ރުބިއަލެސްގެ މައްސަލަ ބަލަން އޮސްޓްރޭލިއާ ފުލުހުން އެހީވަނީ
ރުބިއަލެސްގެ މައްސަލަ ބަލަން އޮސްޓްރޭލިއާ ފުލުހުން އެހީވަނީ

ސިޑްނީ (ސެޕްޓެމްބަރު 12) - ސްޕެއިންއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ޖެނީ ހާމޯސޯ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ރައްދުވާ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސްގެ މައްސަލަ ބަލަން އޮސްޓްރޭލިއާގެ ފުލުހުން އެހީވާން ތައްޔާރަށް ތިބި ކަމަށް ބުނެފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި މިދިޔަ މަހު އޮތް ވޯލްޑް ކަޕް ފައިނަލަށް ފަހު ތަށި ދިނުމުގެ ރަސްމިއްޔާތުގައި ހާމޯސޯ އަށް ބޮސްދިނުމާ ގުޅިގެން ހޫނު ފެނަށް ވެއްޓުނު ރައީސް ވަނީ އެއީ ނުގަބޫލުގައި ކުރި ކަމެއް ނޫން ކަމަށާއި އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު ފީފާ އިން ވަނީ އޭނާ ތިން މަހަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި ރުބިއަލެސްގެ ކުށެއް ނެތްކަން އަންގަން ހާމޯސޯ އާއި އޭނާގެ އާއިލާ އަށް މަޖުބޫރު ކުރުވުމާ ގުޅިގެން ހާމޯސޯ ވަނީ ޖިންސީ ގޯނާ ކުރި ކަމަށް ސްޕެއިންގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި މައްސަލަ ޖައްސައިފަ އެވެ. މިކަމާ ގުޅިގެން ރުބިއަލެސް ވަނީ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދީފަ އެވެ.

މީޑީއާތަކުން ބުނި ގޮތުގައި، ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން އެދެފި ނަމަ ސިޑްނީގެ ފުލުހުން ތިބީ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށެވެ.

"ނޯތު ސައުތު ވޭލްސްގެ ޕޮލިހަށް މައްސަލަ ހުށަހަޅައިފައެއް ނުވޭ. އެކަމަކު ތަހުގީގަށް އެހީގެ އަތެއް ދިއްކޮށްފި ނަމަ ބައިނަލްއަގުވާމީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދޭނަން،" އެގައުމުގެ ފުލުހުންގެ މީޑީއާއަށް ދިން ބަޔާނުގައިވެ އެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމުގެ އިތުރުން ރުބިއަލެސް އައީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން އޭނާ ވަނީ ޔޫއެފާގެ މަގާމުން ވެސް އިސްތިއުފާ ދީފަ އެވެ.