13 ސެޕްޓެމްބަރ 2023 - 12:04

މިއަހަރު ބާއްވާ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް ސީގަލް ގްރޫޕު ޕްރައިވެޓް ލިިމިޓެޑުން ހިންގާ ސީ ސްޕޯޓްސް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މިދިޔަ އަހަރު ބާއްވަން ފެށި ޖޫނިއާ ޗެމްޕިއަންޝިޕް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ 18-21 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.
މުބާރާތުގައި ރަޖިސްޓާ ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައި ވާއިރު، މިއަހަރު ވެސް 14 އަހަރާއި 16 އަހަރު އަދި 18 އަހަރުން ދަށުގެ ކެޓަގަރީ ހިމެނެ އެވެ. ކޮންމެ އެތުލީޓަކަށް ވެސް ދެ ކެޓަގަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
މިދިޔަ އަހަރުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ދެވަނަ ހޯދީ ކަޔާން އަބްދުﷲ އަރީފް އެވެ. އަދި ތިންވަނަ މަގާމް ހޯދީ، ޔަސީން އަހުމަދު ނާޝިދެވެ.
ޔޫސުފް ކަޔާން ވަނީ މިދިޔަ އަހަރުގެ 16 އަހަރުން ދަށުގެ ފައިނަލްގައި ވާދަކޮށް ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ ޔަސީން އެވެ. ތިންވަނައަށް ދިޔައީ ސައްޔިދު ސަލާހުއްދީނެވެ.
މިދިޔަ އަހަރު 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އަހުމަދު އަމީރެވެ. މިދިޔަ އަހަރަކީ އަމީރު، ޖޫނިއާ ކެޓަގަރީގެ ފަހު އަހަރެވެ. ޝާނިފް ޝަފީގު މި އުމުރުފުރާގެ ދެވަނަ ހޯދާފައި ވާއިރު، ތިންވަނަ ހޯދީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ.