10 ސެޕްޓެމްބަރ 2023 - 12:22

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން އިސްވެ، މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލަ މާދަމާ އޮންނަ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ނަޝީދު މަޖިލިހުގެ ރައީސްކަމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުން ސޮޔާ އެކު ހުށަހެޅީ މިދިޔަ ޖޫން މަހު އެވެ.
މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ވެސް ފޮނުވި އެވެ. އެކަމަކު މިދިޔަ ޖުލައި މަސް ނިމުމުން، މަޖިލިސް ޗުއްޓީ އަށް ދިޔައީ އެ މައްސަލަ އެޖެންޑާ ނުކޮށެވެ. އޭރު ވެސް މަޖިލީހުގައި އޮތީ މަރުތަޅު އެޅުވި އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްދާ ގޮތް ނުވެފަ އެވެ.
މަޖިލިސް ހުއްޓުމަކަށް އައީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އާ އެކު އެވެ.
އެއީ އީވާ އާ އެކު އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު ގެނައުމުގެ މަސައްކަތް، ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވެމުންނެވެ. އޭގެ ތެރޭގައި އާންމު ކޮމިޓީ ހިމެނޭއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އެ ކޮމިޓީން ކަނޑައަޅަންޖެހެ އެވެ.
އޭގެ ފަހުން، މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވަން ހުށަހެޅީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން އިތުބާރުނެތް ކަމުގެ މައްސަލަތައް ނިންމުމަށެވެ. ބޮޑެތި ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވާލުން ފާސްކުރުމަށްފަހު، ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ތިން ވަނަ ދައުރު ފެށީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެ، އެކަން އެކަނި އެޖެންޑާކޮށްގެންނެވެ. އެއީ ނަޝީދު ވިދާޅުވި ގޮތުން ނަމަ، އެމްޑީޕީން ވަކިވެވަޑައިގެންނެވި މެމްބަރުން ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވާތީ، އެ މެމްބަރުން އެ ޕާޓީގައި ދަފްތަރުކުރަން ޖެހޭތީ އެވެ.
އެކަމަކު އަރައިރުމުގައި ޖަލްސާތައް ކުރިއަށް ނުގެންދެވި ނިންމާލަންޖެހުނު އިރު، އެންމެ ފަހުން މިދިޔަ މަހުގެ 28 އާއި 29 ގައި ތާވަލުކުރި ދެ ޖަލްސާ ވެސް ކެންސަލްކުރަންޖެހުނީ ކޯރަމް ހަމަނުވެގެންނެވެ. އޭރު މަޖިލީހުގެ ގިނަ މެމްބަރުން ގެންދެވީ ރިޔާސީ ކެމްޕޭނުގައި މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ފަހުން ވަކި ސަބަބެއް މަޖިލީހުގެ އިދާރާއިން ނުބުނެ، ޖަލްސާތައް ތާވަލުނުކޮށް އޮތުމަށްފަހު މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމެވެ.
އެކަމަކު ޑިމޮކްރެޓްސް މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމަނައިގެން ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައިނުވާތީ، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.