ޖަޕާނު އަތުން އަނެއްކާ ވެސް ޖަރުމަނަށް ހިތްދަތި ބައްޔެއް
ޖަޕާނު އަތުން އަނެއްކާ ވެސް ޖަރުމަނަށް ހިތްދަތި ބައްޔެއް

ވޮލްފްސްބާގް (ސެޕްޓެމްބަރު 10) - ޖަޕާނާ ވާދަކޮށް 4-1 އިން ޖަރުމަން ބަލިވެ، ކޯޗު ހަންސީ ފްލިކް އަށް މަގާމުގެ ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޖަޕާނު އަތުން އަނެއްކާ ވެސް ޖަރުމަނަށް ހިތްދަތި ބައްޔެއް
ޖަޕާނު އަތުން އަނެއްކާ ވެސް ޖަރުމަނަށް ހިތްދަތި ބައްޔެއް

މެޗުގެ ވަރަށް ކުރީކޮޅު ޖުންޔާ އިޓޯ ޖަޕާނަށް ލީޑު ނަގައިދީފައި ވަނިކޮށް ލީރޮއީ ސާނޭ ކާމިޔާބުކުރި ގޯލުން ޖަރުމަނުން އެއްވަރު ކުރި އެވެ. ނަމަވެސް ތިން މިނެޓު ނުވަނީސް އަޔާސޭ ޔުއޭޑާ ވަނީ ޖަޕާނަށް އަނެއްކާ ވެސް ލީޑު ނަގައިދީފަ އެވެ.

ޖަރުމަންގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ޖަޕާނުން ތިންވަނަ ގޯލު ޖެހީ 90 ވަނަ މިނެޓުގަ އެވެ. ޓަކޫމޯ އަސާނޯ ކާމިޔާބުކުރި ގޯލަށް ތިން މިނެޓު ނުވަނީސް ހަތަރުވަނަ ގޯލު ޖަހައިދިނީ އައޯ ޓަނާކާ އެވެ.

ޔޯކިމް ލޯ ގެ ބަދަލުގައި 2021 ވަނަ އަހަރު ޖަރުމަން ކޯޗުކަމާ ހަވާލުވި ކުރީގެ ބެޔާން މިއުނިކް ކޯޗު ހަންސީ ފްލިކް އާއެކު މިހާތަނަށް ޖަރުމަން ކުޅުނު 25 މެޗުން އެޓީމު މޮޅުވީ 12 މެޗުންނެވެ.

މިދިޔަ އަހަރު އޮތް ނޭޝަންސް ލީގު އެންމެ މެޗަކުން ޖަރުމަން މޮޅުވިއިރު، ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުން ވެސް އެޓީމު ކެޓީ އެންމެ މެޗަކުން މޮޅުވެގެންނެވެ. ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ޖަރުމަން ވަނީ 2-1 އިން ޖަޕާނު އަތްދަށުވެފަ އެވެ.

ވޯލްޑް ކަޕްގެ ނާކާމިޔާބީއަށް ފަހު ޖަރުމަނުން މިއަހަރު މިހާތަނަށް ރަހުމަތްތެރިކަމުގެ ހަ މެޗު ކުޅެފައި ވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލި ވެފައި ވާއިރު އެއް މެޗު ވަނީ އެއްވަރު ވެފަ އެވެ.

ބައްޔާ އެކު ވެސް ފްލިކް ގަބޫލުކުރާ ގޮތުގައި ޖަރުމަން ޓީމަށް އެންމެ ރަނގަޅު ކޯޗަކީ އަދިވެސް އޭނާ އެވެ.

"ވިސްނާލަން އުނދަގޫ ނަމަވެސް، އަހަރެމެން މެޗުތަކަށް ރަނގަޅަށް ތައްޔާރު ވަން އަދި އެގޮތުގައި ދެމިތިބޭނީ ވެސް. މިއީ އަހަރެމެންގެ ވަޒީފާ، އެހެންވީމަ އަހަންނަށް އެކަން ކުރިއަށް ގެންދެވޭނެ،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުންޏެވެ.

"މިއީ ޔަގީނުން ވެސް ބޮޑު ލަދުވެތިކަމެއް. އިދިކޮޅު ޑިފެންސް ފޫއަޅުވާލަން އަހަރެމެންނަށް މަދު ފުރުސަތެއް ލިބުނީ. ލީރޮއީ ސާނޭ ފަރާތުން އިންޑިވިޖުއަލް ހުނަރު ފެނުނު. އަހަރެމެން މެޗު ފެށީ ރަނގަޅަށް، އެކަމު އިންޑިވިޖުއަލް މިސްޓޭކް ތަކާހުރެ ކުޅުންތެރިންގެ ކޮންފިޑެންސް ގެއްލުނީ."