10 ސެޕްޓެމްބަރ 2023 - 12:07

އިއްޔެއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަނެއްކާވެސް ތާރީހީ ދުވަހެކެވެ. އެއްވެސް ބަޔަކާ ކޯލިޝަން ހެދުމެއް ނެތި އެކަނި ނުކުމެވަޑައިގެން ލައްކައަކަށް ވުރެ ގިނަ ވޯޓު މީގެ ކުރިން އެކަކަށް ވެސް ހޯދިފައެއް ނެތެވެ. އެ ތާރީހީ ނަތީޖާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ އާރާއި ބާރު އޮތް ބޮޑު ކޯލިޝަނެއްގެ މައްޗަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކުވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވި ކޯލިޝަންގެ މައްޗަށް ގިނިކަންޏާ ނުކުމެވަޑައިގެން، މުއިއްޒު ކުރި ހޯއްދަވައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދަތުރު ކުރެއްވީ 101،635 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 46.06 ޕަސެންޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނީ 86،161 މީހުންނެވެ. އެއީ 39.05 ޕަސެންޓެވެ.

މުއިއްޒު މި ހޯއްދެވި ވޯޓުގެ އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ގައި ނުކުމެވަޑައިގެން ހޯއްދެވި ވޯޓަށް ވުރެ ވެސް އިތުރެވެ. އެ މަނިކުފާނަށް އޭރު ލިބިވަޑައިގަތީ 97،000 ވޯޓެވެ.

މުއިއްޒު އިންތިހާބަށް ނުކުމެވަޑައިގަތީ އެތައް ގޮންޖެހުންތަކަކާ އެކު އެވެ. އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވީ އެންމެ 25 ދުވަހު އެވެ. ވަޑައިގެންނެވުނީ މަދު ރަށްތަކަކަށެވެ. ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ ކޯޅުމާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ކެމްޕެއިނަށް ނުކުމެވަޑައިގަތުމުން ސަރުކާރުގެ އެތެރެއިން އެންޓި ކެމްޕެއިން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދިޔައީ ކުރިމަތިވަމުންނެވެ.
"އެކަމަކު، މުއިއްޒަކީ ފަހަތަށް ބަލައްވާނެ ބޭފުޅަކަށް ނުވާތީ ވަޑައިގަތީ ކުރިއަށް. ޖަވާބެއް ނުދެއްވާ،" މުއިއްޒާ އެކު ކެމްޕެއިންގައި ފެށުނީއްސުރެ އުޅުއްވި ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުތަކުން މި ކާމިޔާބީ މާ ބޮޑަށް ވެސް އޮތީ ޔަގީންވެފަ އެވެ. ގިނަ ރަށްރަކުން ފެނިވަޑައިގަތީ އިންޑިއާގެ އަޅުވެތިކަމަށް ނުވަތަ އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވާ ކަމާއި ޔާމީން ޖަލަށް ލި ލުން ބަލައިނުގަތް މަންޒަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ މައްސަލާގައި އެތައް ބަޔަކު ހިމެނޭއިރު ފިޔަވަޅު އެޅީ ރައީސް ޔާމީނަށް އެކަނި. އެކަން ރައްޔިތުން ބަލައެއް ނުގަތް. ކޮރަޕްޝަނާ ދެކޮޅުކަން އަޅުގަނޑުމެންނަށް ހާމަވި. ކުރުކޮށް ބުނާ ނަމަ ރަށްރަށުން ވަނީ ފިކުރެއްގެ ގޮތުގައި ޑރ. މުއިއްޒު ބަލައިގަނެފައި. ރައީސް ޔާމީންގެ ތާއީދާއި އިރުޝާދުގެ މަތިން މިއީ ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ގަބޫލުކުރި ގޮތަށް އެމްޑީޕީގެ ބޮޑު ތާއީދެއް އޮތް ބައެއް ރަށްރަށުގެ ނަތީޖާ އޮތީ އިދިކޮޅަށް އަނބުރާލައިފަ އެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ ބ. އަތޮޅާއި ފުވައްމުލަކެވެ. އަދި ބައެއް ނަތީޖާ ހީވެސް ނުކުރާ ގޮތަށް ޕީޕީއެމް/ޕީއެންސީ ކޮޅަށް އެނބުރުނު ކަމަށް ވިދާޅުވި އެވެ.
"ބ. އަތޮޅާއި ތ. އަތޮޅު އެއީ ފިފްޓީ ފިފްޓީގައި ތިބި ބައެއް. އެކަމަކު އެ ދެ އަތޮޅު ވެސް އައީ އަޅުގަނޑުމެންނާ ދިމާއަށް. އދ. އަތޮޅު ވެސް ފުރަތަމަ ފަހަރަށް އަޅުގަނޑުމެންނަށް މި ލިިބުނީ. އެހެން ނޫނީ އެއީ ގާސިމާއި އެމްޑީޕީ އާއި ޕީޕީއެމަށް ބެހިފައި އޮންނަ އަތޮޅެއް. އެކަމަކު އައީ އަޅުގަނޑުމެންނާ އެއްކޮޅަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުއިއްޒުގެ މި ކާމިޔާބީއާ އެކު މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާ ފަސޭހަވާނެ އެވެ.
"މިހާރު މީހުން ތިބީ ބިރު ފިލާފައި. ގިނަ މީހުން ބަލަނީ ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ނާންނާނެ ކަމަށް. ރައީސް ޔާމީންގެ ސަޕޯޓާ އެކު އަޅުގަނޑުމެން ޔަގީނުން ވެސް މި އިންތިހާބު ނަގާނަން،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ޑރ. މުއިއްޒު. އެ ތަފާތު މި ދައްކާލީ."