12 ސެޕްޓެމްބަރ 2023 - 10:51

ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އިދިކޮޅު ޕީޕީއެމަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރާނެ ގޮތް ބަދަލު ކުރުމާ ގުޅޭ މައްސަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނަޝީދު ވިދާޅުވީ، މަޖިލިހުގައި މެންބަރުން އެކުލެވިގެންވާ ގޮތް ކުއްލި ކުއްލިއަކަށް ވަރަށް އަވަސް އަވަހަށް ބަދަލުވަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު މި އޮތް ހާލަތުގައި ކޮމިޓީތައް އެކުލަވާލަން ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަން އަޅުގަނޑު ވެސް ފާހަގަކުރަން. އެހެން ނަމަވެސް ކޮމިޓީތައް ހިންގަމުން ގެންދިޔުން އަޅުގަނޑަށް ފެންނަ ގޮތުގައި ބޭނުންތެރި،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ ދަފްތަރުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ތިން މެންބަރުންނެވެ. އެ ޕާޓީގެ ހުރިހާ މެންބަރުން މަޖިލީހަށް ސިޓީ ފޮނުއްވައި ދަފްތަރަށް އަރާ ހިސާބުން ޑިމޮކްރެޓްސް ވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ.
އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ މެންބަރުން ޕާލަމެންޓަރީ ގްރޫޕެއް އެކުލަވާލައި ޕީޖީ ލީޑަރެއް ހަމަޖައްސަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.
އެކަން ނިމެންދެން ކޮމިޓީތައް އެކުލަވާ ނުލައި އޮތުން ރަނގަޅު ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީތައް ސަސްޕެންޑް ކުރީ ދެވަނަ ދައުރުގެ ތެރޭގައި ދެ މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޑީޕީގައި ތިބި 12 މެންބަރުން އެ ޕާޓީން ވަކިވި ހިސާބުންނެވެ. މިއަދާ ހަމައަށް ވެސް ކޮމިޓީތައް އެކުލަވާ ނުލެވޭތީ މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތައް ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.