14 ސެޕްޓެމްބަރ 2023 - 07:17

އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ)ގައި ނުވަ އެވޯޑެއް ހޯދައި މި އަހަރު އެންމެ ގިނަ އެވޯޑު ލިބުނު ފަންނާނަކަށް އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވެއްޖެ އެވެ.
މި އަހަރުގެ ވީއެމްއޭ ހަފުލާ ބޭއްވީ އިއްޔެ އެވެ. އެ ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑުތައް މިފަހަރު ލިބުނީ ޓޭލާ އަށެވެ. އޭނާއަށް ލިބުނު އެވޯޑުތަކަކީ؛
• ވީޑިއޯ އޮފް ދި އިޔާ - އެންޓި-ހީރޯ
• އާޓިސްޓް އޮފް ދި އިޔާ - އެންޓި-ހީރޯ
• ސޯންގް އޮފް ދި އިޔާ - އެންޓި-ހީރޯ
• ބެސްޓް ޕޮޕް - އެންޓި-ހީރޯ
• ބެސްޓް ޑައިރެކްޝަން - އެންޓި-ހީރޯ
• ބެސްޓް ސިނެމަޓޯގްރެފީ - އެންޓި-ހީރޯ
• ބެސްޓް ވިޝުއަލް އިފެކްޓްސް - އެންޓި-ހީރޯ
• ޝޯ އޮފް ދި ސަމާ
• އަލްބަމް އޮފް ދި އިޔާ - މިޑްނައިޓްސް
މި އަހަރު ބެސްޓް ނިއު އާޓިސްޓްގެ އެވޯޑު ލިބުނީ އައިސް ސްޕައިސް އަށެވެ. އެންމެ ބެސްޓް ހިޕް-ހޮޕް މިއުޒިކްގެ އެވޯޑު ލިބުނީ ނިކީ މިނާޖުގެ "ސުޕަ ފްރީކީ ގާލް" އަށެވެ. ގްރޫޕް އޮފް ދި އިޔާގެ އެވޯޑު ސައުތު ކޮރެއާގެ މިއުޒިކް ގްރޫޕް "ބްލެކްޕިންކް" އަށް ލިބުނުއިރު، ސޯންގް އޮފް ދި ސަމާގެ އެވޯޑު ލިބުނީ ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޖަންކޫކް އަށެވެ.
މި އަހަރުގެ ހަފުލާގައި ވަނީ ހިޕް-ހޮޕް މިއުޒިކަށް 50 އަހަރު ފުރުން ވެސް ފާހަގަކޮށްފަ އެވެ.
އެ ހަފުލާގައި ޝަކީރާ، އޮލިވިއާ ރޮޑްރިގޯ، ކާޑީ ބީ، މޭގަން ތީ ސްޓޭލަން އަދި ޑޯޖާ ކެޓް ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުން ވެސް ގެނެސްދިނެވެ.