10 ސެޕްޓެމްބަރ 2023 - 13:03

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ޖެހުނު ހިސާބު ގޯސް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
"އެކްސް" ގައި ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިންތިހާބުގެ ބައްޔަށް ފަހު ކުރަންޖެހޭ ކަންކަން މިހާރު ސާފުވެއްޖެ ކަމަށެވެ. ވިދާޅުވީ، ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
"ރާއްޖެ އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާ އެކު މި އިންތިހާބު ކާމިޔާބު ކުރަން. މިރާއްޖެ އަނިޔާވެރިކަމާ ދިމާލަށް އަނބުރާ ދިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން." އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ، 84،000 ވޯޓެވެ. އެއީ އިންތިހާބުގެ އެންމެ ކުރީގައި އޮތް ޕީއެންސީގެ ކެނޑިޑޭޓު މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވުރެ 16،000 ވޯޓު ދަށް އަދަދެކެވެ. މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓު ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ހޯއްދެވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ފައްޔާޒު ވަނީ ރައީސް ކާމިޔާބު ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި ފައްޔާޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެ މަތިން ކަމަށެވެ.
"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން," ފައްޔާޒް އޭރު ވިދާޅުވި އެވެ.
އޭގެ ފަހުން އަދާލަތު ޕާޓީގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ޖަލްސާގައި އޭނާ އެދިވަޑައިގަތީ އިންތިހާބާ ދެމެދު އޮތް މުއްދަތުގައި އިތުރު ތިން ޕަސެންޓާ އެކު 59 ޕަސެންޓަށް މަތި ކޮށްދިނުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުރިން ވިދާޅުވެފައިވަނީ އިންތިހާބު ފަށާނީ ވެސް އެއްލައްކަ ވޯޓުން ކަމަށެވެ. މާލެ އަތޮޅުން އެކަނި ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މާލެ އަތޮޅުގެ މެޖޯރިޓީ ވެސް ނެގީ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް މުއިއްޒެވެ. އިއްޔެ ބޭއްވި އިންތިހާބުގައި ދެ އަތޮޅު ފިޔަވައި އެހެން ބާކީ 18 އަތޮޅުގެ މެޖޯރިޓީ ލިބުނީ މުއިއްޒެވެ.