ޖަދަލު
ޖަދަލު

"ތިޔޯ؟" ފައިސަލް އެހިއެވެ.

ބުނާނެ އެއްޗެއް ނޭނގުނު ތަނުގައި ދޮގެއްހަދާކަށް ވެސް އާމިރާގެ ހިތަކަށް ނޭރިއެވެ. އެތެރެއަށް ވަން ޒިޔާން، ރިންދާއަށާއި އާމިރާއަށް ބަލައިލައިފައި އާމިރާ ގައިގައި ބައްދައިލިއެވެ.

"ސޮރީ މަންމާ!" މަޑުމަޑުން ޒިޔާން ބުނެލިއެވެ.

އާމިރާއަށް އެއްޗެއް ބުނެވުމުގެ ކުރިން ޒިޔާން ގޮސް ކޮޓަރިއަށް ވަނެވެ. ޒިޔާން މާފަށްއެދުނީ ކީއްވެގެންހެއްޔެވެ؟ އާމިރާ ހިތަށްއެރިއެވެ. އާމިރާއަށް ހަގީގަތް ކިޔައިދެވުނު ވާހަކަ ފައިސަލް ގާތުގައި ޒިޔާނަށް ބުނެވުނީހެއްޔެވެ؟

"އަހަރެން މީނީ ކޯޓަށް ހާޒިރުކޮށްފަ!" ރިންދާ ބުންޏެވެ.

އެ ދުވަހު ބުރެއްޖަހައިލަން ޒިޔާނާ ފައިސަލް ނުކުތް ދަތުރު ކުރުކޮށްލަންޖެހުނީ ޒިޔާން ބުނި އެއްޗަކުންނެވެ. ފައިސަލް ބޭނުންވީ އެ ވާހަކަދައްކަން އަވަހަށް ގެއަށް އަންނާށެވެ. އައި އިރު ރިންދާ ގޭގައި އިނުމަކީ ފައިސަލަށް ލިބުނު ސިހުމެކެވެ. ހައިރާންކަމެކެވެ. ކޯޓަށް ހާޒިރުކޮށްފައޭ ރިންދާ ބުނުމުން، ދެން ހަދަންވީ ގޮތެއް ފައިސަލަކަށް ނޭނގެއެވެ. ފައިސަލް ކަންތައްކުރީ ފައިސަލަށް ފެނުނު އެންމެ މޮޅު ގޮތަށެވެ.

"ރިންދާ ހިނގާބަލަ!" ފައިސަލް އެދުނެވެ.

ނުތެދުވެ އިރުކޮޅަކު ރިންދާ އިނެވެ. އިނދެފައި، ފޫހި ގޮތަކަށް ތެދުވިއެވެ. އޭރު ވެސް އާމިރާ ހުރީ ބުދެއްހެންނެވެ. ރިންދާ ގޮވައިގެން ފައިސަލް ނުކުތެވެ. ނުކުތުމުން އާމިރާ މަޑުމަޑުން އިށީނެވެ. ހިތަށްއެރިއެވެ. އާމިރާ އައުމުގެ ސަބަބުން ފައިސަލަށް ހާދަ ބޮޑު ތަކުލީފެއް އުފުލަންޖެހިއްޖެއެވެ. ދެމީހެއްގެ ދޭތެރެއަށް އާމިރާއަށް ވަދެވިއްޖެއެވެ. ނުބެހޭ އެތައް ކަމަކާ ބެހެވިއްޖެއެވެ. އެންމެ ރަނގަޅު ގޮތަކީ އެ ތަކުލީފުން އެހެން މީހުން މިންޖުކުރުމެވެ. ކުރިން ހުރި ތަނަށް އާމިރާ ދިޔުމެވެ. ކުރިން ދިޔަ ގޮތަކަށް ނޫނެވެ. އާމިރާ ދާނީ ވަރީގެ ކަންތައް ނިންމައި، ޒިޔާން ބޭނުން ނަމަ ޒިޔާން ވެސް ގޮވައިގެންނެވެ. ފައިސަލްގެ ދިރިއުޅުމުން އެކީއެކައްޗަކަށް އާމިރާ ނުކުންނާނީއެވެ.

ރޭގަނޑު އަށެއްޖެހި އިރު ވެސް ފައިސަލް ގެއަކަށް ނާދެއެވެ. ފައިސަލަށް ގުޅާކަށް އާމިރާއަކަށް ނުކެރުނެވެ. ރިންދާ ގެނައީމައި ފައިސަލް ރުޅިއައިސްފައި ހުރެދާނެކަމަށް ހީކޮށެވެ. އާމިރާ އިރުއިރުކޮޅާ ފޯނަށް ބަލައިލައެވެ. ކޮންމެ ފަދަ މެސެޖެއް ވެސް ލިބިދާނެކަމަށް އާމިރާ ހުރީ ތައްޔާރުވެގެންނެވެ. ފައިސަލް ގެއަށްއައުން ލަސްވާ ވަރަކަށް އާމިރާގެ ހިތުގައި އުފެދުނު ވަހުމު ގިނަވިއެވެ. ފިކުރު ބޮޑުވިއެވެ. ދިހައެއްޖެހި އިރު ވެސް އާމިރާއަށް ހުރެވުނީ ދެކޮޅަށް ހިނގައިލަހިނގައިލައެވެ.

"އަޅެ ކޮންތާކަށްތަ އެ ދިޔައީ؟" ހިތާހިތުން އާމިރާއަށް ބުނެވުނެވެ.

"ކީއްކުރަން އަހަރެން ދާހާ ތަނެއް ބަލަނީ؟" ރިންދާ އެހިއެވެ.

ރިންދާ އިނީ ރިސޯޓެއްގެ އަތިރިމަތީގައެވެ. ކުރިމަތީގައިހުރި ޝަކުވާފުނީގެ ބޮޑުކަމުން، ކޮޅަށްހުރި ފައިސަލްގެ މޫނެއް ރިންދާއަކަށް ނުފެނެއެވެ. ފައިސަލާއި އާމިރާގެ ޑުރާމާ ބަލަން ރާއްޖޭގައި ނުހުންނާނެކަމަށް ބުނެ ރިންދާ ބިރުދެއްކިއެވެ.

"ވެޑިން މިހާ ކައިރިވެފައޮއްވާ ޓަސްލާފަ ރިންދާ ގެއްލުނީމަ ކިހިނެއްވާނީ؟" ފައިސަލް އެހިއެވެ. "ރިންދާއަށް އާމިރާ ވެސް ނުލާހިކު ނައިސްއެއްނު! ދެންމެ ބުނި އެހެން."

"އަހަރެން މި ބުނަނީ އާމިރާ އަހަންނަށް ތައުރީފުކުރާށޭތަ؟" ރުޅިއައިސްފައި ރިންދާ ބުންޏެވެ. "ނޫނީ އަހަރެން ކަރުގަ މާފައްޗެއް އަޅުވާށޭތަ؟ އެ ކަންތަ ނުވެގެން މި އުޅެނީ؟ އަހަރެން އުފާކޮށްދޭށޭ ކިޔާފަ ކޮންމެހެން ރިސޯޓަށް ގެންނާނެކަމެއް ނެތް. ހަމައެކަނި އަހަންނަށް ބުނެދީ ފައިސަލް ނިންމާ ގޮތެއް. އޭރުން ދެން އަހަންނަށް އެނގޭނެ އަހަރެން ކިހިނެއްކަން ހަދަންވީ. މިހާރު ވެސް ނޭނގެ ބައްޕަ މާލެނާންނަކަމެއް."

"ބުނަންވީނު އަދި އިހަށް ނައިސް މަޑުކުރާށޭ!" ފައިސަލް އެދުނެވެ.

އައި ރުޅިން ރިންދާ ބުނަން އުޅުނު ވާހަކަ އެތެރެއަށް ހިންދައިލިއެވެ. އަމިއްލަ ނަފުސު ހަމަޖެއްސުމަށް ޓަކައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހިތަށްއެރިއެވެ. ބައްޕަ ގެންނާށޭ ބުނެފައި، މާލެއައިމަ، ދެން ނާންނާށޭ ބުނާނީ ކިހިނެއްހެއްޔެވެ؟ ފައިސަލްއަކީ އެ ވަރު ނޭނގޭ ކުޑަކުއްޖެއްހެއްޔެވެ؟ ރިންދާ ކުއްލިއަކަށް ފޯނު ނަގައިފައި ފައިސަލަށް ދިއްކޮށްލިއެވެ.

"ފައިސަލް ބުނޭ!" ރިންދާ އެދުނެވެ.

ފޯނުގައި ހިފަން ފައިސަލް އައެވެ.

"އެކަމަކު ފޯނު ކަނޑާނުލާތި!" ރިންދާ އަމުރުކުރިއެވެ. "ދެން އަހަރެން ކުރާ ކަންތައް ވެސް ފައިސަލް ޖެހޭނެ ބައްޕައަށް ވަގުތުން ކިޔައިދޭން."

ރިންދާ އެހެން ބުނުމުން، ފޯނުގައި ހިފާކަށް ފައިސަލަކަށް ނުކެރުނެވެ. އެ ވަގުތަކު ހިތަށްއަރާ ކަމެއް ކޮށްލުމަކީ ރިންދާގެ ރަވައްޔާގައި ހުންނަ ބިރުވެރި ސިފައެކެވެ.

"އަހަރެން ކައިރިއަށް ޓަސްލާފަ އޭނަ އައީމަ ކިހިނެއް އޭނަ ވަރިކޮށްލާފަ ފޮނުވާލާނީ؟ ޒިޔާންގެ މަންމައޭ އެއީ،" ފައިސަލް ބުންޏެވެ. "ކިތައް ފަހަރުތަ މި ވާހަކަ ބުނަންވީ؟"

"މަންމަ އެންމެ ބޭނުންވި ވަގުތު ފިލާރައްކާވީ ވެސް ހަމަ އޭނަ ދޯ؟" ރިންދާ ބުންޏެވެ. "ކިތައް ފަހަރުތަ އަހަރެން އެ ވާހަކަ ބުނަންވީ؟ އޭނ؟ އޭނަ ބޭނުންވީ ފައިސަލް ދެރަކޮށްލަން. ތަޅުވާލަން ބޭނުންވީ. އަހަންނާ ހެދި އެ ކަން ނުވީ. ބުނެބަލަ ނޫނެކޭ."

"މަ ބުނަންތަ ވާހަކައެއް؟" ފައިސަލް ބުންޏެވެ.

"އުހުނ މަ ބުނަންތަ ވާހަކައެއް؟ ފައިސަލަށް މިހާރު އެނގެން ޖެހޭނެ ޒިޔާން ދެކެ ލޯބިވާ މީހާއާ ލޯބިވާކަމަށް ހެދިގެން އުޅޭ މީހާ،" ރިންދާ ހުރީ ދޫދޭގޮތަކަށް ނޫނެވެ. "އެންމެ ރަނގަޅު. ޒިޔާން އެންމެ ލޯބިވަނީ ކާކު ދެކެ؟ އަހަރެން ދެކެތަ ނޫނީ އާމިރާ ދެކެތަ؟"

"އަހަރެން ކިހިނެއް ތިއަށް ޖަވާބު ދޭނީ؟" ފައިސަލް އެހިއެވެ.

"އަހަރެން ދީފާނަމޭ! އަހަރެން ދެކެ ލޯބިވާނީ!" ވަރަށް ޔަގީންކަމާ އެކުގައި ރިންދާ ބުންޏެވެ.

ރިންދާ ތެދުވެގެން ހިނގައިގަންނަން އުޅެންފެށުމުން ފައިސަލް އަތުގައިހިފުމުން ރިންދާ ފޮޅުވައިލިއެވެ.

"ޕްލީޒް ރުޅިނައިސްބަލަ ރިންދާ!" އާދޭހާ އެކުގައި ފައިސަލް ބުންޏެވެ. "އާމިރާ އެ ބުނަނީ ދެއަންބަށް އިނަސް އޯކޭއޭ. ކީއްވެތަ ރިންދާއަށް އަންޑަސްޓޭންޑް ނުވަނީ؟

"އެހެން މީހަކާ ޝެއާކުރަން ތީ ޗޮކްލެޓެއް ނޫނޭ ފައިސަލް! ކީއްވެތަ ފައިސަލަށް އަންޑަސްޓޭންޑް ނުވަނީ؟" ކުރިޔަށް ވުރެ ރުޅިއައިސްފައި ރިންދާ ބުންޏެވެ.

"ތި ދެ މީހުންގެ ހިޔާލު ތިހާ ތަފާތީ ކީއްވެގެންތަ؟" ފައިސަލް ސުވާލުކުރިއެވެ.

"އޭނަ އެއްވެސް ލޯތްބެއް ނުވޭ! އަހަރެން ވަރަށް ލޯބިވޭ! އެނގިއްޖެ ކީއްވެކަން؟" ހިނގައިގަންނަމުން ރިންދާ ބުންޏެވެ. "އަހަރެން މާލެގެންދޭ! ހަމަ މިހާރު!"

ރިންދާ ރަށުތެރެއަށް ހިނގައިގަތުމުން ފައިސަލް ބޮލުގައި އަތްއެޅިއެވެ. ގޮތްހުސްވިއެވެ. ރިންދާ ގޮވައިގެން ފައިސަލް އައީ ރިންދާ ހިތްހަމަޖެއްސުމަށް ޓަކައެވެ. ނިމުނު އިރު އެ ވެސް މި ވީ ފައިސަލްގެ ބޮލުގަރިހުމަކަށެވެ.

ޓެކުސީ އައިސް ރިންދާ އުޅޭ ގެ ކައިރިއަށް މަޑުކޮށްލިއެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. ޚާލިދު ކާރުން ފޭބިއެވެ. ފޭބި އިރު ވެސް އޭނަގެ މޫނުމައްޗަކު އެއްވެސް އުފާވެރިކަމެއް ނެތެވެ. ހީވަނީ، އަންނަން ބޭނުން ނުވާ ތަނަކަށް އާދެވުނުހެންނެވެ. ނުވަތަ ގަދަކަމުންގެނައިހެންނެވެ. ގޭގެ ނަންބޯޑަށް ބަލައިލައިފައި ޚާލިދު ގެއަށް ވަނެވެ. ރިންދާ އުޅޭ ބައިގެ ދޮރުކައިރިއަށް ހުއްޓިފައި، ދޮރުގައިހުރި ނަންބަރަށް ބަލައިކަށަވަރުކުރުމަށް ފަހު، ޓަކިޖަހައިލިއެވެ. ދޮރު ކައިރީގައި އެތެރޭގައިހުރި ރިންދާ ހުރީ، ކުޑަކޮށް ހާސްވެ ނުތަނަވަސްވެފައެވެ. ޚާލިދު އަނެއްކާ ވެސް ޓަކިޖެހުމުން، ރިންދާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ވަގުތުން ތުންފަތަށް ހިނިތުންވުމެއް ގެނެސްފައި، ދޮރު ހުޅުވައިލިއެވެ.

"އައްސަލާމް އަލައިކުމް ބައްޕާ!" ބައްޕަ ބުނެފައިވާ ގޮތަށް ރިންދާ ސަލާންގޮވިއެވެ.

"ވައަލައިކުމް ސަލާމް!" އެއްވެސް އުފަލެއް ނެތް އަޑަކުން ޚާލިދު ބުންޏެވެ. "ނިދާފަ ދޯ އޮތީ؟"

"ނޫން! ބައްޕަ އަންނަ ވާހަކަ ބުނީމަ ދޮރު ވެސް ތަންޑުނާޅުވައޭ މިހިރީ، ވަދޭވަދޭ!" ރިންދާ ބުންޏެވެ. "ދައްތާ! ބައްޕަ އަތުވެއްޖެ! ބައްޕަ އިށީނދޭ!"

ސީރިޔަސް މޫޑެއްގައި، ވަށައިގެން ނަޒަރުހިންގަމުން ޚާލިދު އިށީނެވެ. ކައިރީގައި ރިންދާ ވެސް އިށީނެވެ.

"މާ ގިނަ އިރަކު ނެތް އިނދެވޭކަށް. މެންދުރު ވަގުތުވަނީ،" ޚާލިދު ބުންޏެވެ. "ކޮން ތާރީޚެއް ހަމަޖެހުނީ؟ މި ހަފުތާގަ ޖެހޭނެ ހުރިހާ ކަމެއް ނިންމަން. ދަރިފުޅުގެ ކައިވެނިވީމަ މި އައީ ވެސް. އެހެން ނޫން ނަމަ މި ވަގުތަކު ނެތް އާދެވޭކަށް ވެސް. ވަރަށް ބިޒީކޮށް މިއުޅެނީ."

ތާރީހެއް ހަމައެއް ނުޖެހެއެވެ. މައްސަލައަކީ އެއީއެވެ. އެކަމަކު އެހެން ބުނެފި ނަމަ ދެން ވާނެ ގޮތް ރިންދާއަށް ވިސްނެއެވެ.

"މާލޭން ފެހި ވެޑިން ޑްރެސް ފައިސަލްއަކަށް ކަމަކު ނުދިޔަ،" ހެވިފައި ރިންދާ ބުންޏެވެ. "އެހެންވެ އޭނަ ރޭގަ އެ ފުރީ ސިންގަޕޫރަށް ހެދުމެއް ގަންނަން."

"އެހެންތަ؟ އެކަމަކު ދަރިފުޅު ނުދިޔާމަ ކިހިނެއް ހެދުން ހެޔޮވަރުކުރަނީ؟" ޚާލިދު ސުވާލުކުރިއެވެ.

"ބައްޕަ އަންނަ ވާހަކަ ބުނެފަ އޮތީމަ އަހަރެން މަޑުކުރީ،" ރިންދާ އަނެއް ދޮގުހެދިއެވެ. "މިން ނަގައިގެންނޭ އޭނަ ދިޔައީ. ޕާޓީގަ ބަހާ މާ ވެސް ހިފައިގެން އޭނަ އަންނާނީ. ވަގުތު އޮވެއްޖެއްޔާ ކާޑު ވެސް ޗާޕުކުރާނީ އެކޮޅުން."

ރިންދާގެ ވާހަކަ ޚާލިދަށް ގަބޫލުކުރެވޭހެނެއް ހިޔެއްނުވެއެވެ. ބަލައިލާ ގޮތުންނާއި، ވިސްނަން ނަގާ ވަގުތުގެ ސަބަބުންނެވެ.

"އެހެންތަ؟" ޚާލިދު ބުންޏެވެ. "ކިހާ ދުވަހެއް ވާނެ؟"

"ބައްޕައަށް ލަސްވާނެތަ؟" ހިނިތުންވުން، ކުޑަ ތަންކޮޅެއް ވެސް ކުޑަކޮށްނުލައި ރިންދާ ބުންޏެވެ.

"ދެން ލަސްވިޔަސް މިކަން ނިންމާފަ ފުރާނީ. ކޮންމެހެން ފުރަން ޖެހިއްޖެއްޔާ ގޮއްސަ އަންނާނީ،" ޚާލިދު ބުންޏެވެ. "މާދަމާތަ މަންމަ އަންނަނީ؟"

މަޑު ދުވެއްޔެއްގައި ބުރިޖުމަތިން ދުވެފައި އައި ޓެކުސީ މާލެއަށް އެރިއެވެ. އެތެރޭގައި ތިބީ ޖަމީލާއާއި ރިންދާއެވެ.

"ދެ ގަޑިއިރު ފަހުން ބޯޓުފުރީ. ދެން ލަސްވާނެއްނު!" ޖަމީލާ ބުންޏެވެ. "މަންމަ ބޭނުން ދައުވަތު ކާޑުކޮޅެއް އިނގޭ! މި ކޮޅުގަ އުޅޭނެ ދެތިން ރައްޓެހިން."

"ކާޑު ދީފާނަން ކިތަންމެ ވަރަކަށް ވެސް. އެކަމަކު، ފައިސަލްގެ މަންމަ ބަލިވެގެން އައިސީޔޫގަ އޮތީމަ، ދުވަސް މުޅިން ފައިނަލެއް ނުވޭ!" މަންމަ ގާތުގައި ރިންދާ ހެދީ އެހެން ދޮގެކެވެ.

"އޭނައަށް ކިހިނެއްވީ؟" ޖަމީލާ ސުވާލުކުރިއެވެ.

"ހަކުރު މައްޗަށްދިޔައީ. ސްޓްރޯކެއް ވެސް ޖެހުނީ. ހޮސްޕިޓަލުން ދޫ ވެސް ނުކުރި،" ރިންދާ ބުންޏެވެ. "ހާޓުއެޓޭކަކާ، ޕްރެޝަރގެ ކަންތަކާ، ޕެރަލައިސްއާ.."

"އައްދެއައްދެ! ހާދަހާ ކަމެއް އެއްފަހަރާ!" ހައިރާންވެފައި ޖަމީލާ ބުންޏެވެ.

އާނއެކޭ މަންމާ!" ވަރަށް ފިލްމީ ރާގެއްގައި ރިންދާ ބުންޏެވެ. "ދެން ކީއްކުރާނީ؟"

"ދާންވާނެ އޭނައަށް ގޮވާލަން،" ޖަމީލާ ބުންޏެވެ. "ފުރަތަމަ ހިނގާ ހޮސްޕިޓަލަށް."

-ނުނިމޭ-