14 ސެޕްޓެމްބަރ 2023 - 10:09

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާން ނުނިކުމެ ތިބި ރައްޔިތުން ފުން ކޮށް ވިސްނައި، ގައުމުގެ މުސްތަގުބަލު ސަލާމަތް ކުރުމަށްޓަކައި ދެވަނަ ބުރުގައި ނުކުމެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިޔާދު ވިދާޅުވީ ކުރީގެ ސަރުކާރުގައި ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންނާއި ނޫސްވެރިން ހައްޔަރުކޮށް، ޖަލަށްލައި މީޑިޔާތަކަށް ގެއްލުންދީ ބަންދުކުރި މާޒީ އިޔާދަވާން އެއްވެސް ދިވެހި ރައްޔިތަކު ބޭނުންނުވާނެ ކަމަށެވެ.
"ރައްޔިތުން ވިސްނަވަންވީ ކަޅު އަނދިރި ހާލަތަށް ވައްޓާލާނީތޯ ނޫނީ އަމާން ދިވެހި ރާއްޖެއަށް ދަތުރު ފަށާނީތޯ،" އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ވޯޓު ލާން ނުނުކުންނަ މީހުންގެ އިތުރުން އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިން މީހުންނަށް ވެސް އިޔާދު ވަނީ ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ.
"ފުރަތަމަ ބުރުގައި ވޯޓު ނުދެއްވައި ތިއްބެވި ރައްޔިތުން އެހެން ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ރައްޔިތުން ވިސްނަވާށޭ. ފުންކޮށް ވިސްނަވައި މުސްތަގުބަލު ސަލާމަތް ކޮށްދެއްވާށޭ،" އޭނާ ގޮވައިލެއްވި އެވެ.
މީގެއިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވި 86،000 އެއްހާ ރައްޔިތުންނަށް ވެސް އިޔާދު ގޮވައިލެއްވީ، "ކަށިން ހިތްވަރު" ނެރެގެން، ބުރަކޮށް މަސައްކަތް ކޮށްގެން، ރައީސަށް އިތުރު ވޯޓު ހޯދައިދިނުމަށެވެ.
އެންމެން އެކުގައި އެ ހިތްވަރެއްގައި މަސައްކަތް ކޮށްގެން، މި މަހުގެ 30 ގައި އޮންނަ އިންތިހާބުގެ ދެވަނަ ބުރު، ރައީސަށް ކާމިޔާބު ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.