09 ސެޕްޓެމްބަރ 2023 - 22:18

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ މައްޗަށް ޕީޕީއެމްގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ކުރި ހޯއްދަވައިފި އެވެ. އެކަމަކު އެއްވެސް ބޭފުޅަކަށް އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓު ލިބިވަޑައި ނުގަތުމުން، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ދާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.
ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މި އިންތިހާބުގައި ވޯޓު ލީ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ މަދު މީހުންނެވެ. އެއީ، ފަހުގެ ތާރީހުގައި ބޭއްވި އިންތިހާބުތަކަށް ބަލާއިރު ވަރަށް ދަށް އަދަދެކެވެ.
އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި މުއިއްޒަށް ގާތްގަނޑަކަށް 46 ޕަސެންޓް ލިބިވަޑައިގަންނަވާނެ ކަމަށް މިހާރު ބެލެވެ އެވެ. އެއީ، ގާތްގަނޑަކަށް 97،000 ވޯޓެވެ. ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 39 ޕަސެންޓް ވަރެވެ. އެއީ ގާތްގަނޑަށް 82،000 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރުމަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ބޭނުންވެ އެވެ.
އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ޑިމޮކްރެޓްސް އަށެވެ. އެއީ ގާތްގަނޑަކަށް ހަތް ޕަސެންޓް ނުވަތަ 15 ވަރަކަށް ހާސް ވޯޓެވެ.
މި އިންތިހާބުގައި ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. އޭނާ ހިމެނޭނެ ކަމަށް ބެލެވެނީ 2.5 ޕަސެންޓެވެ. އަދި އެމްއެންޕީން ވާދަކުރެއްވި ދަނގެތީ ދާއިރާގެ މުހަންމަދު ނާޒިމަށް އެއް ޕަސެންޓް ވޯޓު ވެސް ހަމައެއް ނުވެ އެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަތަރު ވަނައިގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިލެކްޝަންސް އިން އިއުލާންކުރާނެ އެވެ.