11 ސެޕްޓެމްބަރ 2023 - 23:48

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނުވަތަ ކޯލިޝަން ހެދުމާ މެދު އަންނަ ބުދަ ދުވަހު ގޮތެއް ނިންމަން ޖުމްހޫރީ ޕާޓީން ހަމަޖައްސައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގަތް ގާސިމް އިބްރާހިމްގެ ޕާޓީން މިރޭ ބުނީ، އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ކައުންސިލް ބައްދަލުވުމުގަ އެވެ. ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ސިޔާސީ މުސްތަގުބަލް ކަނޑައަޅަން ނިންމާއިރު، އެންމެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދަތުކުރުކުރެއްވި ޑރ. މުހައްމަދު މުއިއްޒު ނިސްބަތް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފައުންޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވާފައި ވަނީ ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށެވެ.
ޔާމީންގެ އިރުޝާދަކީ ހަމައެކަނި ޖޭޕީއާ އެކު ކޯލިޝަން ނުހެދުން ކަމަށް ވެ އެވެ. އެހެން ސިޔާސީ ޕާޓީތަކާ މެދު ޔާމީންގެ މައްސަލައެއް ނެތް ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
ގާސިމަކީ މި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ކެންޑިޑޭޓެވެ. ހާއްސަކޮށް، ރާއްޖޭގެ މިނިވަންކަމާ ގުޅުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގަ އާއި މި ސަރުކާރުގައި ބޮޑެތި ތުހުމަތުތަކެއް ގާސިމް އަޅުވާފައި ވެ އެވެ.
އެމްއެންޕީން މިރޭ ނިންމާފައި ވަނީ ޕީޕީއެމް/ޕީއެންސީއާ އެކު ދެވަނަ ބުރުގައި ކުރިއަށް ދާށެވެ. އެހެންވެ، ދެން ކުރިއަށް އޮތީ ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީގެ މަޝްވަރާތަކެވެ.
އިންތިހާބުގައި މުއިއްޒާ އެކު ދެވަނަ ބުރަށް ދެން ދަތުރު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކޯލިޝަންގެ މަޝްވަރާތައް އެކި ޕާޓީތަކާ އެކު ފައްޓަވައިފަ އެވެ. އެ މަޝްވަރާތަކަށް ގޮތެއް ނިންމަން 2-3 ދުވަސް ނަގާނެ ކަމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު ވިދާޅުވި އެވެ. އެމްޑީޕީން މަޝްވަރާ ކުރާ ޕާޓީތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް ޕާޓީ ހިމެނެ އެވެ. އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ މި އިންތިހާބުގައި 15،839 ވޯޓު ހޯއްދަވައިފަ އެވެ. އެއީ އިންތިހާބުގެ ތިންވަނަ އެވެ.