13 ސެޕްޓެމްބަރ 2023 - 16:19

މި ސަރުކާރުން "ކަނޑު އަޑީގައި ރޯނު ދަމައިގެން" މާލޭ މީހުންނަށް ގޯތި ދީގެން ވެސް ވޯޓު ނުލިބުމުން، އެކަމުގެ ރުޅި ރައްޔިތުންނަށް އަމާޒުކުރަމުން ދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މުއިއްޒުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ތޮލާލް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ބޮޑު ތަނުން ކުރި ހޯއްދެވުމުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން އެކަމުގެ "ފްރަސްޓްރޭޝަން" ނުވަތަ ރުޅި ރައްޔިތުންނަށް އަމާޒުކުރަމުން ދާ ކަމަށެވެ.
"ގޯތި ލިބޭ މީހުންނަށް ގޯތި ދިނީމާ ވެސް ތިމަންނަމެންނަކަށް ވޯޓެއް ނުދިނޭ [މި ކިޔަނީ]. ގޯތި ދިން ނަމަތާ ދެއްތޯ، ކަނޑު އަޑީގައި ރޯނު ދަމާފައި ގޯތި ދީފަ އަދި އެތަން އިމާރާތް ކުރެވޭނެ އެއްވެސް މަގެއް ނުދައްކައި އެކަމަށް ފަހިވާނެ ކަމެއް ވެސް ނުދައްކާ ތިމަންނަމެންނަށް ވޯޓު ދޭން ޖެހޭނެއޭ ބުނީމަ ރައްޔިތުންނަކީ އެހާ ނުވިސްނޭ ބައެއް ނޫން،" ތޮލާލް ވިދާޅުވި އެވެ.
"އިންތިހާބުން ބަލިވީމާ އޭގެ ފްރަސްޓްރޭޝަން ރައްޔިތުންނަކަށް ނޫން ދެއްތޯ ދޭނީކީ."
ތޮލާލް ވިދާޅުވީ އެ ގޯތިތައް ލިބޭނީ މުއިއްޒުގެ ވެރިކަމުގައި ކަން ރައްޔިތުންނަށް މިހާރު ޔަގީން ވެއްޖެ ކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ކުރި ހޯއްދެވީ އެހެންވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 8،000 އަށް ވުރެ ގިނަ ގޯތި ދޭން ނިންމައިފަ އެވެ. އެ ގޯތިތައް ލިބޭ މީހުންގެ މެދުގައި މިހާރު ވަނީ ގުރު ނަގައި ނިންމައި، ގޯތި ކަނޑަން ފަށައިފަ އެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި، މި ދައުރު ނިމުމުގެ ކުރިން، ހިއްކަން ޖެހޭ ހުރިހާ ތަނެއް ހިއްކައި ގޯތި ކަނޑައި ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކުރާނެ އެވެ.
އިދިކޮޅުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ތޮލާލް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިއްޔެ އިލެކްޝަންސް ކޮމިޝަނާ ވެސް ހިއްސާ ކުރެއްވި ކަމަށެވެ. ޕީޕީއެމް/ޕީއެންސީން ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.