ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު ނިޔާވެއްޖެ

ކުރީގެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ މިއަދު ނިޔާވެއްޖެ އެވެ.

މަސްއޫދު ނިޔާވީ ބޭސްފަރުވާއަށް މިއަދު އިންޑިއާއަށް ދިޔަ ފަހުން، މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

މަސްއޫދުގެ ދޮން ދަރިފުޅު، މަޝްހޫރު އެކްޓަރު އަހްމަދު ނިމާލް "މިހާރު" އަށް ވިދާޅުވީ މަސްއޫދު ހަކުރު ބައްޔަށް ބޭސްކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާ ނިޔާވީ އެ ބަލީގެ އިތުރު ފަރުވާއަށް މިއަދު އިންޑިއާއަށް ދިޔަތަކުން ކުއްލި ގޮތަކަށް ކަމަށް ނިމާލް ބުންޏެވެ.

"ހެނދުނު ފްލައިޓުން ދިޔައީ. އެއާޕޯޓްގައި ހުއްޓާ ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވީ،" ނިމާލް ބުންޏެވެ.

މަސްއޫދަކީ ވަރަށް ރީތި ދިވެހި އަމިއްލަ ރާގުތައް ވެސް އުފެއްދި ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދިރުމާއި މަރާ ގުޅާލާ" އާއި "ނޫރާނީ ލޯބި" އާއި "ދީފައި ހިތާއި މޭން" އަދި "ޒަމާންތައް ދައުރުވާ" ކަހަލަ މަޝްހޫރު ލަވަތައް ހިމެނެ އެވެ.

އޭނާ އެ މަސައްކަތް ފެށީ ސިފައިންގޭގައި އުޅުނު ދުވަސްވަރު ސިފައިންގެ ބޭންޑުންނެވެ.

އޮލިމްޕަހުގައި 2017 ވަނަ އަހަރުގެ ފަހުން އެކި ފަހަރު މަތިން ބޭއްވި އޮލިމްޕިއަންސްގެ ޝޯތަކުގައި ވެސް ދިވެހި މިއުޒިކީ ލެޖެންޑުންނާ އެކު މަސްއޫދު ލަވަކިޔާފައިވެ އެވެ.

މަސްއޫދަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހައްނާން މޫސާ ދީދީގެ އެންމެ ދޮށީ ބޭބެ އެވެ.

އޭނާ ނިޔާވިއިރު ދުނިޔޭގައި ތިން ކުދިން އެބަ ތިއްބެވެ.