04 ފެބުރުއަރީ 2017 - 10:51

ވޮޝިންޓަން (ފެބްރުއަރީ 3) - މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން ހުއްޓުވުމަށް ވޮޝިންޓަނުގެ ކޯޓަކުން ނެރުނު އަމުރު ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.
ވައިޓްހައުސް އިން ބުނީ ކޯޓު އަމުރު ހުއްޓުވައި ދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އެދޭނެ ކަމަށެވެ. ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވެސް ވިދާޅުވީ ޓްރަމްޕުގެ ނިންމެވުން ދެމެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސްގެ ނިންމެވުމަކީ ގާނޫނީ ގޮތުން ފުށުއަރާ ކަމެއް އެކުލެވިގެންވާ ނިންމެވުމެއް ނޫން ކަމަށާއި އެމެރިކާގެ ރައްޔިތުންނަށް ހިމާޔަތް ހޯދައިދިނުމަކީ ގާނޫނު އަސާސީން ރައީސް އަށް ދީފައިވާ ބާރެއް ކަމަށެވެ.
ވޮޝިންޓަނުގެ ފަނޑިޔާރު ޖޭމްސް ރޮބާޓް ވަނީ ޓްރަމްޕުގެ އަމުރާ ދެކޮޅު ހެދުމުގެ ބާރު އެމެރިކާގެ ސްޓޭޓްތަކަށް ނެތް ކަމަށް ސަަރުކާރުގެ ވަކީލުން ބުނާ ބުނުމާ ދެކޮޅަށް އަމުރު ނެރުއްވައިފަ އެވެ. އަދި އެއީ އެމެރިކާގެ ގާނޫނު އަސާސީގައި ބުނާ ދީނީ މިނިވަން ކަމާއި ހަމަހަމަ ކަމަށް ހުރަސް އަޅާ އަމުރެއް ކަމަށް ވެސް ބުނެފައިވެ އެވެ. މިދިޔަ ހަފުތާގައި ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުގައި މިހާރު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޓްރަމްޕް އަމުރު ނެރުއްވި ފަހުން 60،000 މީހުންގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ.
ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތު ވަގުތީ ގޮތުން ހުއްޓުވުމަށް ފެޑެރަލް ފަނޑިޔާރު ނެރުނު އަމުރު ހުކުރު ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ހިނގާނެ އެވެ. ކަސްޓަމްސް އާއި ބޯޑާ ޕްރޮޓެކްޝަނުން މިހާރު ދަނީ ވިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެއާލައިންތަކަށް އަންގަމުންނެވެ. ބޯޑާ ޕްރޮޓެކްޝަންގެ ތަރުޖަމާނަކު ވިދާޅުވީ ކޯޓު އަމުރު ބެލުމަށް ފަހު އެ އަނބުރަށް ބޯލަނބާނެ ކަމަށެވެ.