12 ސެޕްޓެމްބަރ 2023 - 10:16

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބީ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނިންމެވުން މުހިންމުވެފައި އޮއްވައި އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.

ހައުސް އޮފް ޑިމޮކްރެޓްސްގައި މިއަދު 3 ޖަހާއިރު ބާއްވަން އޮތް ކައުންސިލް ބައްދަލުވުމުގައި އިންތިހާބުގެ ދެވަނަ ބުރާ މެދު ނިންމުމެއް ނިންމާނެ ކަން އެ ޕާޓީން އިއުލާނެއް ނުކުރެ އެވެ. އެކަމަކު އިންތިހާބުގެ ދެވަނަ ބުރަށް "ރަނގަޅަށް ގޮތް ނިންމައި" އިއުލާންކުރައްވާނެ ކަމަށް ނަޝީދު ރޭ މީޑިއާތަކަށް އޮތީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ނިންމެވުން ދެވަނަ ބުރުގައި މުހިއްމުވަނީ އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޑިމޮކްރެޓްސް އިން މި އިންތިހާބުގައި ރާއްޖޭގެ ދުވަސްވީ ޕާޓީތަކުގެ މައްޗަށް ކުރި ހޯދާފައި އޮތުމުންނެވެ. ޑިމޮކްރެޓްސް އިން ވާދަކުރެއްވި އިލްޔާސް ލަބީބް ވަނީ ރާއްޖޭގެ އެންމެ ބޮޑު ދެފިކުރު ނަގައި, ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ.
ތިން މަސް ދުވަހުގެ ކެމްޕޭނުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސަށް 15,000 އަށް ވުރެން ގިނަ ވޯޓު ލިބިވަޑައިގަތެވެ.
ރާއްޖޭގައި ރިޔާސީ އިންތިހާބުތައް ކާމިޔާބު ކުރެވޭ ހަމައެކަނި ފޯމިއުލާ ކަމަށްވާ "އިއްތިހާދު"ވުމަށް އެމްޑީޕީ އާއި ޕީޕީއެމުން ވިސްނި ކަމުގައި ވިޔަސް ޑިމޮކްރެޓްސްގެ ވޯޓު މުހިއްމެވެ. މި އިންތިހާބުގައި ނަޝީދު ނުވަތަ ޑިމޮކްރެޓްސްގެ ނިންމުން މުހިއްމުވަނީ އެހެންވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، އެމްޑީޕީގެ މިވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށްދޭން ކޯލިޝަން ޕާޓީތަކާ އެކު ނަޝީދު އިސްކޮށް މަސައްކަތް ކުރެއްވުމަށް ފަހު ސަރުކާރާ ފެއަށް ޖެހިވަޑައިގެން ޑިމޮކްރެޓްސް އުފެއްދީ އެވެ. ސަބަބުތަކެއްގެ ގޮތުގައި ދެއްކެވީ އެމްޑީޕީން އުފައްދައި އަބަދުވެސް ދެކޮޅުހަދަމުން ދިޔަ ގޯސް މިސްރާބަކަށް ޕާޓީ ދަތުރުކުރުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ފުރަތަމަ ބުރުގައި ނަޝީދު އެމްޑީޕީއާ ދެކޮޅަށް ވާދަކުރިޔަސް އެމްޑީޕީން މިހާރު އަންނަނީ ޑިމޮކްރެޓްސްއާ އެކު ދެވަނަ ބުރަށް މަޝްވަރާ ކުރަމުންނެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ ކުރިން ހިޔާލުތަފާތުވުންތަކެއް ހުއްޓަސް ދެވަނަ ބުރުގައި އެކުގައި ނަޝީދު ފެންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ދެވަނަ ބުރުގެ ކޯލިޝަނާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން ނަޝީދު ރޭ ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން އެމްޑީޕީ އާއި ޕީޕީއެމާ އެކު ވެސް އިލްޔާސް ލަބީބް މަޝްވަރާތައް ކުރިއަށް އެބަގެންދަވާ ކަމަށެވެ.
"ކުރިއަށް އެބަދޭ, އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ," އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. ކަންބޮޑުވެލައްވައިފިއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ. އަޅުގަނޑު ރަނގަޅަށް ނިންމާނީ. އަޅުގަނޑު ގޯސްކޮށް ނުނިންމާނަން. އަޅުގަނޑަށް ވެސް އިންތިހާބުގެ ނަތީޖާ އެބަފެނޭ."
އޭގެ ފަހުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އިއްތިހާދުވުމާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ އެކު ވާހަކަތައް ފަށައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ "ދެނެއް އެކަން އެގޮތަށް ވާކަށް ނެތް" ކަމަށެވެ.