ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅާނީ އޮފިޝަލުން، އީސީން އެކަމުގައި ބަސް ނުބުނާނެ: ހަބީބް
ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅާނީ އޮފިޝަލުން، އީސީން އެކަމުގައި ބަސް ނުބުނާނެ: ހަބީބް

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި ސައްހަ ވޯޓާއި ބާތިލް ކަނޑައަޅާނީ ވޯޓު ގުނާ އޮފިޝަލުން ކަމަށާއި އެކަމުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވަދެ، ބަސް ނުބުނާނެ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 4000 އަށް ވުރެ ގިނަ ބާތިލް ވޯޓު ލާފައިވެ އެވެ. ގިނަ ބަޔަކު ވަނީ ބާތިލް ވޯޓު ކަނޑައެޅުމުގައި ބަލާ މިންގަނޑާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ ވޯޓު ކަރުދާހުގައި އެއް ފާހަގަ އަދި ފާހަގަ މަތީ ތަކުރާރުކޮށް ނުކުރަހަން އިރުޝާދު ދީފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ ކަމަށެވެ.

"ވޯޓުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމެއް ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. އިތުރު ނިޝާނަކުން ވޯޓުލީ ކާކުކަން ދެނެގަނެވޭ ނަމަ އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ގުނުމުގެ ފުރުސަތު ކުޑަ،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި މިފަދަ ވަރަށް ގިނަ ޝަކުވާތައް އާންމުން އީސީގެ މެންބަރުންނަށް ފޮޓޯއާއެކު ވެސް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެއީ އީސީގެ މެންބަރުންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ މެދު ގޮތް ނިންމުމުގެ ބާރު ގާނޫނީ ގޮތުން ދީފައި އޮތީ މަރުކަޒުގެ ވެރިޔާއަށް ކަމުގައި އޭނާ ވިދާޅުވި އެވެ.

"ވޯޓު މަރުކަޒުގެ ވެރިޔާ، އޭނާއަށް ކޮމިޝަނުގެ މެންބަރުންނަށް ގުޅާފައި ތީތި ސައްހަ ކުރަން ވާނޭ އެހެނެއް ނުއެއް ބުނެވޭނެ. އެއީކީ ގާނޫނީ ގޮތުން ވަރަށް މަތީ އިހުތިޔާރަކާއި އިތުބާރެއް ދީފައި އޮތް މީހެއް އެ ވަގުތު. އެކަން ބަލާނަން ބަލާފައި އަޅުގަނޑުމެން ދެ ވަނަ ބުރުގައި އެކަމެއް ރަނގަޅު ކުރާނަން،" ހަބީބް ވިދާޅުވި އެވެ.

ބާތިލް ވޯޓާ މެދު އެކި މަރުކަޒުން އެކި ގޮތަށް އަމަލުކުރާތީ އެކަމާ މެދު ސުވާލުކުރުމުން ހަބީބް ވިދާޅުވީ އެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެއީ ހިނގާފާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އެއީ އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުންނަށް ޓްރެއިނިން ދޭ ގޮތަކުން ހިނގާ ކަމެއް ނޫން ކަމަށާއި އެ ކޮމިޝަނުން އިރުޝާދު ދީފައިވާނީ ވީހާ ވެސް ބޮޑަކަށް "ސައްހަ ވޯޓު ސައްހަ ވޯޓުގެ މައްޗަށް ބާތިލް ވޯޓު ބާތިލް ވޯޓުގެ މައްޗަށް" ކަނޑައެޅުމަށް ކަމުގައި އޭނާ ވިދާޅުވި އެވެ.

"ކޮމިޝަނަކުން އެއްގޮތަކަށް ބާތިލް ވޯޓާއި ސައްހަ ވޯޓާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއަކަށް އިރުޝާދެއް ނުދޭނެ. ކިތަންމެ މައްސަލަ ބޮޑުވިޔަސް، މައްސަލަ ބޮޑުވެގެން ކޮމިޝަނާ ހަމައަށް އައި އެ މައްސަލަތައް އެކަމަކު އެކަން ނިންމާނީ ހަމަ މަރުކަޒުގެ ވެރިޔާ. އެއާ ދޭތެރޭގެ ހިތްހަމަނުޖެހުމެއް ކަމަށް ވަންޏާ އެކަން މައްސަލައެއްގެ ގޮތުގައި ހުށަހަޅާނީ،" ހަބީބް ވިދާޅުވި އެވެ.

"ކޮމިޝަނުން ވަކި ލައިނެއް ވަކި ހިސާބަކުން ދެމި ކަމަށް ވިޔަސް އަޅުގަނޑުމެން އެކަން ހަވާލުކޮށްފައި ތިއްބަވާ ބޭފުޅުން އެކަން ކޮށްގެން ވާނީ."

ހަބީބް ވިދާޅުވީ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ވޯޓު ގުނާއިރުގައި ސިއްރުކަން ހިފަހައްޓައި އެކަން ކުރެވެން އޮތް ގެންދެވެން އޮތް ގޮތެއް ބަލައި އެކަން ކުރާނެ ކަމަށެވެ. ދެވަނަ ބުރުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ދިނުމުގައި ވެސް ވީހާވެސް އެއްގޮތް ކުރަން އިސްކަން ދޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ.