ސޮއި ހަމަކޮށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި
ސޮއި ހަމަކޮށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ބާތިލުކުރެވޭ އަދަދަށް މެމްބަރުންގެ ސޮއި ހަމަކޮށް، އެ މައްސަލަތައް އަނބުރާ ގެންގޮސްފި އެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ މަނިކުފާނާއި އީވާގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ރޭ ވަނީ ނިންމައިފަ އެވެ.

އެކަމަކު މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިއާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވަކިކުރުމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ އަދަދު އަދިވެސް ހަމަވާތީ، އެ ކަމާ މެދު ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަދި މަދުވެގެން 8 ބޭފުޅަކު ސޮއި އަނބުރާ ގެންދަވަންޖެހޭ. އެހެންވީމާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަނީ،" މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ރިޔާސަތު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ހަވާލުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަ ކުރިއަށް ގެންދަން އަފީފް ފެއްޓެވުމާ އެކު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށާއި އެކަން މަޖިލީހުގެ އިދާރާއަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

އެހެންކަމުން، ބާކީ ތިބި މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާއަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އެމްޑީޕީން އެދުނު ގޮތަށް ޖަލްސާ މެދުކަނޑައިލެއްވުމަށް ފަހު، ޖަލްސާ އަލުން ފައްޓަވައި ރިޔާސަތުން އަފީފް ވިދާޅުވީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

އެހެންކަމުން، ނަޝީދާއި އީވާގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ މައްސަލަތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ޖަލްސާ ނިންމަވައިލައްވަމުން އަފީފް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެ ދެ މައްސަލަ އެމްޑީޕީން ހުށަހެޅި ފަހުން، މަޖިލީހުގައި މަރުތަޅު އެޅި މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓިފައި އޮންނަނީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ.

ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނަން އެމްޑީޕީން ކުއްލި ގޮތަކަށް ނިންމިއިރު، ސަރުކާރުގައި އާރާއިބާރު އޮވެ، ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ، ދެވަނަ ބުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަން ޖެހުމާ އެކު، ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފަ އެވެ. އެހެންވެ، ނަޝީދުގެ އެހީތެރިކަމަށް އެމްޑީޕީން ބޭނުންވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެނައުމާއި އެ މަޝްވަރާތަކާ ބައެއް މީހުން ދަނީ ގުޅުވަމުންނެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ ތިންވަނަ އެވެ. އެއީ 15،000 އަށް ވުރެ ގިނަ ވޯޓު ނުވަތަ ހަ ޕަސެންޓެވެ. އެންމެ ގިނަ ވޯޓާ އެކު، ދެވަނަ ބުރު ކަށަވަރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 101،635 ވޯޓެވެ. އެއީ 46.6 ޕަސެންޓެވެ. ދެވަނަ ބުރަށް މުއިއްޒާ އެކު ދެން ދަތުރުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.