10 ސެޕްޓެމްބަރ 2023 - 09:13

ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީކޮށް ކެމްޕެއިނަށް ހުޅުވާލުމުގެ މަހެއްހާ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުތައް ފެއްޓެވި އެވެ. ސަރުކާރު ހިންގާ ޕާޓީއަށް ވެފައި ހުރިހާ ބާރުތަކާއި ވަސީލަތްތަކާއެކު ގާތްގަނޑަކަށް ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިނުގައި މާ ބޮޑަށް ވެސް ކުރި ހޯއްދެވި އެވެ.

ކެމްޕެއިނުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި މަޝްރޫއުތަކެއް ވެސް އިފްތިތާހު ކުރެއްވި އެވެ. ފެނަކަ އޮފީހާއި ފެނާއި ނަރުދަމާ އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރައްވަމުން ގެންދެވި އެވެ. އަދި އިންތިހާބާ ކައިރިކޮށް ގިނަ އަދެދެއްގެ މަޝްރޫއުތަކެއް އަލަށް ފައްޓަވައި އާ މަޝްރޫއުތައް އިއުލާން ވެސް ކުރައްވަމުން ގެންދެވި އެވެ. މާސިންގާ ބޮޑެތި ވައުދުތައް ކުއްލިއަކަށް ވާން ފެއްޓެވި އެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަޒީފާތައް އައީ "އޮހެމުން" އެވެ. އެހާ ވެސް ނުފޫޒު އޮތެވެ.

މާލެ އާއި ރަށްރަށުގައި ގާތްގަނޑަކަށް އެކީ އެކައްޗަކަށް ގިނަ އަދަދެއްގެ ކެމްޕެއިން ހަރަކާތްތައް ހިނގަމުން އައިސް ކެމްޕެއިނުގައި "ދެން އަތު ނުވާނެ" ކަމަށް އެމްޑީޕީން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދިމާވި އޭގެ އަނެއްކޮޅެވެ. އިންތިހާބު އައިސް ޖެހުނު އިރު އިދިކޮޅުން ދިޔައީ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކޯޓުތަކަށް ހިނގަމުންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އެންމެ ދުވަހަށް ވެފައި ވަނިކޮށް އެންމެ ފަހުން ސުޕްރީމް ކޯޓުގެ ހުކުމަކާއެކީ ޕީޕީއެމް/ޕީއެންސީ "ތަޅައިގަތެވެ".

ނާއުންމީދާއި ހަމަނުޖެހުންތަކުގެ ތެރޭގައި ޕީއެންސީގެ ކެންޑިޑެސީ ކަށަވަރު ކޮށްގެން އިދިކޮޅުގެ "ބޮޑު ހަނގުރާމަ" ހަމައަކަށް އަޅުއްވައި ދެ ޕާޓީގެ ތެރެއިން ކާމިޔާބު ހޯއްދަވައިގެން މުއިއްޒަށް ކެމްޕެއިނަށް ނުކުމެވަޑައިގަނެވުނު އިރު ބާކީ އޮތީ ފަންސަވީހަކަށް ދުވަހެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އަމިއްލަ އަށް ވަޑައިނުގަނެވޭނެ ކަން ޔަގީން ވާތީ އެއް ދިމާލަށް ރަނިން މޭޓު ފޮނުއްވައި ލީޑާޝިޕް އެކި ދިމާތަކަށް ބަހާލައިގެން ކެމްޕެއިން ކުރެއްވި އެވެ.
ކެމްޕެއިންގެ ތެރޭގައި ވެސް އެތައް ގޮންޖެހުންތައް ފެނުނެވެ. އިދިކޮޅު ޕާޓީ އަށް ވުމާއި ވަސީލަތްތައް މަދެވެ. އެމްޑީޕީން ކެމްޕެއިނަށް ރަށްރަށަށް ހަރަދު ކޮށްލާފައި ހުރި އަދަދާ ކައިރިކުރާ ވަރަށް ވެސް ޕީއެންސީ އަކަށް ނުކުރެވެ އެވެ. ހަރަކާތްތަކާއި ޖަލްސާތައް އެންމެ ފުރިހަމަ އަށް ނޫނަސް ވަރަށް ބާރު ސްޕީޑެއްގައި މުއިއްޒު ގެންދެވީ އެ މަސައްކަތް ކުރަމުންނެވެ.
ކަން މިހެން އޮތް ނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާ ރޭ އަންނަ ފެށިއިރު މަންޒަރު އޮތީ މުޅިން އަނެއްކޮޅަށް އަނބުރާލައިފަ އެވެ. ސަރުކާރުގެ ހުރިހާ އާރަކާއި ބާރެއް އޮތް އެމްޑީޕީ އަށް ވުރެ އިދިކޮޅުގެ ކުޑަ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ނުކުތް މުއިއްޒު މާ ބޮޑަށް ވެސް ކުރި ހޯއްދަވައިފި އެވެ.
ކެމްޕެއިން ކުރަން ލިބުނު ވަގުތާއި ވަސީލަތްތަކާ އަޅައި ކިޔާއިރު ވެސް ރިޔާސީ އިިންތިހާބުގައި މިހާ ބޮޑު ތަފާތެއް ދެއްކި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްވީ މައިގަނޑު ހަތަރު ކަމެކެވެ.
އަދުރޭ ވިދާޅުވި ގޮތުގައި އެއް ކަމަކީ ޔާމީނަށް ނުހައްގުން ހުކުމް ކޮށްގެން އެމަނިކުފާނު ޖަލުގައި ބޭއްވުން ރައްޔިތުން ބަލައި ނުގަތުމެވެ. ހަމަ އެއާއެކު މިހާރު ވެރިކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޑރ. މުއިއްޒަށް ވުރެ ގާބިލް ބޭފުޅަކު ނެތް ކަން ރައްޔިތުންނަށް އެނގޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަނެއް ސަބަބަކީ އަދުރޭ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދިވެހިންގެ ތަނެއް ގޮތުގައި ބާއްވަން ރައްޔިތުން ބޭނުން ވުމެވެ. ވަކި ގައުމަކުން ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވިޔަސް ރައްޔިތުންގެ ބާރު ދައްކާލި ފަހަރެއް ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. އަދި ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން ކުރި ބުރަ މަސައްކަތްތަކާއި ދެ ޕާޓީ އަށް ރާއްޖޭގައި އަދިވެސް ތާއީދު އޮތް މިންވަރު ފެނިގެން ދިޔަ އިންތިހާބެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ސަރުކާރުގެ ހުރިހާ ބާރަކާއި އާރަކާއި ނުފޫޒަކާ އެއްކޮށް ނޫންތޯ މި މީހުން މި ނުކުތީ. އަޅުގަނޑު ކަނޑައެޅިގެން ދަންނަވާފަ އޮންނާނެ އިބްރާހިމް މުހައްމަދު ސޯލިހަށް 40 ޕަސެންޓު ވެސް ނުލިބޭނެ އޭ،" އަދުރޭ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނާކާމިޔާބީ އާއި މުއިއްޒު ކާމިޔާބު ހޯއްދެވި ސަބަބު އިތުރަށް ތަފްސީލް ކޮށްދެއްވަމުން އަދުރޭ ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ވައްކަމާއި ހިޔާނާތާ ދެކޮޅަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގަ އެވެ. އަދި ކޯޓުތައް މިނިވަން ކުރުމާއި ރައްޔިތުންނަށް އިންސާފު ހޯދައި ދޭން އައި ބައެއްގެ ގޮތުގަ އެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމްއެމްޕީއާރްސީގެ މައްސަލާގައި ޔާމީން ނޫން ނަމެއް ސަރުކާރަށް ނުފެނުނު ކަމަށް އަދުރޭ ވިދާޅުވި އެވެ. އެމަނިކުފާނުގެ މައްޗަށް އަމަލު ކުރެއްވީ ކޯޓުތައް ބޭނުން ކުރައްވައިގެން ނާއިންސާފުން ކަމަށާއި ހިޔާނާތުގެ ލިސްޓުގައި 200 އަށް ވުރެ ގިނަ މީހުން ތިބި އިރު އެއްވެސް ފިޔަވަޅެއް ނޭޅުނު ކަމަށް އަދުރޭ ވިދާޅުވި އެވެ.
ހިޔާނާތުގެ މައްސަލާގެ ފަހަތުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިދިޔަ ފަސް އަހަރު ތެރޭ ގިނަ ދުވަސްތައް ހޭދަކުރެއްވީ ލަގްޒަރީ އެޕާޓްމަންޓުތަކުގަ އެވެ. އަދި އޭނާ ފަހު ވަގުތު ފުރުވައިލީ އެވެ. ހިޔާނާތުގެ ތުހުމަތެއް މި ސަރުކާރުގެ މީހަކަށް ކުރެވިފައިވާ ނަމަ އެ މައްސަލަތައް ކޯޓުން އަނބުރާ ގެންދިޔައީ އެވެ. ހިޔާނާތުގެ ފައިސާ ހޯދަން ކޮމިޝަނެއް އެކުލަވައިލި ނަމަވެސް ފައިސާ ރިކަވާ ކުރުމުގެ ބަދަލުގައި ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށް ދައުލަތުން ގެއްލުނީ އިތުރު ބޭކާރު ހަރަދުތަކެކެވެ.
"އެއްވެސް ކަމެއް ނުއެއް ބެލުނު. ސަރުކާރަށް ނިސްބަތްވާ މީސްމީހުންގެ ކޮރަޕްޝަންގެ މައްސަލަތައް އަނބުރާ ގެނައި. މިއަދު މި އިނގެނީ ރައްޔިތުންނަކީ ގުނބޯ ހެއްދޭނެ ބައެއް ނޫން ކަން. ރައްޔިތުން ކަންކަން ބަލައި ދިރާސާކޮށް ހަގީގަތް އެބަ ހޯދާކަން،" އަދުރޭ ވިދާޅުވި އެވެ.
މި ސަރުކާރަށް ލިބުނު އެންމެ ބޮޑު އަނެއް ޑެމޭޖަކީ އިންޑިއާގެ މައްސަލަ އެވެ. މުއިއްޒުގެ ކެމްޕެއިން ވަރަށް ފަހުން ފެއްޓެވި ނަމަވެސް ވެރިކަމުގެ ވަރަށް ކުރީކޮޅުން ފެށިގެން އިންޑިއާ ސިފައިން ތިބި މައްސަލަ އާއި އެގްރީމަންޓުތަކުގެ ކަންބޮޑުވުމުގެ ވާހަކަތައް ދައްކަން ފަށައިފި އެވެ.
އެންމެ ފުރަތަމަ ސަރުކާރުން ތިބީ އެ ހުރިހާ ވާހަކައެއް ދޮގު ކޮށްގެންނެވެ. ފަހުން އެކި ފޯރަމްތަކުގައި އެ ވާހަކަތައް ގަބޫލު ވެސް ކުރި އެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މި މައްސަލަތަކުގައި ސަރުކާރުން ދެއްކި ހުއްޖަތްތައް ގަބޫލު ކުރަން އެތައް ބަޔަކަށް ދަތިވި އެވެ. ކާޑު ނުލިބި ދާނެތީ ސިފައިންގެ އަދަދު ހާމަ ނުކުރުމާއި ގޮތް ނޭނގޭ އެއްބަސްވުންތައް އެއްގޮތަކަށް ވެސް ހާމަ ކުރަން ދެކޮޅު ހެދުން ވީ ރައްޔިތުން ގަބޫލުކުރާ ކަހަލަ ވާހަކަތަކަކަށް ނޫނެވެ.
މީގެ އިތުރުން އިންޑިއާ އިން އެތައް ފައިސާ އެއް ރާޢްޖެ އަށް ބަންޑުން ޖަހަމުން ދިޔުމާއި އެތައް މަޝްރޫއުތަކެއް އެ ގައުމުގެ ކުންފުނިތަކަށް ދިނުމާއި އިންޑިއާ އިން ނޫނީ ރާއްޖެ އަށް ބިދޭސީން ނުގެނެވޭ ގޮތް ހެދުމާއި އެންމެ ފަހުން މާލޭގައި އިންޑިއާ މީހުންނާ ގުޅޭ އެކި ކުށްތައް ވެސް ގިނަ ވުމާއެކު އިދިކޮޅުން އެންމެ ބޮޑަށް ދެއްކި އެ ވާހަކަތައް އައީ ރައްޔިތުންނަށް އިތުރަށް ގަަބޫލު ކުރެވެމުންނެވެ.
އަދުރޭ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ރައްޔިތުން ދިނީ ވަރަށް ސާފު މެސެޖެކެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުން ނުވާ ކަމެވެ. ގޮތް ނޭނގޭ އެގްރީމަންޓުތަކުގެ ދިފާއުގައި ސަރުކާރުން ދެއްކި ދެކޮޅު ނުޖެހޭ ވާހަކަތައް ރައްޔިތުން ބަލައި ނުގަތުމެވެ.
"ރައްޔިތުންނަށް ވަރަށް ސާފު ސަރުކާރުން ކަންކަން އޮޅުވާލައިގެން އުޅޭ ކަން. ހުރިހާ ކަމަކަށް ވުރެ ދިވެހިންނަށް މުހިންމުވީ ގައުމު. މިނިވަންކަން އަދި ވަކިން ހާއްސަކޮށް ދިވެހިންނަކީ ދީނަށް ލޯބި ކުރާ ބަޔަކަށް ވާތީ މިކަންކަން ބަލައިނުގަތީ،" އަދުރޭ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން، ކުދި ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުކުރުމެއް ނެތި ތަރައްގީ ގެންނަވާނެ ވާހަކަ ދިޔައީ ވިދާޅުވަމުންނެވެ. އަދި ރައްޔިތުންނަށް ފުރަތަމަ އަސާސީ ހިދުމަތްތަކެއް ފޯރު ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް މި ސަރުކާރުގެ ބާރުގަދަ މަޖިލިސް މެންބަރުން ނިސްބަތްވާ ދާއިރާތަކުންނާއި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގި ސަރަހައްދުތަކުން ވެސް އޮތީ މުއިއްޒު ކުރި ހޯއްދަވައިފަ އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންނަށް ތަރައްގީގެ މާނަ ވަރަށް ބޮޑަށް ވަނީ ބަދަލުވެފަ އެވެ.
ފެނާއި ނަރުދަމާ އާއި ބަނދަރަކީ ރައްޔިތުންނަށް ކޮންމެހެން ވެސް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތެއް ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރައްޔިތުން މިހާރު އުންމީދު ކުރަނީ ސަރުކާރަކުން ބިޔަ މަޝްރޫއުތަކެއް ރަށްރަށަށް ވެސް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ގިނަ މަޝްރޫއުތަކެއްގެ ވާހަކަ ވިދާޅުވި ނަމަވެސް ރަށްރަށުގައި އެ މަޝްރޫއުތައް ކުރިޔަށް ނުގޮސް ހުރި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"އިންތިހާ އަށް ދޮގު ހެދީ. 125 ރަށުގައި ބަނދަރު ހެދި ކަމަށް ބުނި އިރު އަޅުގަނޑުމެން އެ ރަށްރަށަށް އެރުމުން މި އިނގުނީ މަސައްކަތްތަކެއް ފަށާފައި ހުރި ކަމަށް. އެއްވެސް ވަރަކަށް ކުރިއަކަށް ނުދޭ. ކުދި ރަށްރަށުގައި ވެސް ނަރުދަމާ އަޅަން ފައްޓައިފަ ހަތަރު އަހަރު ވެފަ އެބަހުރި ނުނިމި." އަދުރޭ ވިދާޅުވި އެވެ.
މި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ސަބަބާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާ ސުވާލު ކުރުމުން އޭނާ ދެއްކެވީ މުޅިން އެހެން މަންޒަރެކެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މި އިންތިހާބުގައި އެމްޑީޕީ އަށް ލިބުނީ އެ ޕާޓީން އެއްގޮތަކަށް ވެސް އުންމީދު ކުރި ނަތީޖާއެއް ނޫނެވެ. އަނެއްކޮޅުން ފެނުނީ ޔާމީންގެ މުޅި ސަޕޯޓު އޮތް ގޮތަށް މުއިއްޒަށް ލިބިވަޑައިގަތް މަންޒަރެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނިކުތުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މައްސަލަތަކެއް ހުރި ކަން މި ފެންނަނީ. އެ މައްސަލަތަކަކީ ކޮބައިތޯ ބަލަން އަޅުގަނޑުމެން ޖެހޭ. އިންތިހާބުގެ ނަތީޖާ އެނަލައިޒް ކުރުމުގެ މަސައްކަތް މި ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް އެތައް މިނިވަންކަމެއް ދިން އިރު ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމަކީ އެންމެ ފުޅާމިނެއްގައި ދޫކޮށްލި ދެ ދާއިރާ އެވެ. އެހެން ނަމަވެސް އޭގެ ފައިދާ ނާޖާއިޒް ގޮތުގައި ހިފައި ބައެއް ފަރާތްތަކުން ސަރުކާރާ ގުޅުވައި ވަރަށް ބޮޑަށް ދޮގު ހަބަރުތައް ފަތުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ގެއްލުން ވަރަށް ބޮޑަށް ކުރާނެ ކަމަށް ފައްޔާޒް ގަބޫލު ކުރައްވަ އެވެ. އެހެން ނަމަވެސް ސަރުކާރާ ގުޅުވައި ދޮގު ހަބަރުތައް ފަތުރާތީ ޑިކްޓޭޓާޝިޕް އަކުން އަމަލު ކުރާ ގޮތަށް އަމަލު ކުރަން ބޭނުން ނުވީ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ސްޓެބިލިޓީ ގާއިމްވެފައި އޮތުމާއި އަދި ގިނަ ބަޔަކު ވޯޓުލާން ނެރުމަށް އެމްޑީޕީ އަށް ވެސް މަސައްކަތް ނުކުރެވުނު ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހާ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުނިކުތުމުގެ ގެއްލުން އެ ޕާޓީ އަށް ކުރި އިރު އިދިކޮޅު ލީޑަރު ޔާމީންގެ ވޯޓާޒް ބޭސް އެއްކޮށް މުއިއްޒަށް ވޯޓު ލާފައީވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީ ނާކާމިޔާބުވި އެންމެ ބޮޑު އަނެއް ސަބަބެއް ކަމަށް ފައްޔާޒް ވިދާޅުވީ އެއީ ޕާޓީ ބައިބައިވުމެވެ.
ރާއްޖޭގައި ސިޔާސީ ފިކުރު ބެހިފައި އޮތް ގޮތަށް މާ ބޮޑު ބަދަލެއް ނާންނަ މަންޒަރު އިންތިހާބުގެ ނަތީޖާ އިން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބަދަލުވި ކަމަކީ އެމްޑީޕީ ދެބައިވެ ވަރަށް ގިނަ ވޯޓުތަކެއް އެ ޕާޓީ އަށް ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މައްޗަށް އެތައް ބަޔަކު ވޯޓުލާން ފޫހިވެފައި ހުރުމުން އޭގެ ގެއްލުން އެ ޕާޓީ އަށް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެފައި ހުރި މުހިންމު ވައުދުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އެ ވައުދުތައް ކޮންމެވެސް ވަރަކަށް ލަސްވި ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިދާނެ އެވެ. އެހެން ނަމަވެސް ގައުމަށް ދިމާވި ހާލަތަށް ބަލާފައި އެކަންކަން ކުރިޔަށް ގެންގޮސްފައި އޮތީ ގެންދެވޭނެ އެންމެ ބާރު ސްޕީޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެނަލައިޒް ކުރަމުން މި ދަނީ. އަޅުގަނޑުމެންނަށް މީހުން ވޯޓަށް ނުނެރެވިފައި މި އޮތީ. އެއީ ކިހިނެތް ހިނގި ކަމެއްތޯ ކެމްޕެއިންގެ މައްސަލައެއްތޯ އެ ހުރިހާ ކަމެއް ވެސް އެނަލައިޒް ކޮށްފައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކޮށްފައި ދެވަނަ ބުރަށް ދާނީ،" ފައްޔާޒް ވިދާޅުވި އެވެ.