11 ސެޕްޓެމްބަރ 2023 - 12:32

މެޑްރިޑް (ސެޕްޓެމްބަރު 11) - ސްޕެއިންގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ އަށް ބޮސް ދިން މައްސާލައގައި ޕްރެޝަރު ކުރިމަތިވުމުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް، އިސްތިއުފާ ދީފި އެވެ.
ސްޕެއިނާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޖެނީ ހާމޯސޯ އަށް ރުބިއަލެސް ބޮސް ދިނީ މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގަ އެވެ. އޭނާ ވަނީ، ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށް އެގައުމުގެ ހައިކޯޓުގައި ބަޔާން ދީފަ އެވެ.
ހާމޯސޯ އަށް ބޮސް ދިން މައްސަލާގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ރުބިއަލެސް ތިން މަހަށް، ފީފާއިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
"ފީފާ އިން އަހަރެން ސަސްޕެންޑް ކޮށްފައި ވުމާއި، އެހެނިހެން އިދާރާތަކުން ބަލަމުން ގެންދާ އަހަންނާ ގުޅޭ މައްސަލަތަކާ ހެދި އަލުން މަގާމަށް ނާދެވޭނެކަން ވަރަށް ސާފު،" އިސްތިއުފާ ދިން ކަން ހާމަކޮށް ނެރުނު ބަޔާނުގައި ރުބިއަލެސް ބުނެފައި ވެއެވެ.
"އަލުން މަގާމަށް އާދެވޭނެ ކަމަށް އުންމީދުކޮށް އިންތިޒާރުގައި ހުރުމަކީ ފެޑެރޭޝަނަށް ވެސް އަދި ސްޕެއިން ފުޓްބޯޅަ އަށް ވެސް ފައިދާ ކުރާނެ ކަމެއް ނޫން. އެހެން ކަންކަތަކާ ހެދި އަހަރެން އެނބުރި އައުން ހުއްޓުވާ ފަދަ ހުދުމުހުތާރު ބާރުތައް އެބަ ހުރި."
ރުބިއަލެސް އަކީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ އެއް ނައިބު ރައީސެވެ. މި މައްސަލަތަކާ ގުޅިގެން އޭނާ ވަނީ ޔޫއެފާގެ މަގާމުން ވެސް އިސްތިއުފާ ދީފަ އެވެ.
ވޯލްޑް ކަޕް މެޑަލް އަދި ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހިނގާދިޔަ ކަމަކީ ނުރުހުމުގައި ހިނގި ކަމެއް ނޫން ކަމަށާއި، އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ކުރިން ރުބިއަލެސް ބުންޏެވެ. ނަމަވެސް ކުޅުންތެރިންނާއި އާއްމުންގެ ޕްރެޝަރާ ހެދި ފީފާ އަށް ވެސް މަޖުބޫރުވީ އޭނާ ސަސްޕެންޑް ކުރުމަށެވެ.