13 ސެޕްޓެމްބަރ 2023 - 13:53

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ނައިބުގެ މަގާމުގައި ހުންނެވި ނައުޝާދު ވަހީދު ހަސަން މަނިކު މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއިކުރައްވައި މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނައުޝާދު މަގާމުން ވަކިކޮށްފައިވާއިރު، އޭނާ ވަނީ މީގެ ދެ ދުވަސް ކުރިން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ނައުޝާދު ކުރެއްވި ޓްވީޓުގައި ވަނީ ފަރަހަނާޒް އުޅުއްވަނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އެމްޑީޕީ ފެށުނީއްސުރެ އެ ޕާޓީގައި އުޅުއްވާ ނައުޝާދު އަބަދުވެސް ފާހަގަވެފައިވަނީ ނަޝީދާ އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އެމްޑީޕީ ބައިބައިވުމަށް މެދުވެރިވި ރިޔާސީ ޕްރައިމަރީގައި ވެސް އޭނާ ތާއީދުކުރައްވާފައި ވަނީ ނަޝީދަށެވެ.