13 ސެޕްޓެމްބަރ 2023 - 12:11

ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުމާއި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ނެރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަލަށް ދޫކުރި ގޯތި ލިބުނު މީހުންގެ ތެރެއިން ބަޔަކާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި އަކްރަމް ވިދާޅުވީ ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވެސް އަންނަ ހުކުރު ދުވަހާ ހިސާބުގައި ފެށޭނެ ކަމަށެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ހުޅުމާލެއިން އަލަށް ހިއްކާ ބައިގެ އީއައިއޭއަށް ދެ ދުވަހެއްގެ ތެރޭގައި ހުއްދަ ލިބޭނެ އެވެ. އޭގެ ފަހުން، އަންނަ ހުކުރު ދުވަހާ ހިސާބުގައި ހިއްކަން ފަށައި އެންމެ ލަސްވެގެން މަސް ދުވަސް ތެރޭގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާގެ ސްކީމްގެ ދަށުން ސަރުކާރުން މިހާރު އަންނަނީ ހުޅުމާލެ އާއި ގުޅީފަޅުން ގޯތި ދޫކުރަމުންނެވެ. އަކްރަމް ވިދާޅުވީ ގިރާވަރުފަޅުން ވެސް އަންނަ ހަފުތާގައި ގޯތި ދޭން ފަށާނެ ކަމަށެވެ. މި ތަންތަނުގައި ޖެނުއަރީ މަހު މަގު ހަދައި ކަރަންޓު ލާން ފަށާނެ ކަމަށާއި ހުރިހާ ތަނެއްގައި އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމައި ގެ އިމާރާތްކުރަން ފެށޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލެޓު ލިބޭ ދާއިމީ ލިސްޓު އަންނަ ހަފުތާގައި އިއުލާނުކުރާނެ އެވެ.
ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރާށެވެ. އެކަމަކު، ފަހުން ވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައިފަ އެވެ. އިތުރަށް ގޯތި ދިނުމުގެ ވިސްނުން ވެސް އެބަހުރި ކަމަށާއި އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އަންނަ ނޮވެމްބަރު 5 ގެ ކުރިން ހުރިހާ ގޯއްޗެއްގެ ރަޖިސްޓްރީ ހަވާލުކުރުމުގެ އަޒުމް އެބައޮތް ކަމަށެވެ. އެކަން އަވަސްކުރަން ވަކީލުން މެދުވެރިކޮށް ކުރީ ބައިގައި ރަޖިސްޓްރީ ހަވާލުކުރާ ކަމަށާއި ގިނަ ދުވަހެއް ނުވެ ބިން ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ހަދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.