12 ސެޕްޓެމްބަރ 2023 - 20:13

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީތެރިކަން ހޯދަން ޕީޕީއެމް/ޕީއެންސީގެ އިސް ޓީމެއް މިރޭ ގާސިމްގެ އަރިހަށް ވަޑައިގެންފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ޖޭޕީގެ ކެންޑިޑޭޓް ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.
އެއީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި ޕީޕީއެމް/ޕީއެންސީން ނަގާފައިވާ ހާއްސަ ކޮމިޓީގެ މެމްބަރުންނެވެ.
އެ ބޭފުޅުންނަށް މާމިގިލީ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ސީދާ ގާސިމެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖޭޕީން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް މާދަމާ ހަވީރު ބާއްވަން ވަނީ ތާވަލްކޮށްފ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޓީމަށް ގާސިމް މަރުހަބާ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޭޕީގެ އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ސޯޝަލް މީޑިއާ އަށް ހިއްސާ ކުރެއްވި އެވެ.
އެ ބޭފުޅުން ގާސިމްގެ އަރިހަށް ވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމާ އެކު މަސައްކަތް ކުރުމުގެ ދައުވަތު ދެއްވަން ކަމަށް ނިހާން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ އެމްއެންޕީއާ އެކު ކޯލިޝަންގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕީޕީއެމް/ޕީއެންސީން އަންނަނީ އެހެން ސިޔާސީ ޕާޓީތަކާ އެކު ވެސް ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރަމުންނެވެ.
މިއީ ގާސިމަށް އެންމެ މަދުން ވޯޓު ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ 2008 ގައި ބޭއްވި އިންތިހާބުގައި ޖޭޕީގެ ލީޑަރަށް 27،056 ވޯޓު (15.32 ޕަސެންޓް) ލިބިވަޑައިގަތެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ގާސިމަށް 48،131 ވޯޓު (23.34 ޕަސެންޓް) ލިބިވަޑައިގަތެވެ.