04 ފެބުރުއަރީ 2017 - 08:59

އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވީ މިދިޔަ ހަތަރު ވަރަކަށް އަހަރު އެންމެ ވާދަވެރިކޮށް ފެނުނު ނިއު ރޭޑިއަންޓާއި މާޒިޔާ އިންނެވެ. ދެ ޓީމުން ވެސް މި އަހަރު ފެންނާނެ އެއް ތަފާތަކީ ބިދޭސީ ކޯޗުންނެވެ. މާޒިޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗަކާ އެކު ނުކުންނައިރު، ނިއު ވެސް ރަސްމީ އާދައިގެ މަތިން ނުކުންނާނީ ބިދޭސީ ކޯޗަކާ އެކު އެވެ.

މާޒިޔާ އަށް ގެނެސްފައިވަނީ ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް އިރުޝާދުދިން މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ އެވެ. އޭނާ އަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އޭނާ ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2013 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ސެކުލޮސްކީގެ އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިންއިރު މާޒިޔާ އަތުންނެވެ. މާޒިޔާ އެ ފަހަރު މޮޅުވީ 3-1 އިންނެވެ. އޭނާ ވަނީ އަނެއް ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗުންވީ އެއްވަރެވެ.
ނިއު އަށް ގެނައި ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް ވަނީ 2005-2008 އަށް ޕޯޗުގަލްގެ ތިން ވަނަ ޑިވިޝަނުގެ އަލްކޮބަކާގެ ޔޫތު ޓީމުތަކުގެ ހެޑްކޯޗުކަންކޮށް ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ ކަރެގަޑޯގެ އެސިސްޓަންޓް ކޯޗުކަންކޮށް ޕޯޗުގަލް ލީގުގެ ބެލެނެންސެސްގެ ހެޑްކޯޗުކަން ވެސް ކުރި އެވެ.
އޭނާގެ އޭޝިއާގެ ކޯޗިން ތަޖުރިބާ ފަށާފައިވަނީ 2013 ވަނަ އަހަރެވެ. އެގޮތުން ބަހްރޭން ޕްރިމިއާ ލީގުގެ އަލް-ހިދު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށް އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕުގައި ކޯޗުކޮށްދިނެވެ. އޭގެ ފަހުން އޮމާން ލީގުގެ އަލް-ނަހްދާ ކްލަބަށް އޭއެފްސީ ކަޕުގައި ކޯޗުކޮށްދިނެވެ.
އާ ސީޒަނަށް ނިއު އާއި މާޒިޔާ އިން ވެސް ކަނޑައެޅި ޓާގެޓަކީ ސީޒަންގެ ހުރިހާ މުބާރާތެކެވެ. އެ ޓާގެޓަށް ވާސިލްވާން މެނޭޖްމަންޓުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ދެ ކްލަބްގެ އިސް ފަރާތްތަކުން ދިނެވެ.
ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން މިދިޔަ ސީޒަނުގައި މާޒިޔާ ނުކުތް ނަމަވެސް އެ ޓީމަށް ލިބުނީ އުރީދޫ ދިވެހި ޕްރިމިއާ ލީގު އެކަންޏެވެ. އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ކެޓިއިރު، ޕްރެޒިޑެންޓްސް ކަޕު ނިމުނީ ސެމީއާ ހަމައިންނެވެ.
އަހަރުތަކަަކަށް ފަހު ނިއު މިދިޔަ އަހަރު ނިންމާލީ ހުސްއަތާ އެވެ. ޓީމު ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތްއިރު، ލީގުގެ ގަދަ ހަތަރަކުން ވެސް އެ ޓީމަށް ޖާގަ ގެއްލުނެވެ. މި އަހަރަށް ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރުމަށް ފަހު ނިއު އިން ޓާގެޓްކުރީ އެ ޓީމު ކުރިން އޮތް މަގާމަށް އަލުން ދިއުމަށެވެ. އެކަން ކުރުމަށް އޮތް މަގަކީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން ކަމަށް ނިއު އިން ގަބޫލުކުރެ އެވެ.
ޓަވަރެސް އާއި ސެކުލޮސްކީ ވެސް އަމާޒަކީ މެނޭޖްމަންޓުގެ ޓާގެޓަށް ވާސިލްވުމެވެ. ދެ ކޯޗުންގެ ފަރާތުން ޕްރެކްޓިސްތަކުގައި ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ދެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ދެ ޓީމުގެ ކުޅުންތެރިން ވެސް ބުނަމުން އަންނަނީ ކޯޗާ އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށާއި މިއީ ކާމިޔާބު އަހަރަކަށް ހެދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"ކޯޗު އެކި ގޮތްގޮތަށް ބުނެދޭ ކުޅުން ރަނގަޅު ކުރެވޭނެ ގޮތްތައް. ވަރަށް އުނދަގޫ ފުރަތަމަ ދުވަސްތަކުގައި އެކަމަކު ކޯޗުގެ ވިސްނުމާ އެއްގޮތަށް އެކަން އޮޅުންފިލާ ހިސާބުން ދެން ނަގައިގަންނަށް ވަރަށް ފަސޭހަ. މި ކޯޗާ މެދު ވަރަށް އިތުބާރު ބޮޑު،" މާޒިޔާގެ ސީނިއާ ކުޅުންތެރިޔަކު "މިހާރަ"ށް ބުންޏެވެ.
ރަނގަޅު ޕްރީ ސީޒަނެއް ކޮންމެ ޓީމަކަށް ވެސް މުހިއްމުވާނެ އެވެ. ގިނަ ކޯޗުން ބޮޑެތި ޕްލޭންތައް ޕްރީ ސީޒަންގައި ހަދަ އެވެ. އަދި ކުޅުންތެރިންގެ ފިޓްނަސް ޓެސްޓް ކުރުމަށާއި އޭނާގެ ޓެކްޓިކްސް އަށް ކުޅުންތެރިން ހާނުވަން ފަރިތަކުރުންތަކުގައި މަސައްކަތްކުރެ އެވެ. ޓަވަރެސް އާއި ސެކުލޮސްކީ ވެސް އަންނަނީ އެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.
"ކޯޗުގެ އެންމެ ބޮޑު ޝަކުވާ އަކީ ކުޅުންތެރިންގެ ފިޓްނަސް. އެބައި ރަނގަޅު ކުރަން ހާއްސަކޮށް ވިސްނައިދޭނެ. ކުރަންވީ ކަންތައްތަކާއި ފިޓްނަސް ހިފެހެއްޓޭނެ ގޮތްތައް ވަރަށް ރަނގަޅަށް ބުނެދޭ. ކޯޗުގެ ވިސްނުމާ އެއްގޮތަށް ކުޅުންތެރިން ކުރިއަށް ގޮސްފިނަމަ ނިއު މި އަހަރު ތަފާތު ވާނެ،" ނިއުގެ ކުޅުންތެރިޔަކު ބުންޏެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނިއު އާއި މާޒިޔާ އިން ވެސް ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ހަމަކޮށްފަ އެވެ.
ނިއު އާއި މާޒިޔާ އިން ވަނީ މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ޕްރެކްޓިސް މެޗެއް ކުޅެފަ އެވެ. އެ މެޗަކީ ސީޒަނަށް ތައްޔާރުވާން ކުޅުނު މެޗެއް ނަމަވެސް ފެނުނީ މާ ވާދަވެރި މާހައުލެކެވެ. ދެ ޓީމުގެ ސަޕޯޓަރުންނާ އެކު އޮތް ފޯރިގަދަ ކުރިމަތިލުމެކެވެ. ދެ ޓީމުން ވެސް ކުޅުނީ ނޮކައުޓް މެޗެއް ކަހަލަ ގޮތަކަށެވެ.
އާ ސީޒަން މި މަހު 15 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، މި އަހަރު އެންމެ ފޯރިގަދަވާނެ އެއް ކުރިމަތިލުމަކީ ނިއު އާއި މާޒިޔާގެ މެޗުތަކެވެ. ދިވެހި ޕްރިމިއާ ލީގު ތައާރަފްކުރި ފަހުން ލީގު އުފުލާލި ދެ ޓީމަކީ ނިއު އާއި މާޒިޔާ އެވެ. ދެ ޓީމުގެ ވެސް އޮތީ އެއް އަމާޒެކެވެ. އެހެންކަމުން މިއީ ވާދަވެރިކަން ބޮޑުވާނެ ސަބަބެކެވެ.