11 ސެޕްޓެމްބަރ 2023 - 19:32

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދާނެ ކަމަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާފަންނު ހުޅަނގުގައި އިދިކޮޅުގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މާލޭގެ ހުރިހާ މަގެއް ހެދުމުގެ މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައި ވިޔަސް އޭނާގެ ވެރިކަމެއްގައި އެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަން އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް އާ ސިޓީ ކައުންސިލުން އެ މަސައްކަތާ ހަވާލުވީ އޮކްޓޫބަރު 11، 2021 ގަ އެވެ. އެކަމަކު ސަރުކާރުން ފަހުން ވަނީ އެ މަޝްރޫއު ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އާރުޑީސީއާ އަލުން ހަވާލުކޮށްފަ އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ކުރީގެ ސިޓީ ކައުންސިލާއި މި ސަރުކާރުން ހަވާލުކޮށްފައި އޮތް 420 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މަޝްރޫއު، އޭނާ ކައުންސިލާ ހަވާލުވުމަށް ފަހު ވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ކުރިއަށް ގެންދާ ގޮތަށް ގާތްގަނޑަކަށް 100 އެއްހާ މަގު ހެދުމުގެ އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ ދެ އަހަރުން ނިންމާ ގޮތަށް ކަމަށާއި އެ ނިންމުންތައް ނިންމީ ސަރުކާރުގެ ވުޒާރާތަކުގެ ވެސް މަޝްވަރާގެ މަތިން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، ކައުންސިލާ ހަވާލުކުރި އެ މަސައްކަތުގެ އެއްބަސްވުން ސަރުކާރުން ކުއްލިއަކަށް ބާތިލް ކުރީ އަންގާ ވެސް ނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް [މަގު ހެދުން] ހުއްޓުވީ. އަށް މަސް ދުވަސް ވަންދެން ހަމަ ހުއްޓުވާފައި ބާއްވާފައި ފަހުން އަންގާ ވެސް ނުލާ ނޫހުން ހެޑްލައިން ފެނުނީ އެގްރީމަންޓް ބާތިލުކުރި ވާހަކަ. އެހެންވީމާ މަގުތައް ނުހެދިފައި މި އޮތީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ މަގު ހެދުމުގެ މަޝްރޫއު މި ސަރުކާރުން ނުހުއްޓުވި ނަމަ، މިހާރު އެ މަގުތައް އޮންނާނީ ފެން ހިންދޭ ނިޒާމާ އެކު ތާރުއަޅައި ނިމިފަ އެވެ.
މި ސަރުކާރުން އެ މަސައްކަތް ނުކުރިޔަސް، އޭނާގެ ވެރިކަމެއްގައި މާލޭގެ ހުރިހާ މަގެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން މި އަންނަނީ 100 މަގެއް ނޫން. މާލޭގެ ހުރިހާ މަގެއް ހަދަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެހެން ހުރިހާ ސިޓީއެއްގެ މަގުތައް ވެސް ވެރިކަމުގެ ދުވަސްވަރު ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށެވެ.
މަގުތައް ހެދުމުގެ އިތުރުން މުއިއްޒު ވަނީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ ކޮންމެ މީހަކަށް އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހިއްކަން ޖެހޭ ހުރިހާ ސަރަހައްދެއް ހިއްކައި ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
.މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގޯތި ދިނުމަށް އެއްބަސްވެފައިވާ އެންމެނަށް އޭނާގެ ވެރިކަމުގައި ގޯތި ހަމަޖެހޭނެ އެވެ.