11 ސެޕްޓެމްބަރ 2023 - 15:15

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާނެ ޕާޓީއެއް ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީއިން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އަދި، ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި އިގްތިސޯދީ ދުޅަހެޔޮކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފައިވެ އެވެ.
ޖޭޕީން ބުނި ގޮތުގައި ދެ ވަނަ ބުރުގައި އެ ޕާޓީން ނިންމާ ގޮތެއް ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ހާމަ ކުރާނެ އެވެ.
މީގެ 15 އަހަރު ކުރިން، 2008 ގައި އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހަތަރު އިންތިހާބުގެ ތެރެއިން ގާސިމް ވާދަކުރެއްވި ތިން ވަނަ އިންތިހާބުގައި ގާސިމަށް 6،000 ވޯޓު ވެސް ލިބިވަޑައިނުގަނެ އެވެ. ސިޔާސީ މައިދާން ބައްޓަންކުރާ "ކިންގް މޭކާ" ގެ ގޮތުގައި ބެލެވިފައި އޮތް ގާސިމްގެ ޕާޓީގައި 22،607 މެމްބަރުން ތިބިއިރު، މި ނަތީޖާއަކީ ލަދުވެތި ނަތީޖާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.
މިއީ، ރިޔާސީ އިންތިހާބުގައި ގާސިމަށް އެންމެ މަދުން ވޯޓު ލިބުނު ފަހަރެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ޖޭޕީގެ ލީޑަރަށް 27،056 ވޯޓު (15.32 ޕަސެންޓް) ލިބިވަޑައިގަތެވެ. އޭގެ ފަހުން، 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ގާސިމަށް 48،131 ވޯޓު (23.34 ޕަސެންޓް) ލިބިވަޑައިގަތެވެ.