04 ފެބުރުއަރީ 2017 - 09:42

މެޑްރިޑް (ފެބްރުއަރީ 3) – ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ލިބޭ އޮފާތައް ބަލައިގަންނަން މެންޗެސްޓާ ސިޓީން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ދަނޑިވަޅެއްގައި، އޭނާ ގެންދިއުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ވެސް ފަށައިފި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވެ އަގުއޭރޯ ވަނީ އެ ކްލަބާ އެކު ޕްރިމިއާ ލީގު ދެ ފަހަރު ހޯދައިފަ އެވެ. އެކަމަކު ފަހަކަށް އައިސް އަނިޔާ އާއި އެހެނިހެން މައްސަލަތަކާ ހެދި އަގުއޭރޯގެ ވިދުން ވަނީ ފަނޑުވެފަ އެވެ. މީގެ އިތުރުން ސިޓީން ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ގެނެސްފައިވުމާ އެކު އަގުއޭރޯގެ މުހިއްމުކަން ވަނީ ކުރިއަށް ވުރެ ކުޑަވެފަ އެވެ. ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި ސިޓީން އަންނަނީ މި ސީޒަން ނިމުމުން ރަނގަޅު އަގެއްގައި އަގުއޭރޯ ވިއްކާލަން ވިސްނައިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ބޭނުންވަނީ އޭނާގެ ހައި ޕްރެސިން ސްޓައިލަށް ފެތޭ ޒުވާން ފޯވާޑެކެވެ. އެހެންކަމުން އަގުއޭރޯ ވިއްކާލުމަށް ފަހު އާ ކުޅުންތެރިޔެއް ގެނައުމަކީ ސިޓީގެ ވިސްނުމެއް ކަމަށް ބެލެވެ އެވެ.
މި ސީޒަނުގައި 25 މެޗުން 18 ގޯލް ޖަހާފައިވާ ފޯވާޑް ގެންދަން މީގެ ކުރިން ވެސް ރެއާލް މެޑްރިޑުން މަސައްކަތްކުރި އެވެ. އެކަމަކު އެތުލެޓިކޯގެ ކުޅުންތެރިޔަކު އެ ކްލަބުގައި ހުއްޓާ ގެނައުމަކީ މެޑްރިޑުގެ އުސޫލަކަށް ނުވާތީ އެކަން އޭރު ނުވީ އެވެ. އެކަމަކު މިހާރު އެ ފުރުސަތު ހުޅުވިފައިވާތީ ރެއާލުން އަންނަނީ ރަނގަޅު ބިޑެއް ކުރަން ތައްޔާރުވަމުންނެވެ.