04 ފެބުރުއަރީ 2017 - 09:36

ލަންޑަން (ފެބްރުއަރީ 4) – ޗެލްސީން ހޯދަމުން އަންނަ ޕޮޒިޓިވް ނަތީޖާތަކުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމާ އެކު އެއްގޮތަކަށް ވެސް ފަސޭހަކޮށްލައިގެން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއްގައި އޮތް ޗެލްސީން މިއަދު ހަވީރު ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ޗެލްސީން 56 ޕޮއިންޓް ހޯދާފައިވާއިރު ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ތިން ވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. އެކަމަކު ކޮންޓޭ ބުނީ އަދިވެސް ދިގު ދަތުރެއް އެބައޮތް ކަމަށާއި މިހާތަނަށް ހޯދިފައިވާ ނަތީޖާތަކަށް ބަލައިގެން ފަސޭހަކޮށްލެވެން ނެތް ކަމަށެވެ.
"ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެމެން އެންޓެނާ ވަރަށް އުހަށް ނަގާފައި ބަހައްޓަން ޖެހޭ. މިހާރު ލީގު ނިމިއްޖެ ކަމަ ބުނާ ބުނުމަށް އަހަރެން އެއްބަހެއް ނުވަން. އަދި އެބައޮތް 15 މެޗު ކުޅެން. އަހަރެމެންގެ ފަހަތުގައި ވަރުގަދަ ޓީމުތަކެއް އެބައޮތް،" ކޮންޓޭ ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެމިރޭޓްސްގައި ޗެލްސީ ވަނީ އާސެނަލް އަތުން 3-0 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު ޗެލްސީގެ ފޯމޭޝަން 3-4-3 އަށް ބަދަލުކުރިއިރު، އޭގެ ފަހުން އެ ޓީމު ވަނީ ޖެހިޖެހިގެން 13 މެޗުން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ޗެލްސީ އަތުން ޕޮއިންޓް ގެއްލުނީ އެންމެ ދެ ފަހަރު އެވެ. އެއީ ޓޮޓެންހަމް އަތުން ބަލިވި މެޗާއި އެންމެ ފަހުން ލިވަޕޫލާ 1-1 އިން އެއްވަރުވި މެޗެވެ.
ކޮންޓޭ ބުނީ މި ހުރިހާ ސަބަބުތަކަށްޓަކައި އާސެނަލް މެޗު އޭނާގެ ހަނދާނުގައި ހުންނާނެ ކަމަށެވެ.
"އެ މެޗުން ވީ ބަލި މާޒީވެއްޖެ. އެކަމަކު އެ މެޗު މަތިން ހަނދާން ކުރުން ވަރަށް މުހިއްމު. އެއީ ވަރަށް ބޮޑު ބައްޔެއް. ފުރަތަމަ ހާފުގައި 3-0 އިން ބަލިވެފައި އޮތީ. އެކަމަކު އެ މެޗަށް ފަހު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ. ކުޅުންތެރިން ވެސް އެ މެޗުގެ މަތިން ހަނދާން ކުރަން ޖެހޭ،" ކޮންޓޭ ބުންޏެވެ.
މި ސީޒަނަށް ފަހު ޗެލްސީ ދޫކޮށް ޗައިނާ ލީގަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ ފޯވާޑް ޑިއޭގޯ ކޮސްޓާއާ ބެހޭގޮތުން ސުވާލުކުރުމުން ކޮންޓޭ ބުނީ ކޮންމެ ހަފުތާއަކު އޭނާއާ ބެހޭގޮތުން ތަފާތު ވާހަކަތައް އަޑުއިވޭ ކަމަށެވެ.
"އަހަންނަށް ހީވަނީ މިވަގުތު މުހިއްމީ ލީގަށް ސަމާލުކަންދިނުންހެން. އަހަރެމެން މިއޮތީ ރަނގަޅު ހިސާބެއްގައި. ކޮސްޓާ އަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް. އޭނާ ޗެލްސީގައި ހުރީ އުފަލުން. ޓްރާންސްފާ ބާޒާރު އޮތީ ދުރުގައި. މިވަގުތު ވިސްނަންވީ ލީގަށް،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 17:30 ގަ އެވެ.