ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ މިއަދުވެސް ވޯޓާ ހަމަޔަކަށް ނުދިޔަ
ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ މިއަދުވެސް ވޯޓާ ހަމަޔަކަށް ނުދިޔަ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ވަގުތުގައި ކޯރަމް ހަމަނުވާތީ، ދާއިމީ ކޮމިޓީތަކުގެ މައްސަލައަށް ވޯޓަށް ނޭހި ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމުން، ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ނިސްބަތްވާ ގޮތަށް ބަދަލު ނުގެނެވި، ކޮމިޓީތަކާ އެކު މަޖިލީހުގެ މަސައްކަތްތައް ވެސް ހުއްޓިފައި އޮންނަތާ އެތައް މަހެއް މިހާރު ވަނީ ވެފަ އެވެ.

އޭގެ ފަހުން، އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެ ޕާޓީން ވަކިވެވަޑައިގަތުމުން އެ ބަދަލު ވެސް ގެންނަން ޖެހޭކަން މިއަދުގެ ޖަލްސާގައި އިއުލާނުކުރި އެވެ.

މިއަދުގެ ޖަލްސާގެ ބަހުސަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވޯޓު ރަނގަބީލު ޖެހިއިރު ތަޅުމުގައި ހާޒިރުވެ ތިބީ އެންމެ 10 މެންބަރުން ކަމަށްވާތީ، ވޯޓަށް އެހެން ނެތް ކަމަށެވެ.

ފަހަކަށް އައިސް އެހެން ދުވަސްތެކެކޭ އެއްގޮތަށް މިއަދުވެސް އެޖެންޑާގައި އޮތީ މި ކޮމިޓީތަކުގެ މައްސަލައަށް ގޮތެއް ނިންމުން އެކަންޏެވެ. ވޯޓަށް އެހެން ނެތުމުން މަޖިލީހުގެ ޖަލްސާ ނިންމާލީ އެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ކޯރަމް ހަމަވާން ބޭނުންވާ 22 މެމްބަރުން މާލަމުގައި ތިބެން ޖެހެ އެވެ. މަޖިލީހުގެ ހާޒިރީ ދަށްވެ، ކޯރަމް ހަމަނުވެގެން ފާއިތުވި ހަފްތާތަކުގައި ގިނަ ޖަލްސާތަކެއް ވަނީ ނުބޭއްވި ކެންސަލްކުރަން ޖެހުނެވެ.

ޑިމޮކްރެޓްސްއަށް ބަދަލުވި މެންބަރުންގެ ތެރެއިން މިހާތަނަށް މަޖިލީހަށް އެކަން އަންގާފައިވަނީ ތިން މެންބަރެކެވެ. އެފަދަ މައްސަލަތަކެއް ހުރުމާ އެކު ކުރިއަށް ނުގޮސް އޮތް ދާއިމީ ކޮމިޓީގެ މައްސަލަތައް މިވަގުތު އޮތް ގޮތަށް ފާސްކުރުމަކީ އެންމެ އެދެވޭ ގޮތް ކަމުގައި ނަޝީދު މިއަދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ މެންބަރުން ޕާލަމެންޓަރީ ގްރޫޕެއް އެކުލަވާލައި ޕީޖީ ލީޑަރެއް ހަމަޖައްސަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އެކަން ނިމެންދެން ކޮމިޓީތައް އެކުލަވާ ނުލައި އޮތުން ރަނގަޅު ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ދަފްތަރުގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ 53 މެންބަރުންނާއި ޕީޕީއެމްގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނާއި ޑިމޮކްރެޓުންގެ ތިން މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި ޖޭޕީގެ ދެ މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ 16 މެންބަރުންނެވެ.