެ ސްޓްރެޓެޖީއޭ،" މުއިއްޒު ވިދާޅުވި އެވެ.
"ދެން އެކަމަކު ރައްޔިތުން އެއަށް ވުރެ މާ ހޭލުންތެރި، އެހެންވީމަ އަޅުގަނޑު އެއަކާ މާ ބޮޑު ކަންބޮޑުވުމެއް ނުވޭ."
މުއިއްޒު ވިދާޅުވީ ސަރުކާރުން އޭނާއޭ ކިޔައިގެން ފަތުރަނީ ހަގީގަތާ ހިލާފު ދޮގު ކަމަށެވެ. އެކަހަލަ ވާހަކައެއް އިވި، އެއްވެސް ޝައްކެއް އުފެދޭނެ ނަމަ، އެކަން އޮޅުންފިލުވުމަށް އޭނާ ކައިރިއަށް ދިއުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.
އެ ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކައުންސިލަތަކަށް ވެސް ވަރަށް ބޮޑަށް ވަނީ އިހުމާލުވެފަ އެވެ. އެހެންވެ، ލަމާރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބޭ ބާރު ކަށަވަރުކޮށްދިނުމަށް އޭނާގެ ވެރިކަމެއްގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
- ޔޫތު ސެންޓަރެއް ހެދުން.
- އޭލެވެލްއަށް ކިޔަވައިދޭން ފެށުން.
- ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން.
- ޕިކްނިކް އައިލެންޑެއް ހެދުން.
- ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުން.
- މިސްކިތް ހެދުން
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން މުއިއްޒު މިއަދު ފެއްޓެވީ އއ. ބޮޑުފޮޅުދޫންނެވެ. އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ރަށުގެ ތަރައްގީއަށް ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މުއިއްޒު ވިދާޅުވީ ބޮޑުފޮޅުދޫގެ ބިން ހިއްކާ ނިމުމުން އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި އެހެނިހެން ވަސީލަތްތައް ވެސް އޭނާގެ ވެރިކަމެއްގައި ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އެ ރަށުގެ ބަނދަރު ބޮޑުކޮށްދިނުމަށާއި ސްކޫލްގެ ޖާގަ އިތުރުކޮށްދިނުމަށާއި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައިދިނުމަށް ވެސް އޭނާ ވައުދުވެޑައިގެންނެވި އެވެ.
އއ. ގެ އިތުރުން އދ. ގެ ބައެއް ރަށްރަށަށް މުއިއްޒު މިއަދު ވަޑައިގަންނަވާނެ އެވެ.