10 ސެޕްޓެމްބަރ 2023 - 22:31

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއާ ވާދަކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެހެން ސިޔާސީ ޕާޓީތަކަށް، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

މުއިއްޒު އެ ދައުވަތު ދެއްވީ އިދިކޮޅުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި "ޝުކުރިއްޔާ ދިވެހީން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ގިނަ ސަޕޯޓަރުންތަކެއް ބައިވެރިވެ، މުޅި އެ ސަހަރައްދު އޮތީ ފުރާލައިފަ އެވެ.

މުއިއްޒު ވަނީ އޭނާގެ ކެމްޕެއިން ޓީމަށާއި އޭނާއަށް ވޯޓު ދިން އެންމެނަށް މިރޭ ޝުކުރު އަދާކުރައްވައިފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މުއިއްޒަށް ވަނީ 100،000 ވުރެ ގިނަ ވޯޑު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 46 ޕަސެންޓެވެ.
މިރޭގެ ޖަލްސާގައި މުއިއްޒު ޔަގީންކަން ދެއްވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންނަށް ވެސް ހަމަހަމަކަމާއި ލޯތްބާއި ކުލުނާ އެކީގައި ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އެހެންވެ، އެގޮތް އެދޭ ކޮންމެ ސިޔާސީ ލީޑަރަކު ވެސް، ދެވަނަ ބުރުގައި އޭނާއާ އެކު މަސައްކަތްކުރުމަށް ދައުވަތު ދެއްވި އެވެ.
"އަޅުގަނޑު އެހެންވީމަ ގޮވާލަން އިއްޔެގެ އިންތިހާބުގައި ވާދަކުރައްވާފައިވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންދެއްވުމަށް. މި ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް އިހުލާސްތެރިކަމާ އެކީގައި ދައުވަތު އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ކެމްޕެއިން ނިންމާލި ޖަލްސާގައި ވެސް ދެންނެވި ގޮތަށް އަޅުގަނޑު އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތް، އަޅުގަނޑު މި ދިއްކުރާ އަތުގައި އެދެން ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިތްޕެވުމަށް."
މުއިއްޒު ވިދާޅުވީ ގައުމު އިސްކޮށް، ގައުމުގެ ބަހާތަކަށާއި މިނިވަން ކަމަށް އިހުތިރާމުކޮށް، ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމުގައި އެއް ވިސްނުމަކަށް އަންނަ އަދި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ދެކޭ ކޮންމެ ސިޔާސީ ޕާޓީއަކަށް އޭނާއެކު މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިއީ ދީނާއި ގައުމު އިސްކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެގެ އިންތިހާބުގައި އޭނާއާ ދެކޮޅަށް ވޯޓު ދިން އެއްވެސް މީހަކާ މެދު ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީން ވެސް މިރޭ މުއިއްޒު ދެއްވި އެވެ. ވަކި ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި، ހަމަހަމަކަމާ އެކު އެންމެންނަށް ހިދުމަތްކުރައްވާނެ އެވެ.
"ކިތަންމެ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ ބައިބޯ ސިޓީއެއްގައި ހުއްޓަސް، އަޅުގަނޑުގެ ކުރިމަތީގައި ދިވެހި ކޮންމެ ރައްޔިތަކީ ހަމަހަމަ ބައެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ކެމްޕެއިން އިތުރަށް ވަރުގަދަކުރުމަށް ވެސް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ. ވިދާޅުވި ގޮތުގައި، އެ ކުރާ މަސައްކަތުގެ ކާމިޔާބީ އޮތީ ވަރަށް ގާތުގަ އެވެ.